އޮސްޓްރިއާ އާއި ފްރާންސް ރޭ ބައްދަލުކުރި މެޗުގައި އެމްބާޕޭއަށް އަނިޔާވެގެން އޭނާ ދަނޑުން ބާލާފައިވެ އެވެ. އޭނާ ބޭލިއިރު ހަށިގަނޑުން ލޭ ފައިބަމުން ދިޔަ އެވެ.
ރިޕޯޓްތައް ބުނާ ގޮތުގައި އެމްބާޕޭ ވަގުތުން ޖަރުމަނުގެ ހޮސްޕިޓަލަކަށް ގެންގޮސްގެން ފަރުވާ ދީފައިވެ އެވެ.
އެމްބާޕޭ ބެލި ޑޮކްޓަރުން އޭނާގެ ނޭފަތް ބިންދައިގެން ގޮސްފައިވާ ކަމަށާއި އަވަހަށް އޮޕަރޭޝަނަކަށް ދިއުމަށް އެދިފައިވާ ކަމަށް ބުންޏެވެ.
ފްރާންސްގެ ގައުމީ ޓީމުގެ އޮފިޝަލަކު ވެސް ރޭގެ ވަގުތެއްގައި ވަނީ އެމްބާޕޭގެ ނޭފަތް ބިންދައިގެން ގޮސްފައިވާކަން ކަށަވަރުކޮށްދީފަ އެވެ. އަދި މިއަދު އެމްބާޕޭގެ ޓްވިޓާ އެކައުންޓުން ކުރި ޓްވީޓެއްގައި ބުނެފައިވަނީ އޭނާގެ ނޭފަތް ބިންދައިގެން ގޮސްފައިވާ ކަމަށާއި އެކަމަކު އޭނާގެ ހާލު ރަނގަޅު ކަމަށެވެ.
އެމްބާޕޭ އަކީ ފްރާންސްގެ ޓީމުގައި ހިމެނޭ އެންމެ ހުނަރުވެރި ކުޅުންތެރިޔާ އެވެ. އަދި އެ ޓީމުގެ ކެޕްޓަނެވެ.
އެމްބާޕޭ އަށް ދެންހުރި މެޗުތައް ނުކުޅެވިދާނެ ކަމަށް ބަލައި ފްރާންސްގެ ސަޕޯޓަރުން ތިބީ ނުތަނަވަސް ކަމެއްގެ ތެރޭގަ އެވެ.
ފްރާންސްގެ ގައުމީ ޓީމުން މިއަދުގެ ވަގުތެއްގައި ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެމްބާޕޭ ފްރާންސްގެ ކޭމްޕަށް އެނބުރި އައިސްފައިވާ ކަމަށާއި ކުރިއަށް އޮތް ދުވަސްތަކުގައި އިތުރު ފަރުވާ ހޯދާނެ ކަމަށެވެ. އެހެންނަމަވެސް މިދުވަސްކޮޅު ސާޖަރީއަކަށް ނުދާނެ ކަމަށް ބަޔާނުގައިވެ އެވެ.
މި ބަޔާނުގައި އެމްބާޕޭ އަށް ހާއްސަކޮށް މާސްކެއް ތައްޔާރު ކުރާނެ ކަމަށާއި ކުރިއަށް ހުރި މެޗުތަކުގައި އެމްބާޕޭ ކުޅޭނެކަން ފްރާންސްގެ ގައުމީ ޓީމުން ވަނީ ކަށަވަރުކޮށްދީފަ އެވެ.
ފްރާންސްގެ ޓީމު ރޭ މޮޅުވި ނަމަވެސް އެންމެ އެދެވޭ ކުޅުމެއް ރޭ ކުޅެވިފައެއް ނުވެ އެވެ. އެ ޓީމު މޮޅުވީވެސް އޮސްޓްރިއާ އިން ބައިކޮޅަށް ގޯލް ޖެހުމުންނެވެ.