ހަބަރު

މުހުތާޒުގެ މައްޗަށް ތިން ދައުވާއެއް އުފުލައިފި

  • މުހުތާޒު ހައްޔަރުކުރީ ފޭކް ކޯޓު އަމުރެއް ނެރުނު މައްސަލާގައި
  • މުހުތާޒު މިއަދު ވަނީ ހަތް ދުވަހަށް ބަންދުކޮށްފައި
  • ދައުވާ އުފުލާފައިވަނީ އާ ގާނޫނުލް އުގޫބާތުގެ ދަށުން

ކުރީގެ ޕީޖީ މުހުތާޒު މުހުސިންގެ މައްޗަށް ދައުލަތުން ތިން ދައުވާއެއް އުފުލައިފި އެވެ. މުހުތާޒުގެ މައްޗަށް ދައުވާ އުފުލާފައިވަނީ އާ ގާނޫނުލް އުގޫބާތުގެ ދަށުންނެވެ. މުހުތާޒު ހައްޔަރުކުރީ ރައީސް އަބްދުﷲ ޔާމީން ހައްޔަރުކުރުމަށް ފޭކް ކޯޓު އަމުރެއް ނެރުނު މައްސަލާގައެވެ.

މުހުތާޒުގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ ހަތަރު ދައުވާއަކީ ހުއްދަ ނޫން ގޮތުގައި މީހަކު ހިފަހައްޓަން އުޅުމުގެ ދައުވާ އާއި ވަކި އުސޫލަކުން ދޫކޮށްފައިވާ ލިއުމެއް ސައްހަ ނޫން ގޮތެއްގައި ދެއްކުމުގެ ދައުވާ އާއި ވަކި އަސްލެއް އޮތް އެއްޗެއް ކަމުގައި ސައްހަ ނޫން ގޮތެއްގައި ދެއްކުމައްޓަކައި ލިއުމެއް އުފެއްދި ކަމުގެ ދައުވާ އެވެ.

މުހުތާޒު ހަތް ދުވަހަށް ބަންދުކުރުމަށް މިއަދު ހައިކޯޓުން ނިންމާފައިވާއިރު، މުހުތާޒުގެމައްޗަށް ހައިކޯޓުން ކުރިން އިއްވި ހުކުމުގައި ބުނެފައިވަނީ، ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް މުހްތާޒް މުހުސިން ހައްޔަރުކުރި މައްސަލައިގައި ދައުލަތުގެ ފަރާތުން ހުށަހެޅި ހެކިތަކުގެ މައްޗަށް ބަލާއިރު، މައްސަލާގައި ތުހުމަތުކުރެވޭ މުހްތާޒް އިތުރު ބަޔަކާއި ބައިވެރިވެގެން ކޯޓު އަމުރެއް ނެރެގެން ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ހައްޔަރުކޮށް ވެރިކަން ވައްޓާލުމަށް މަސައްކަތް ކޮށްފައިވާ ކަމަށެވެ. އަދި ރައީސް ހައްޔަރުކުރުމަށް ކޯޓު އަމުރު ހޯދުމަށްޓަކައި 2016 ފެބުރުވަރީ 7 ދުވަހުގެ ދަންވަރު 12:45 އެހައިކަށްހައިރު، ލޯންޗެއްގައި މާލެއިން ފުރައިގެން އދ. މާމިގިއްޔަށް ގޮސް އެރަށު ކޯޓުގެ އިސް މެޖިސްޓްރޭޓާ ގުޅިގެން، އެކޯޓު ހުޅުވައިގެން ރައީސުލްޖުމްހޫރިއްޔާ ޔާމީން ހައްޔަރުކުރުމުގެ އަމުރު ހޯދުމަށް މަސައްކަތްކޮށްފައިވާކަމުގެ ތުހުމަތުކުރެވޭ ކަމަށް ވެސް ހުކުމުގައިވެ އެވެ.

ހުކުމުގައި "މާލެއަތޮޅު މާފުށީ މެޖިސްޓްރޭޓް ކޯޓު"ގެ ނަމުގައި އޮތް ކޯޓު އަމުރުގައި ހައްޔަރުކުރުމަށް އޮތް ގ. ދޫވެހި/ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަކީ ދިވެހިރާއްޖޭގެ މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ކަމާއި، ދިވެހިދައުލަތުގެ އެންމެމަތީ ވެރިޔަކީ، އަދި ސަރުކާރުގެ އެންމެމަތީ ވެރިޔަކީ އަދި ސިފައިންގެ އެންމެ މަތީވެރިޔަކީ، ރައީސުލްޖުމްހޫރިއްޔާ ކަމާއި، ރައީސުލްޖުމްހޫރިއްޔާއަށް ގާނޫނުއަސާސީއާއި ގާނޫނުން މުހިއްމު މަސްއޫލިއްޔަތުތަކެއް މަތިކޮށްފައިވާކަމާއި، އެގޮތުން ދިވެހިދައުލަތުގެ މިނިވަންކަމާއި ސަލާމަތާއި ރައްކާތެރިކާއި ސިޔާދަތާއި އިސްތިގްލާލާ ގުޅުން ހުރި މުހިއްމު ނިންމުންތައް ނިންމުމުގެ އެންމެއިސް މަސްއޫލިއްޔާތު ހަވާލުކޮށްފައިވާ ފަރާތްކަން އެނގޭއިރު، ގާނޫނާއި ހިލާފަށް ކޯޓު އަމުރެއް ތައްޔާރުކޮށް އެއަމުރަކީ ސައްހަ އަމުރެއްކަމުގައި ދައްކައިގެން ރައީސުލްޖުމްހޫރިއްޔާގެ މައްޗަށް ގާނޫނުއަސާސީއާއި ގާނޫނުތަކުން ލާޒިމްކޮށްފައިވާ މަސްއޫލިއްޔަތުތައް އަދާ ކުރުމަށް ހުރަސް އެޅޭފަދަ ގޮތަކަށް ގާނޫނާއި ހިލާފަށް މަސައްކަތް ކުރުމަކީ ދިވެހިދައުލަތުގެ މިނިވަންކަމާއި ސިޔާދަތާއި އިސްތިގުލާލަށް ނުރައްކާކުރިމަތިވުމުގެ ފުރުސަތު އޮތް އަދި މުޖްތަމައުގެ ހަމަޖެހުމާއި ސަލާމަތާއި ރައްކާތެރިކަން ގެއްލި ދައުލަތުގެ ނިޒާމް އާންމަށް ބުރޫއަރައިގެން ދިއުމުގެ އިހުތިމާލު އޮތްކަމެއްކަމަށް ގަބޫލުކުރެވޭ ކަމަށް ބުނެފައިވެ އެވެ.