ކުރީގެ ޕްރޮސިކިއުޓާ ޖެނަރަލް މުހުތާޒް މުހުސިނާއި އދ. މާމިގިލީ ކޯޓުގެ އިސް މެޖިސްޓްރޭޓް އަހުމަދު ނިހާންގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާތަކެއް މިއަދު ކުރިމިނަލް ކޯޓުން ބާތިލްކޮށްފި އެވެ.
މިއަދު ކުރިމިނަލް ކޯޓުން ބާތިލްކޮށްފައިވަނީ ނިހާންގެ މައްޗަށް އުފުލާފައިވާ ރަސްމީ ވާޖިބު އަދާކުރުމުގައި އެކަށީގެން ނުވާ އަމަލެއް ކުރުމުގެ ދައުވާ އާއި ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ދައުވާ އާއި އަސްލެއް ނެތް އެއްޗެއް ސައްހަ ކަމަށް ދެއްކުމަށް ލިޔުމެއް އުފެއްދުމުގެ ދައުވާ އެވެ. މުހުތާޒްގެ މައްޗަށް އުފުލާފައިވާ ވަކި އަސްލެއް އޮތް އެއްޗެއް ސައްހަ ނޫން ގޮތެއްގައި ދެއްކުމަށް ލިޔުމެއް އުފެއްދުމުގެ ދައުވާ އާއި ވަކި އުސޫލަކުން ދޫކޮށްފައިވާ ލިޔުމެއް ސައްހަ ނޫން ގޮތެއްގައި ދެއްކުމުގެ ދައުވާ އެވެ. އެ ދައުވާތައް ބާތިލްކުރިއިރު ވެސް ދެ ބޭފުޅުން ވެސް ތިއްބެވީ ޖަލު ހުކުމެއްގަ އެވެ.
އެއީ ރައީސް އަބްދުﷲ ޔާމީން ހައްޔަރުކުރަން ސައްހަ ނޫން ކޯޓު އަމުރެއް ނެރުނު މައްސަލާގައި ޓެރަރިޒަމްގެ އަމަލެއް ކުރަން އުޅުމާއި ބައިވެރިވުމުގެ ދައުވާ ސާބިތުވެގެންނެވެ. އެ މައްސަލާގައި އިއްވާފައިވަނީ 17 އަހަރު ދުވަހުގެ ޖަލު ހުކުމެކެވެ. ނިހާންގެ ޖަލު ހުކުމްގެ އިސްތިއުނާފު އަޑުއެހުންތައް ހައިކޯޓުން މިހާރު ވަނީ ނިންމާލާފަ އެވެ.
ކުރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ހައިލަމް މިއަދު މުހުތާޒާއި ނިހާންގެ މައްޗަށް އުފުލާފައިވާ އެ ދައުވާތައް ބާތިލްކުރީ އެ ދައުވާތަކަކީ ވެސް ޓެރަރިޒަމްގެ ދައުވާ އުފުލި އަމަލުތަކުގެ މައްޗަށް ބިނާކޮށް އުފުލާފައިވާ ދައުވާތަކަށްވާތީ އެވެ. އެ އަމަލުތަކަށް މިހާރު ޓެރަރިޒަމްގެ ދައުވާ ސާބިތުވެ ހުކުމް ތަންފީޒުކުރަމުންދާތީ އެވެ.
ހައިލަމް ވިދާޅުވި ގޮތުގައި ގާނޫނުއަސާސީ އާއި ގާނޫނުއުގޫބާތުގައިވާ ގޮތުން މީހެއްގެ މައްޗަށް ކުށެއް ސާބިތުވެއްޖެނަމަ ދެވަނަ ފަހަރަށް ހަމަ އެ ކުށުގައި ނުވަތަ އެ ކުށުގެ އަމަލު ފުރިހަމަވާ އެހެން ކުށެއްގެ ދައުވާ އެމީހެއްގެ މައްޗަށް ނުއުފުލޭނެ އެވެ.