ފަލަސްތީން

ފަލަސްތީނަށް އެހީވުމަށް ޓެލެތޯނެއް ބާއްވަނީ

ފަލަސްތީނަށް އެހީވުމުގެ ގޮތުން ޓެލެތޯނެއް ކުރިއަށް ގެންދިއުމަށް ދައުލަތުގެ މީޑިއާ ހިންގާ ކުންފުނި -- ޕީއެސްއެމް އިން ނިންމައިފި އެވެ.

ޓެލެތޯން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ކުރިއަށް އޮތް ޖޫން މަހުގެ 12 ވަނަ ދުވަހުގެ ހެނދުނު 8:00 އިން ރޭގަނޑު 12:00 އަށެވެ.

ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރު ޒީނާ ޒާހިރާ ހަވާލާދީ މިރޭ ބައެއް ނޫސްތަކުގައި ބުނެފައިވަނީ ޓެލެތޯން ކުރިއަށް ގެންދާނީ އެކަމުގައި ބައިވެރިވާން ބޭނުންވާ ހުރިހާ މީޑިއާތަކާ ގުޅިގެން ކަމަށެވެ.

މީގެ އިތުރުން މި ހަރަކާތުގައި ބައިވެރިވުމަށް ބޭނުންވާ ކައުންސިލްތަކާއި ޖަމިއްޔާތަކަށްވެސް އެ ފުރުސަތު ދިނުމަށް ވަނީ ނިންމާފަ އެވެ.

ރާއްޖޭގައި މިހާތަނަށް ކުރިއަށް ގެންދިޔަ ޓެލެތޯން ތަކުގެ ތެރެއިން އެންމެ ގިނަ ބަޔަކު ބައިވެރިވެފައިވަނީ ފަލަސްތީނާ ގުޅުވައިގެން ބާއްވާ ޓެލެތޯން ތަކުގައެވެ. ފަލަސްތީނާ ގުޅޭ ޓެލެތޯން ތަކުގައި ދިވެހި ރައްޔިތުންގެ ފަރާތުން އަބަދުވެސް ވަރަށް ދީލަތި އެހީތަކެއް ލިބިފައިވެ އެވެ.

ފަލަސްތީން ރައްޔިތުންގެ ހައްގުގައި ވަކާލާތު ކުރުމުގައި ދިވެހިންނަކީ ނަމޫނާ ބައެކެވެ. އެކަން މާޒީގައި ވަރަށް ފުރިހަމައަށް ދިވެހިން ދައްކުވައިދީފައިވެ އެވެ.