ދިރާގު

ދިރާގުން މޯލްޑިވްސް ފުޑް ކާނިވަލްއާ އެކު ކުލަގަދަ ފެސްޓިވަލްއަކަށް ތައްޔާރުވަނީ

މޯލްޑިވްސް ފުޑް ކާނިވަލް "ޕަވާޑް ބައި ދިރާގު"ގެ އެކްސްކްލޫސިވް ޑިޖިޓަލް ޕާޓްނަރެއްގެ ގޮތުގައި ދިރާގުން ސޮއިކޮށްފި އެވެ. އެގޮތުން ދިރާގާއި މޯލްޑިވްސް ފުޑް ކާނިވަލް އިން ދަނީ ފަސް ދުވަހުގެ ކުލަގަދަ ފެސްޓިވަލަކަށް ތައްޔާރު ވަމުންނެވެ.

މިއަހަރަކީ މޯލްޑިވްސް ފުޑް ކާނިވަލްގެ ދެވަނަ އެޑިޝަން އެވެ. މި އަހަރުގެ އިވެންޓް ކުރިއަށް ދާނީ ކުރިއަށް އޮތް ޖުލައި މަހުގެ ތިނަކުން ހަތަކަށް ހުޅުމާލޭ ސެންޓްރަލް ޕާކުގައެވެ.

ތިންކް އެސޯސިއޭޓްސް އާއި ޓޭސްޓް މޯލްޑިވްސް އިން އިންތިޒާމު ކޮށްގެން ބާއްވާ މިހަރަކާތުގައި ތަފާތު ކާބޯތަކެތީގެ ސްޓޯލްތަކުގެ ބައިވެރިވުން ފެނިގެންދާނެ އެވެ. މި އިވެންޓްގެ ސަބަބުން ދިވެހިން ގޭގައި ތައްޔާރުކުރާ ކާބޯތަކެއްޗާއި އަދި ކުދި ވިޔަފާރިތަކުގެ އިތުރުން މަޝްހޫރު ކާބޯތަކެތީގެ ވިޔަފާރިތައް އެއްތަނަކަށް ގެނެސް، އެ ފަރާތްތަކުގެ ހުށަހެޅުންތައް އާންމުންނަށް ދައްކާލުމުގެ ފުރުސަތު ލިބިގެންދާނެ އެވެ.

ކާބޯތަކެތީގެ އިތުރުން މޯލްޑިވްސް ފުޑް ކާނިވަލްގައި ތަފާތު ގޭމްތަކާއި މުނިފޫހިފިލުވުމުގެ ހަރަކާތްތައްވެސް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވެ އެވެ.

ދިރާގުގެ މެނޭޖަ ޕަބްލިކް ރިލޭޝަންސް ޖައިޝަން ހަމީދު ވިދާޅުވީ މިއަހަރުވެސް މޯލްޑިވްސް ފުޑް ކާނިވަލް "ޕަވާޑް ބައި ދިރާގު"ގެ ޕާޓްނަރަކަށްވެ، މިއިވެންޓް އާންމުންނާ ހަމައަށް ގެނެސްދިނުމަކީ އެ ކުންފުންޏަށް ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.

"މި ކާނިވަލްގައި ދިވެހި އަދި ބައިނަލްއަގްވާމީ ތަފާތު ކާބޯތަކެތީގެ އިތުރުން އާޓްސް އެންޑް ކްރާފްޓް، ކުޅިވަރު އަދި މުނިފޫހިފިލުވުގެ ތަފާތު ސްޓޯލްތައް ހިމެނިގެންދާނެ. މިއީ އާއިލާއާއި ރައްޓެހިންނާ އެކު ތަފާތު ތަޖުރިބާއެއް ކޮށްލުމަށް ލިބޭ ރަނުގެ ފުރުސަތެއް" ޖައިޝަން ވިދާޅުވި އެވެ.

ދިރާގުން އަބަދުވެސް މަސައްކަތް ކުރަމުންދަނީ ރާއްޖޭގައި ދިރިއުޅޭ ފަރާތްތަކަށް އިތުރު ފުރުސަތުތައް މަގުފަހިކޮށްދޭ ފަދަ ތަފާތު މުނިފޫހިފިލުވުމާއި އިޖުތިމާއީ ހަރަކާތްތަކަށް އެއްބާރުލުން ދިނުމަށް ކަމަށް އެ ކުންފުނިން ބުނެ އެވެ.