އަންނަ މަހުގެ އެއްވަނަ ދުވަހުން ފެށިގެން މާލެ/ ހުޅުލެ އަދި ހުޅުމާލެ އަށް ބަސް ދަތުރުތަކުން ފީ ނަގަން ބޭނުންކުރާނީ ހާއްސަ ރީޗާޖު ކާޑެއް ކަމަށް އެމްޕީއެލް އިން ބުނެފި އެވެ.
އެމްޕީއެލް އިން ބުނީ ބަހުގެ ހިދުމަތުގައި އަގު ނަގަން ހަމަޖެހިފައިވަނީ "ޓަކްލިންކް" ކާޑެއް ބޭނުންކޮށްގެން ކަމަށެވެ. އަދި މި ކާޑު މިއަދުން ފެށިގެން ބަސް ޓާމިނަލްއިންނާއި ހުޅުމާލޭގެ މެއިން ބަސް ސްޓޮޕް (އެން1، ދެވަނަ ބަސް ސްޓޮޕް) އިން ކާޑު ވިއްކުމާއި ޓޮޕްއަޕް ކުރުމުގެ އިންތިޒާމު ހަމަޖެހިފައިވާނެ ކަމަށެވެ.
އައްޑު އާއި މާލޭގައި ވެސް ބަސް ދަތުރުގެ ހިދުމަތްދޭ ކުންފުނީގެ އެމްޑީ ޝާހިދު އަލީ "އަވަސް" އަށް މިއަދު ވިދާޅުވީ "ޓަކްލިންކް" ކާޑު ތައާރަފު ކުރިނަމަވެސް މި ކާޑުގެ ބޭނުން ކުރުމުގައި ބައެއް ސެޓިންތައް އަދި ހަދަމުންދާ ކަމަށެވެ.
"މިކާޑު ބޭނުންކުރެވޭނެ ފަސޭހަ ގޮތްތަކެއް އަދި ހަމަޖެހިގެންދާނެ. އަޅުގަނޑުމެން މަސައްކަތް ކުރަމުން މިދަނީ ކާޑަށް ފައިސާ އެޅުމުގެ ހިދުމަތް އޮންލައިންކޮށްވެސް ލިބޭނެ އިންތިޒާމު ހަމަޖައްސަން. މީގެ އިތުރުން ޕްރިޕެއިޑް ކާޑު ގޮތަށް އެޖެންޓުން މެދުވެރިކޮށް މި ކާޑުވެސް ރީޗާޖު ކުރެވޭނެ އިންތިޒާމު ހަމަޖެހިގެންދާނެމ: ޝާހިދު ވިދާޅުވި އެވެ.
މާލެ/ ހުޅުލެ އަދި ހުޅުމާލެ އަށް ދަތުރުކުރަން ހާއްސަކޮށް ތައްޔާރުކޮށްފައިވާ ކާޑު ވިއްކާ އަގަކީ 20ރ. އެވެ.
އެމްޑީ ޝާހިދު ވިދާޅުވީ ކާޑުގެ ހެއްދުމުގައި އަގެއް ނަގަން ނިންމީ، ކާޑު ގެއްލުވާލުން ފަދަ މައްސަލަތައް ކުޑަ ކުރުމަށް ކަމަށެވެ.
އެމްޕީއެލް އިން ބަސް ދަތުރުތަކުން ފީ ނަގަން ފެށުމުގެ ގޮތުން ވަނީ ހުރިހާ ބަސް ތަނެއްގައި އެކާޑުން ފައިސާ ކެނޑޭ ގޮތަށް ހާއްސަ ނިޒާމެއް ގާއިމްކޮށްފަ އެވެ. އަދި މި ނިޒާމަކީ ދުނިޔޭގެ އެންމެ ކުރިއަރާފައިވާ ގައުމުތަކުގެ ޓްރާންސްޕޯޓް ވިއުގަ ތަކުގައި ވެސް ބޭނުންކުރާ ކާޑެކެވެ.
އެ ކުންފުނިން ބުނެފައިވާ ގޮތުގައި މާލެ-ހުޅުމާލެ އަދި މާލެ- ހުޅުލެއާ ދެމެދު ދެމުންގެންދާ ބަހުގެ ހިދުމަތުން އަގު ނަގަން އެކުންފުންޏަށް ސަރުކާރުން ހުއްދައެއް ދީފައިވާ ކަމަށާއި އެހެންވެ އެ ދަތުރުތަކުގެ ފިއަކީ 10ރ. ކަމަށް ނިންމާފައިވާ ކަމަށެވެ.