ޔޫރޯ 2024

އެމްބާޕޭގެ ފުރަތަމަ ގޯލާއެކު ފްރާންސްވެސް ގަދަ 16 އަށް

ފްރާންސްގެ ގައުމީ ޓީމުގެ ކެޕްޓަން ކިލެން އެމްބާޕޭ މިއަހަރުގެ ޔޫރޯ މުބާރާތުގައި ޖެހި ފުރަތަމަ ގޯލާ އެކު ފްރާންސް ވެސް ގަދަ 16 އަށް ދަތުރުކޮށްފި އެވެ.

ގުރޫޕު ޑީގެ ފަހު މެޗުގައި ފްރާންސް މިރޭ ބައްދަލުކުރީ މުބާރާތުން ކަޓާފައިވާ ޕޮލަންޑާ އެވެ. މި މެޗު ނިމުނީ ދެ ޓީމު 1-1 އެއްވަރުވެގެންނެވެ.

އަނިޔާގެ ސަބަބުން ގުރޫޕް ސްޓޭޖުގައި ކުރިން ފްރާންސާއި ނެދަލޭންޑްސް ބައްދަލުކުރި ވާދަވެރި މެޗުގައި އެމްބާޕޭ ނުފެނުނެވެ. ނަމަވެސް މިމެޗުގައި އެމްބާޕޭ ވަނީ މުޅި މެޗުގައި ކުޅެފަ އެވެ.

އެމްބާޕޭ މިރޭގެ މެމެޗުގައި ފެނުނީ މާސްކެއް އަޅައިގެން ހުއްޓަ އެވެ. އެކަމުގެ ސަބަބުން އޭނާއަށް މީޑިއާގެ ސަމާލުކަމަށް ވަކިން ބޮޑަށް ލިބުނެވެ.

މެޗުގެ ފުރަތަަމަ ހާފްގައި ފްރާންސްގެ ހުރިހާ ހަމަލާތަކެއް ޕޮލެންޑުން ވަނީ ހުއްޓުވާފަ އެވެ. ފުރަތަަމަ ހާފުގެ ކުޅުން ހަމަވިއިރު އެއްވެސް ޓީމަކަށް ގޯލެއް ނުޖެހެ އެވެ. ފްރާންސުން ރަނގަޅަށް ކުޅުނު ނަމަވެސް ނިންމާލުންތައް ގޯސްވެ އެޓީމުގެ ހަމަލާތަކުގައި އޮއްޓަރެއް ނެތެވެ.

ދެވަނަ ހާފުގެ ކުޅުން ފެށިގެން ވެސް އެމްބާޕޭއަށް އުޅެއުޅެ ވެސް ގޯލެއް ނުޖެހި ގިނަ އިރުތަކެއް ވިއެވެ. އެމްބާޕޭގެ ގިނަ ހަމަލާތައް ގޯލަށް އަމާޒު ކުރިއިރު އެ ހަމަލާތައް ހުއްޓުވުމުގައި ޕޮލެންޑްގެ ކީޕަރު މުހިއްމު ދައުރެއް އަދާކުރި އެވެ.

ޕޮލަންޑުގެ ޑިފެންޑަރު ކިވިއާ، ޑެމްބެލޭ އަށް ކުރި ފައުލަކާއި ގުޅިގެން މެޗުގެ 56 ވަނަ މިނެޓުގައި ފްރާންސަށް ވަނީ ޕެނަލްޓީއެއް ލިބިފަ އެވެ. މި ޕެނަލްޓީ ގޯލުގެ ތެރެއަށް ފޮނުވާލައިގެން ފްރާންސަށް ފުރަތަަމަ ފަހަރަށް މެޗުގައި ލީޑު ނަގައިދިނީ އެޓީމުގެ ކެޕްޓަން އެމްބާޕޭ އެވެ.

މެޗުގެ ނަތީޖާ ޕޮލެންޑުން ހަމަހަމަ ކުރީ ފްރާންސްގެ ޑިފެންޑަރަކު އޭރިއާގެ ތެރެއިން ކުރި ފައުލަކާއި ގުޅިގެން ޕޮލެންޑަށްވެސް ލިބުނު ޕެނަލްޓީ އަކުންނެވެ. އެ ޕެނަލްޓީ ގޯލުގެ ތެރެއަށް ފޮނުވާލީ އެޓީމުގެ ކެޕްޓަން ލެވެންޑޯސްކީ އެވެ.