ދިވެހިންގެ އަމިއްލަ އެސެޓްތައް ނުވަތަ ދައުލަތުގެ ހަރުމުދާ ބޭރުގެ ފަރާތްތަކަށް ދޫކޮށްލާކަށް ނުވާނެ ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.
އުމަރު މިހެން ވިދާޅުވެފައިވަނީ މާލޭގައި ހުންނަ ވިޔަފާރީގެ މައި ބަނދަރާއި، ތިލަފުށީގެ ކަނޑުގެ ބަނދަރު ބޭރުގެ ފަރާތަކަށް ދިގު މުއްދަތަކަށް ކުއްޔަށް ދިނުމަށް ސަރުކާރުން ނިންމާފައިވާ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ލިޔެކިޔުންތަކާ ގުޅިގެން ކަންބޮޑުވުން ފާޅުކުރައްވާ ކުރެއްވި ޕޯސްޓެއް ގައެވެ.
ދިވެހިންގެ އެސެޓްތައް ބޭރުގެ ބަޔަކަށް ދޫކޮށްލުމުގެ ބަދަލުގައި "ދިވެހީންގެ ރާއްޖެ" އިން ކުރަންޖެހޭ ކަމަކީ އެސެޓްތައް އުފެއްދުމަށްފަހު ދިވެހިންގެ އަތްމަތީގައި ބެހެއްޓުން ކަމަށްވެސް އުމަރު ވިދާޅުވި އެވެ.
"މިފަދަ އެސެޓްތައް ބޭރުގެ ފަރާތަކަށް ވިއްކާލުމާއި ދިގު މުއްދަތަށް ކުއްޔަށް ދިނުމަކީ ކަންކަން އަމިއްލައަށް ކުރަން ނުދަންނަ، ކަންނެތް މީހުން އުޅޭ ޤައުމުތަކުން ކުރާ ކަމެއް،" އުމަރު ވިދާޅުވި އެވެ.
ދިވެހިންގެ ރާއްޖެ ކަމަށް އުމަރު އެ އިޝާރާތް ކުރައްވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގަތީ "ދިވެހިންގެ ރާއްޖެ" އަނބުރާ ދިވެހިންނަށް ހޯއްދަވައިދެއްވާނެ ކަމަށް ވިދާޅުވެ އެ ޝިއާރުގައި ކުރެއްވި ކެމްޕޭނަށް ފަހު ކަމަށްވާތީ އެވެ.
ރާއްޖޭގެ މައި ވިޔަފާރި ބަނދަރު ބޭރުގެ ބަޔަކަށް ދޫކޮށްލުމަކީ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި 2010 ވަނަ އަހަރު ޖީއެމްއާރަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ވިއްކާލުމަށް ކުރެވުނު މަސައްކަތް ފަދަ އިގްތިސާދީ ގޮތުން ރާއްޖެއަށް އޭގެ ސަބަބުން އެތައް ގެއްލުން ތަކެއް ކުރިމަތިކުރުވާނޭ ކަމެއް ކަމަށްވެސް އުމަރު ވިދާޅުވި އެވެ.
"މީގެ ސަބަބުން މުދަލުގެ އަގުބޮޑުވެ، ދިވެހި ވިޔަފާރިތަކަށް އެތައް ދަތިތަކާ ކުރިމަތިވާނެ. ދައުލަތުގެ މިފަދަ 'ސްޓްރެޓެޖިކް އެސެޓް' ތަކަކީ އަބަދުވެސް ދިވެހީންގެ އަތްމަތީގައި ބަހައްޓައިގެން ވީހާވެސް ހެޔޮއަގުގައި ހިދުމަތް ދެވޭ ތަންތަނަށް ވާންޖެހޭ،" އުމަރު ވިދާޅުވި އެވެ.