އިޒުރޭލާއި ފަލަސްތީނުގެ އަރައިރުން

ފަލަސްތީނަށް އެހީވުން އިތުރު ހަރުފަތަކަށް ގެންދަންޖެހޭ: ރައީސް

ފަލަސްތީނުގެ ރައްޔިތުންނަށް އެހީވުމުގައި މިހާރު ކުރާ މަސައްކަތްތައް އިތުރު ހަރުފަތަކަށް ގެންދަންޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް މިހެން ވިދާޅުވީ އެމަނިކުފާނުގެ އެދިވަޑައިގަތުމަކަށް ދައުލަތުގެ މީޑިއާ -- ޕީއެސްއެމް އިން "ފަލަސްތީނާއެކު ދިވެހިން"ގެ ނަމުގައި ކުރިއަށް ގެންދާ ޓެލެތޯން ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ މިހާރުވެސް ފަލަސްތީނަށް އެކި ގޮތް ގޮތުން ދިވެހިން ދީލަތި އެހީތަކެއް ވަމުންދާ ކަމަށާއި އެކަމަކު މިކަން އިތުރު ފަންތިއެއްގައި، އިތުރު ހަރުފަތަކަށް ގެންދަންޖެހޭ ކަމަށެވެ.

ރައީސް ވިދާޅުވީ ފަލަސްތީންގެ މައްސަލަ އަކީ ދެ ގައުމެއްގެ ދެމެދުގައި އޮތް މައްސަލައަކަށް ވުރެ ބޮޑަށް މުޅި އިސްލާމީ އުއްމަތަށް ދިމާވެފައި އޮތް މައްސަލައެއް ކަމަށެވެ. މިއީ ފަަލަސްތީނާއި އިޒްރޭލުގެ ދެމެދުގައި އޮތް މައްސަލައެއް ކަމަށް ބަލައި ފަލަސްތީންގެ މައްސަލައިގައި ލޯމަރާލައިގެން ނުވާނެ ކަމަށްވެސް ވިދާޅުވި އެވެ.

"ހަށިގަނޑުގެ އެންމެ ކުޑަ ތަންކޮޅަކަށް ތަދުވިޔަސް މުޅި ހަށިގަނޑުގައި އެކަމުގައި ވޭން އަޅާނެކަން މިސާލެއްގެ ގޮތުގައި އިސްލާމްދީނުގައި ވަނީ،" ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ފަލަސްތީނާ ގުޅޭގޮތުން މީގެކުރިން ވާހަކަ ނުދައްކަވާ ބޭފުޅުންވެސް މިއަދު އެ މައްސަލައާ ގުޅޭގޮތުން އަޑުއުފުލާ، އެހީވަމުންދާ ކަމަށެވެ. ފަލަސްތީންގެ މައްސަލައިގައި ކުރެވެން އޮތް ހުރިހާ ކަމެއް ކުރަމުންދާއިރު ފަލަސްތީނަށް އެހީވުމުގައި މިހާރަށް ވުރެ ދީލަތިވުމަށްވެސް ރައީސް އެދިވަޑައިގެންނެވި އެވެ.

"މުއްސަނދިން، ވިޔަފާރި ވެރިންވެސް އަދި އެންމެ އާދައިގެ ފަންތީގެ މީހުންވެސް ކޮށްދެވެން އޮތް އެހީއެއް ކޮށްދިނުން އަޅުގަނޑު އެދެނީ،" ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ފަލަސްތީނަށް އެހީވުމަށް މީގެކުރިން ކުރިއަށް ގެންދިޔަ ޓެލެތޯންތަކުގައިވެސް ދިވެހިންގެ ފަރާތުން ދީލަތި އެހީތަކެއް ލިބިފައިވާތީ މިފަހަރުވެސް އެކަން ފެންނާނެ ކަމަށް އުއްމީދުކުރައްވާ ކަމަށެވެ. އަދި މި ޓެލެތޯނުން ލިބޭ ފައިސާގެ ހުރިހާ ކަމެއްވެސް ކުރިއަށް ގެންދާނީ ދެފުށްފެންނަ ގޮތަށް ކަމަށްވެސް ވިދާޅުވި އެވެ.

ރައީސް މުއިއްޒު ވަނީ ފަލަސްތީންގެ މައްސަލައިގައި ހުރިހާ ވިސްނުމެއްގެ ބޭފުޅުންވެސް ބައިވެރިވެ ލާމަސީލު މިސާލެއް ދެއްކުމަށްވެސް އެދިވަޑައިގެންފަ އެވެ.