ދުނިޔެ

ރަޝިއާގެ މަނަވަރުތައް ކިއުބާގައި ބަނދަރުކޮށްފި

ރަޝިއާގެ ހަނގުރާމަމަތީ ހަތަރު މަނަވަރެއް ކިއުބާގެ ވެރިރަށް ހަވާނާގައި ބަނދަރުކޮށްފި އެވެ.

މިއީ އެމެރިކާގެ އިސްތިއުމާރީ ބާރުތަކަށް ވަރަށް ބޮޑު ގޮންޖެހުމަކަށް ވާނެ ކަމަށް ތަޖުރިބާކާރުން ބުނެ އެވެ.

އެމެރިކާއާ މިހާ ގާތަށް ރަޝިއާގެ އަދި ހަނގުރާމައިގެ ހަމަލާތަކަށް ހާއްސަ ހަތަރު މަނަވަރެއް ފޮނުވުމުން އެމެރިކާ އޮތީ ވަރަށް ކަންބޮޑުވެފަ އެވެ.

ރަޝިއާ ބުނި ގޮތުން އެމެރިކާ ކިތަންމެ ކަންބޮޑުވިއެއް ކަމަކު ކިއުބާއާ އެކު އޮންނަ އަސްކަރީ ގުޅުންތައް ބަދަހިކުރުމުގައި ރަޝިއާ ދެމިއޮންނާނެ އެވެ.

ރަޝިއާގެ ރިޔާސީ ގަނޑުވަރު ކްރެމްލިންގެ ތަރުޖަމާން ދިމިތުރީ ޕެސްކޯފް ވިދާޅުވީ މިއީ ދެ ގައުމު ގުޅިންގެން ބާއްވާ އަސްކަރީ ފަރިތަކުތުންތަކަކަށް ދިޔަ މަނަވަރުތަކެއް ކަމަށެވެ.

ރަޝިއާއާ ވަރަށް ގާތުގައި އޮންނަ ޔުކްރޭނަށް އަސްކަރީ ގޮތުން އެހީ ނުވުމަށް އެމެރިކާގެ ކިބައިން ރަޝިއާ އާދޭސްކުރިއިރު އެއީ އެމެރިކާއަށް ކަންބޮޑުވާ ކަމަކަށް ނުވެފައި، ރަޝިއާގެ މަނަވަރުތަކެއް ކިއުބާއަށް ދިއުމުން ކަންބޮޑުވާން ޖެހޭ ސަބަބެއް އޮވެގެން ނުވާނެ ކަމަށް ޕެސްކޯފް ވިދާޅުވި އެވެ.

ކިއުބާ އޮންނަނީ އެމެރިކާއާ ދާދި ގާތުގަަ އެވެ. އަނެއްކޮޅުން މަނަވަރުތައް ބަނދަރުކުރި ހަވާނާ އޮންނަނީ އެމެރިކާއާވީ ފަރާތުގަ އެވެ.

ދިމިތުރީ ޕެސްކޯފް ވިދާޅުވި ގޮތުން އަސްކަރީ ތަމްރީންތަކަކީ ރަޝިއާއިން ކޮންމެ އަހަރަކު ދުނިޔޭގެ އެކި ދިމަދިމާގައި ބާއްވާ ހަރަކާތްތަކެކެވެ. އަސްކަރީ ހަރަކާތެއް އޮތުމަކުން އެއީ އެއްވެސް ގައުމެއްގެ މިނިވަންކަމަށް އޮތް ނުރައްކަލެއް ކަމަށް ދެކެގެން ނުވާނެ ކަމަށްވެސް ޕެސްކޯފް ވިދާޅުވި އެވެ.

ސިޔާސަތު ދިރާސާކުރާ މީހުން ދެކޭ ގޮތުގައި ރަޝިއާގެ މި ހަރަކާތަކީ އެމެެރިކާއާ ނުސީދާ ކުރިމަތިލުމެކެވެ. އެމެރިކާ ބޭނުންހާ ގޮތެއް - އަދި ނޭޓޯ ގައުމުތައް ބައިވެރިކޮށްގެން ރަޝިއާއަށް ހަދަމުންދާއިރު، ދުނިޔޭގެ ކަންކޮޅުތަކަށް ރަޝިއާގެ ބާރު ނުހިންގަވީ ސަބަބެއް ނެތް ކަމަށްވެސް ތަޖުރިބާކާރުން ބުނެ އެވެ.

ރަޝިއާގެ ރައީސް ލަޑިމިއާ ޕޫޓިންވެސް ވަނީ މިދާކަށް ދުވަހު އެމެރިކާގެ އަމަލުތަކާ ބެހޭ ގޮތުން ވާހަކަދައްކަވާފަ އެވެ.

އޭނާ ވިދާޅުވި ގޮތުގައި ރަޝިއާ ހިމޭނުން އޮތް އޮތުން ނިމުމަކަށް ގެންނާނެ އެވެ. އަދި ރަޝިއާގެ ބާރުތައް ދުނިޔެއަށް ފެތުރިގަންނާނެ ކަމަށްވެސް ޕޫޓިން ވިދާޅުވި އެެވެ. އަދި ވިދާޅުވީ އެމެރިކާގެ އަމަލުތައް ބަހައްޓާ ގޮތަކަށް ރަޝިއާގެ ހަރަކާތްތައްވެސް ބަދަލުކުރައްވާނެ ކަމަށެވެ.