ފަލަސްތީންގެ ޣައްޒާ މިހާރު އޮތް ހާލަތަށް ލުބްނާން ވެއްޓޭ ތަން ދެކެން އެކަކުވެސް ބޭނުން ނުވާނެ ކަމަށް އދގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރެސް ވިދާޅުވެއްޖެ އެވެ.
އިޒުރޭލާއި ލުބްނާންއާ ދެމެދު ހަނގުރާމައެއް ފެށިއްޖެނަމަ ލުބްނާންގެ ހާލަތު ދެވަނަ ޣައްޒާއަށް ބަދަލުވެގެންދާނެ ކަމަށް ވިދާޅުވެ ގުޓަރެސް ވިދާޅުވީ އެއީ ދުނިޔެއަށް ބަރުދާސް ކުރެވޭ ވަރަށް ވުރެ ބޮޑު ބުރައަކަށް ވާނެ ކަމަށެވެ.
ނިއުޔޯކްގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ގުޓަރެސް ވަނީ މެދުއިރުމަތީގައި ދެވަނަ ހަނގުރާމައެއް ފެށިދާނެ ކަމުގެ އިންޒާރު ދެއްވާފަ އެވެ.
ގުޓަރެސް ވިދާޅުވި ގޮތުގައި ހަނގުރާމައެއް ފެށިދާނެ ކަމަށް ވިދާޅުވެ ދުނިޔެ ބިރުދެއްކުމަކީ އޮންނަ ކަމެއް ނޫން ނަމަވެސް އަދާކުރައްވާ ޒިންމާތަކުގެ ސަބަބުން ކަންބޮޑުވުން ފާޅުކުރައްވަން ޖެހިވަޑައިގަތީ އެވެ. ހަނގުރާމަ އަކީ އެކަކަށްވެސް އުފާވެރި ހަބަރެއް ނޫން ކަމަށްވެސް ވިދާޅުވި އެވެ.
ގުޓަރެސް ވިދާޅުވީ ދުނިޔެއަށް އޮތް ގޮތަކީ ހަނގުރާމައެއް ފެށުނަ ނުދިނުމަށް އެ ބަޔަކަށް ކުރެވުނު ކަމެއް ކުރުން ކަމަށެވެ. ޣައްޒާ ހަނގުރާމާގައި މަރުވެފައިވާ މީހުން އަދަދުކުރަން ގަލަން ބިރުގެންފައި ވާއިރު، ހަނގުރާމަ ފުޅާވެއްޖެ ނަމަ ދެންވެސް އޮތީ އެފަދަ ހާލަތެއް ކަމަށް ވިދާޅުވި އެވެ.
ގުޓަރެސް ވިދާޅުވި ގޮތުގައި ޣައްޒާގެ އުމްރާނީ ތަރައްގީ އިއާދަކުރުން އެހީދޭ ޖަމާއަތްތަކަށް ވެސް ވަރަށް ބޮޑު ތަކުލީފަކަށް ވާނެ އެވެ. އެފަދަ ދެވަނަ ހާލަތެއް މެދުވެރިވެއްޖެނަމަ، އެހީދޭ ޖަމާއަތްތައް ގޮތް ހުސްވާނެ ކަމަށްވެސް ވިދާޅުވި އެވެ.
އދގެ ސެކްރެޓަރީ ޖެނަރަލް ވަނީ އާންމު މަސްލަހަތަށްޓަކައި ހެދިފައި ހުރި އދގެ ގަރާރުތަކަށް ތަބާވުމަށް އިޒުރޭލަށާއި ލުބްނާންގެ ހިޒްބުﷲ އަށް ގޮވާލައްވާފަ އެވެ.
ގުޓަރެސް ވިދާޅުވި ގޮތުގައި ވަކި ބައެއްގެ ސިޔާސީ އަދި އަމިއްލަ މަސްހަލަތު ހިމާޔަތްކުރުމަށް ކުރެވޭ ހަނގުރާމައަކުން ބަރުބާދުވެގެން ދަނީ އިންސާނީ ޖަމާއަތެއް ކަމަށެވެ.
ޣައްޒާގައި މުޅިންހެން މަރުވެވެފައިވަނީ ހަނގުރާމައާއި އެއްވެސް ގުޅުމެއް ނެތް އާދައިގެ ނިކަމެތި ފަގީރުން ކަމަށްވެސް ގުޓަރެސް ވިދާޅުވި އެވެ. ލުބްނާނުންވެސް މަރުވެގެން ދާނީ އާންމު އާބާދީ ކަމަށް އޭނާ ވިދާޅުވި އެވެ.