ފަލަސްތީން

ފަލަސްތީނަށް އެހީވުމުގެ ޓެލެތޯން ފަށައިފި

ފަލަސްތީނަށް އެހީވުމުގެ ގޮތުން "ފަލަސްތީނާ އެކު ދިވެހިން"ގެ ނަމުގައި ދައުލަތުގެ މީޑިއާ ހިންގާ ކުންފުނި -- ޕީއެސްއެމް އިން ޓެލެތޯނެއް ފަށައިފި އެވެ.

ޕީއެސްއެމްގެ ޓީވީއެމްގައި މިއަދު އޮތް ރަސްމިއްޔާތެއްގައި މި ޓެލެތޯން ފައްޓަވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެވެ.

މިރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސަޖިދާ މުހައްމަދާއި، ނައިބް ރައީސް ހުސައިން މުހައްމަދު ލަތީފާއި އެމަނިކުފާނުގެ އަނބިކަނބަލުންނާއި ރައްްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲއާއި ވަޒީރުންނާއި ސަރުކާރުގެ އިސްވެރިންނާއި ކުންފުނިތަކުގެ އިސްވެރިން ބައިވެރިވެވަޑައިގަތެވެ.

ރައީސް ޑރ. މުއިއްޒުގެ އެދިވަޑައިގަތުމަކަށް ކުރިއަށް ގެންދާ މި ޓެލެތޯން ކުރިއަށްދާނީ މިއަދު ހެނދުނު 8:00 އިން މިރޭ 12:00 އަށެވެ.

ފަލަސްތީނަށް އެހީވުމަށް ޓެލެތޯން ކުރިއަށް ގެންދާތީ މާލެ ސަރަހައްދުގައި 13 ފަންޑު ފޮށިވެސް ވަނީ ބަހައްޓާފަ އެވެ. ފޮށިތައް ކައިރިއަށް ނުދެވޭ މީހުންނަށް ފަސޭހައިން އޮންލައިންކޮށްވެސް ފައިސާ ޖަމާކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަށް ދެ އެކައުންޓެއް ވަނީ ހުޅުވާފަ އެވެ. އެގޮތުން ދިވެހި ފައިސާއިންނަމަ ފައިސާ ޖަމާކުރާނީ 7730000655865 އަދި ޑޮލަރުންނަމަ 7730000655866 އެކައުންޓަށެވެ.

މި ޓެލެތޯން ކުރިއަށް ގެންދަނީ މިކަމުގައި ބައިވެރިވާން ބޭނުންވާ ސަރުކާރުގެ އިދާރާތަކާއި ލޯކަލް ކައުންސިލްތަކާއި ޖަމިއްޔާތަކަށްވެސް އެ ފުރުސަތު ދީގެންނެވެ.

ރާއްޖޭގައި މިހާތަނަށް ކުރިއަށް ގެންދިޔަ ޓެލެތޯން ތަކުގެ ތެރެއިން އެންމެ ގިނަ ބަޔަކު ބައިވެރިވެފައިވަނީ ފަލަސްތީނާ ގުޅުވައިގެން ބާއްވާ ޓެލެތޯން ތަކުގައެވެ. ފަލަސްތީނާ ގުޅޭ ޓެލެތޯން ތަކުގައި ދިވެހި ރައްޔިތުންގެ ފަރާތުން އަބަދުވެސް ވަރަށް ދީލަތި އެހީތަކެއް ލިބިފައިވެ އެވެ.

ފަލަސްތީން ރައްޔިތުންގެ ހައްގުގައި ވަކާލާތު ކުރުމުގައި ދިވެހިންނަކީ ނަމޫނާ ބައެކެވެ. އެކަން މާޒީގައި ވަރަށް ފުރިހަމައަށް ދިވެހިން ދައްކުވައިދީފައިވެ އެވެ.