ދިރާގު

ދިރާގުގެ 'ވިން އަ ޓެސްލާ' ޕްރޮމޯޝަންގެ ނަސީބުވެރިޔާ ހޮވައިފި

ދިރާގުގެ 'ވިން އަ ޓެސްލާ' ޕްރޮމޮޝަންގެ ނަސީބުވެރިޔާ މިރޭ ހޮވައިފި އެވެ. ދިރާގުން މި ޕްރޮމޯޝަން ފެށި މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު އެވެ.

ގިނަ ބަޔަކު އިންތިޒާރު ކުރަމުން އައި މި ޕްރޮމޯޝަންގެ ނަސީބުވެރިޔާ އިއުލާނުކޮށްފައިވަނީ އަޟްހާ އީދުގެ މުނާސަބަތުގައި މިރޭ ދިރާގުން ކުރިއަށް ގެންދިޔަ އީދު ޝޯގައެވެ.

ދިރާގގެ ޕޯސްޓްޕެއިޑް އަދި ފައިބަ ބްރޯޑްބޭންޑް ކަސްޓަމަރުންގެ މެދުގައި ނެގި މި ގުރުއަތުން މުޅިން އާ ޓެސްލާ ކާރު މޮޑެލް ތިނެއްގެ ވެރިޔާގެ ގޮތުގައި ނަސީބުން ހޮވުނީ ކ. ތުލުސްދޫއަށް ނިސްބަތްވާ މުސްތަފާ މުހައްމަދު އެެވެ.

މި ގުރުއަތުގެ މަރުހަލާ އިންސާފުވެރިކަމާ އެކު ކުރިއަށް ގެންގޮސް ބެލެހެއްޓުމަށްޓަކައި ދިރާގުން ވަނީ ތިންވަނަ ޕާޓީ އޮޑިޓަރެއްގެ ގޮތުގައި ކްރޯ މޯލްޑިވްސް އައްޔަންކޮށްފަ އެވެ. އެގޮތުން ކްރޯ މޯލްޑިވްސް އިން ވަނީ ގުރުއަތުގެ މަރުހަލާގެ ހުރިހާ ކަމެއް ގާތުން ބަލައި ގުރުއަތު ނެގި ވަގުތު އެ ސަރަހައްދުގައިވެސް ހަރަކާތްތެރިވެފަ އެވެ.

ދިރާގު އީދު ޝޯގެ ގުރުއަތު ނެގުމުގެ ބައި ވަނީ ޓީވީއެމް އާއި ޗެނަލް 13 އަދި ދިރާގު ފޭސްބުކް އާއި ޔޫޓިއުބުން ލައިވްކޮށްފަ އެވެ.

ދިރާގުން އަބަދުވެސް މަސައްކަތް ކުރަނީ އިޖުތިމާއީ މިފަދަ ތަފާތު ހަރަކާތްތައް އިންތިޒާމުކޮށް، ހިތްގައިމު އައު އޮފާތައް ކަސްޓަމަރުންނަށް ފޯރުކޮށްދިނުމަށް ކަމަށް އެ ކުންފުނިން ބުނެ އެވެ.