ފެމިލީ ކޯޓް

މުވައްޒަފެއްގެ ވަރިކުރިފުޅަށް އިއްދައިގެ ހަރަދު ދައްކަން މިފްކޯގެ މައްޗަށް އަމުރެއް

މިފްކޯގައި ވަޒީފާ އަދާކުރަމުންދާ މުވައްޒަފަކު، އޭނާގެ އަންހެނުން ވަރިކުރުމަށްފަހު އިއްދައިގެ ހަރަދު ދައްކާފައިނުވާތީ، އެ ފައިސާ އޭނާގެ މުސާރައިން ކަނޑައި ވަރިކުރިފުޅަށް ދެއްކުމަށް މިފްކޯގެ މައްޗަށް މެޖިސްޓްރޭޓް ކޯޓަކުން އަމުރުކޮށްފި އެވެ.

ރާއްޖޭގެ އުތުރުގެ ރަށަކަށް ނިސްބަތްވާ، މިފްކޯގައި މަސައްކަތް ކުރާ މުވައްޒަފަކު އޭނާގެ އަންހެނުން ވަރިކުރުމުން، ކޯޓުން ލައްވާފައިވާ އިއްދައިގެ ހަރަދު ނުދައްކައިގެން އެ އަންހެން މީހާ އެކި ފަހަރު މަތިން މަސައްކަތް ކުރުމުންވެސް އިއްދައިގެ ހަރަދު ނުދިން މި މައްސަލައިގައި، މިފްކޯގެ މައްޗަށް ކޯޓުން އަމުރު ކުރީ ތަންފީޒު މަރުހަލާގައިވެސް އެ ފިރިހެން މީހާ ފައިސާ ނުދެއްކުމުންނެވެ.

މި މައްސަލައިގައި މިދިޔަ އަހަރެއްހާ ދުވަހު، އަންހެން މީހާ ވަނީ އިއްދައިގެ ހަރަދުގެ ގޮތުގައި ލައްވާފައިވާ 6،000 ރުފިޔާ ހޯދުމަށް އެކި ފަހަރު މަތިން މަސައްކަތް ކޮށްފަ އެވެ. އެހެންނަމަވެސް އެ ފިރިހެން މީހާ ފައިސާ ނެތް ކަމަށް ބުނެ އެ ފައިސާ ދައްކާފައި ނުވުމުން، ކޯޓުން އެންމެ ފަހުން އެ މީހާ މަސައްކަތް ކުރަމުންދާ މިފްކޯއަށް ލިޔެގެން އޭނާގެ މުސާރައާއި އިނާޔަތްތަކުގެ ތަފްސީލް ހޯދީ އެވެ.

މިފްކޯއަށް ލިޔެގެން، އެ ފިރިހެން މީހާގެ މުސާރައާއި އިނާޔަތްތަކުގެ މައުލޫމާތު ހޯދުމަށްފަހު ގާޒީ އެންމެ ފަހުން އަމުރު ކުރީ މިފްކޯގެ މައްޗަށެވެ.

ގާޒީގެ އަމުރުގައި ވަނީ އަންހެން މީހާގެ އިއްދައިގެ ހަރަދަށްވާ ފައިސާ އެ މީހާގެ މުސާރައިން އުނިކުރުމަށްފަހު މުސާރަ ދިނުމަށެވެ. އިއްދައިގެ ހަރަދު މުސާރައިން އުނިކުރުމަށްފަހު އެ ފައިސާ ކޯޓުގެ އެކައުންޓަށް ފޮނުވުމަށްވެސް އަމުރުގައިވެ އެވެ.

މި މައްސަލައިގައި ހިމެނޭ ފިރިހެން މީހާއަކީ މިފްކޯގެ ދާއިމީ ވަޒީފާއެއްގައި އުޅޭ މީހެކެވެ.

ހަރަދު ދޭން ޖެހޭ މީހާ އަކީ ވަޒީފާއެއްގައި އުޅޭ މީހެއްނަމަ، އޭނާގެ މުސާރައިން ކެނޑުމަށްފަހު ކޯޓަށް ފައިސާ ޖަމާކުރަން އެ މީހަކު ވަޒީފާއަދާ ކުރާ އޮފީހަކަށް ނުވަތަ ތަނަކަށް އަމުރު ކުރުމަކީ ހުކުމް ތަންފީޒު ކުރުމުގެ މަރުހަލާގައި ގަވައިދުގެ ތެރެއިން ކޯޓަށް ލިބިދީފައިވާ ބާރެކެވެ.