އެމްއޭސީއެލް

ސެންޓުފުޅިތައް ވަގަށް ނެގި އެއާޕޯޓް މުވައްޒަފު ވަޒީފާއިން ވަކިކުރީ ރަނގަޅަށް

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގައި ކުރިން ހިންގި "ދޮވެމި" ފިހާރައިން ސެންޓުފުޅިތަކެއް ވަގަށް ނެގި ކަމުގެ ތުހުމަތުގައި ވަޒީފާއިން ވަކިކުރި މުވައްޒަފު، ވަޒީފާއިން ވަކިކޮށްފައިވަނީ ރަނގަޅަށް ކަމަށް ހައިކޯޓުންވެސް ކަނޑައަޅައިފި އެވެ.

މިއީ، 2020 ވަނަ އަހަރުގެ ކުރީކޮޅު އެއާޕޯޓްގައި ކުރިން ހިންގި ދޮވެމި ފިހާރައިން ފަސް ސެންޓު ފުޅި ވަގަށް ނެގި ކަމަށް ތުހުމަތު ކުރެވުނު އެއާޕޯޓްސް ކޮމްޕެނީގެ މުވައްޒަފަކު ވަޒީފާއިން ވަކިކުރި މައްސަލަ އެކެވެ.

ވީއައިއޭގައި 2014 ވަނަ އަހަރުން ފެށިގެން މަސައްކަތް ކުރަމުން އައި އެ މުވައްޒަފު ވަޒީފާއިން ވަކިކުރީ، 2020 ވަނަ އަހަރުގެ މާޗް މަހު އެވެ. އެ މުވައްޒަފު ވަޒީފާއިން ވަކިކޮށްފައިވަނީ ދޮވެމި ފިހާރައިން ފަސް ސެންޓްފުޅި ނެގި މައްސަލައިގައި އެ މައްސަލަ އިދާރީ ގޮތުން ތަހުގީގު ކުރުމަށް އެއްވެސް ނޯޓިސްއެއް ދިނުމެއް ނެތިއެވެ.

އެ މުވައްޒަފު ވަޒީފާއިން ވަކިކުރުމުން އޭނާ އެ މައްސަލަ ވަޒީފާއާ ބެހޭ ޓްރައިބިއުނަލަށް ހުށަހެޅީ، 2020 ވަނަ އަހަރުގެ މާޗް މަހު އެވެ. އެ މައްސަލަ ޖެހިގެން އައި އަހަރުގެ ނޮވެމްބަރު މަހު ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން ނިންމީ، އެ މައްސަލައިގައި އެ މުވައްޒަފު ވަޒީފާއިން ވަކިކުރީ، ސުލޫކީ ކަންކަމުގައި އިދާރީ ފިޔަވަޅު އެޅުމާ ބެހޭ ސިޔާސަތުގެ ދަށުން އަދި ވަޒީފާއާ ބެހޭ ގާނޫނުގެ ދަށުން ފުރިހަމަ ކުރަން ޖެހޭ އިޖުރާއީ އަދަލުވެރިކަން ފުރިހަމަ ކުރުމަށް ފަހު ކަމަށެވެ. އެ މައްސަލައިގައި ތަހުގީގުގައި ހެކިވެރިންގެ ހެކިބަހާއި ސީސީޓީވީ ފުޓޭޖުވެސް ބަލާފައިވާކަން މައްސަލަ ނިމުނު ގޮތުގެ ރިޕޯޓުން އެނގެ އެވެ.

ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން އެ މައްސަލަ އެ މުވައްޒަފާ ދެކޮޅަށް ނިންމުމުން، 2021 ވަނަ އަހަރު އެ މުވައްޒަފު އެ މައްސަލަ ދެން ހުށަހެޅީ ހައިކޯޓަށެވެ. ހައިކޯޓުން މިދިޔަ ހަފްތާގައި އެ މައްސަލަ ނިންމިއިރު، ހައިކޯޓުގައި މައްސަލަ ބެއްލެވި ފަނޑިޔާރުންގެ އަގްލަބިއްޔަތުން ވަނީ ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ ނިންމުމަށް ތާއީދުކޮށްފަ އެވެ.

މި މައްސަލަ ހައިކޯޓުން ބެއްލެވީ އިސްފަނޑިޔާރު ހުސައިން ޝަހީދު، ފަނޑިޔާރު ހަސަން ޝަފީއު އަދި ފަނޑިޔާރު ފާތިމަތު ފަރުހީޒާ ހިމެނިވަޑައިގަންނަވާ ބެންޗަކުންނެވެ.

މި މައްސަލައިގައި ފަނޑިޔާރު ފަރުހީޒާ އަދި ޝަފީއު، ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ ނިންމުމަށް ތާއީދުކޮށްފައިވާއިރު، އިސްފަނޑިޔާރު ޝަހީދުގެ ރައުޔަކީ ޓްރައިބިއުނަލްގެ ނިންމުމަށް ބަދަލު ގެންނަން ޖެހޭ ކަމަށެވެ.