ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ބެލްޖިއަމް އާއި ސްލޮވާކިއާ މިރޭ ބައްދަލުކުރި މެޗު 1-0ގެ ތަފާތަކުން ސްލޮވާކިއާ އިން ކާމިޔާބުކޮށްފި އެވެ.
ފުރަތަމަ ހާފުގެ ކުޅުން ފެށިގެން މާގިނައިރުތަކެއް ނުވަނީސް މެޗުގެ ހަތްވަނަ މިނެޓުގައި ސްލޮވާކިއާގެ ސްޓްރަންޗް ވަނީ މެޗުގެ ހަމައެކަނި ގޯލް ޖަހާފަ އެވެ.
ސްލޮވާކިއާ އިން ގޯލް ޖެހުމާއެކު ތަރިން ގިނަ ބެލްޖިއަމްގެ ކުޅުންތެރިން ވަނީ އިތުރު ހިތްވަރެއް ނެރެ ސްލޮވާކިއާގެ ގޯލަށް ގިނަ ހަމަލާތަކެއް ފޮނުވާލާފަ އެވެ. އަދި ބެލްޖިއަމްގެ އެންމެ ތަޖުރިބާކާރު ކުޅުންތެރިޔާ -- ލުކަކޫ ވަނީ މި މެޗުގައި ދެ ގޯލް ޖަހާފަ އެވެ. ނަމަވެސް ރެފްރީ ވީއޭއާރް ބޭނުންކުރުމަށްފަހު ދެ ފަހަރުވެސް ނިންމީ ގޯލެއް ނޫން ކަމަށެވެ.
ދެވަނަ ހާފުގެ ކުޅުން ފެށީވެސް ބެލްޖިއަމްގެ ވަރުގަދަ ހަމަލާތަކެއް ސްލޮވާކިއާގެ ގޯލަށް އަމާޒުކޮށް ފޮނުވާލައިގެން ނެވެ. އެހެންނަމަވެސް ސްލޮވާކިއާގެ ކީޕަރު ކަސްޓީލް ވަރަށް ހުށިޔާރެވެ. އޭނާގެ މޮޅެތި ސޭވްތަކެއް މި މެޗުގައި ފެނިގެން ދިޔަ އެވެ. ސްލޮވާކިއާ އިން ދެވަނަ ހާފްގައި ނުރައްކާތެރި ހަމަލާތަކެއް ބެލްޖިއަމްގެ ގޯލަށް ފޮނުވާލާފައި ނެތް ނަމަވެސް އެ ޓީމުގެ ފަހަތަށް ދޭތެރެދޭތެރެއިން ބާރުބޮޑުކޮށްފައިވެ އެވެ.
ބެލްޖިއަމްގެ މިރޭގެ މިބައްޔަކީ ފަހުގެ ތާރީހެއްގައި އެޓީމު މިހާ ހަޑި ގޮތަކަށް ބަލިވި ފުރަތަމަ ފަހަރެވެ.
ތަރިން ގިނަ ބެލްޖިއަމް ބަލިވުމުން އެ ޓީމުގެ ކޯޗަށް މިހާރުވެސް އެތައް ބައެއްގެ ފާޑުކިޔުން އަމާޒުވެއްޖެ އެވެ. ކޯޗަށް މިހާ އަވަހަށް ފާޑު ކިޔަން ފެށީ ޔޫރޯއަށް ބެލްޖިއަމްގެ ޓީމު އެކުލަވާލިއިރު ރިއާލް މެޑްރިޑަށް ކީޕަރުގެ ގޮތުގައި ކުޅެމުންދާ ކޯޓުއާ ނަގާފައި ނުވާތީ ކަމަށް ބެލެވެ އެވެ.
ސިޓީގެ ތަރި ޑިބްރޫނާ އަށްވެސް މިރޭ މެޗުގައި އެދެވޭ ކުޅުމެއް ދެއްކިފައެއް ނުވެ އެވެ. އޭނާ އަކީ ބެލްޖިއަމްގެ ޓީމުގެ އެންމެ މޮޅު ކުޅުންތެރިޔާ އަދި އެޓީމުގެ ކެޕްޓަނެވެ.
ލުކާކޫ ޖެހި ގޯލު ވީއޭއާރް ބެލުމަށްފަހު ރެފްރީ ކެންސަލް ކުރުމުން ރެފްރީގެ ނިންމުމަށްވެސް ބެލްޖިއަމްގެ ސަޕޯޓަރުން ގެންދަނީ ފާޑުކިޔަމުންނެވެ.
ބެލްޖިއާމްގެ ސްކޮޑްގައި މިހާރު ހިމެނޭ އެ ގައުމުގެ ގޯލްޑަން ޖެނެރޭޝަންގެ ކުޅުންތެރިން ނިވަނީ ތައްޓެއް ހޯދުމަށް ނުކުޅެދިފައި ކަމަށްވެސް ބެލްޖިއަމްގެ ސަޕޯޓަރުން ގެންދަނީ ބުނަމުންނެވެ. ބެލްޖިއަމް ނިކުތީ މިފަހަރުގެ ޔޫރޯ ކާމިޔާބު ކުރުމުގެ އަޒުމުގައެވެ.