ސީ ޓް އެއާ ކާގޯ

ސީ ޓު އެއާ ކާގޯ ހިދުމަތް މެދުވެރިކޮށް މިދިޔަ މަހު 96 ކޮންޓެއިނަރުގެ މުދާ ބޭރަށް

ސީ ޓު އެއާ ކާގޯ ހިދުމަތް މެދުވެރިކޮށް ފާއިތުވި އޮކްޓޫބަރު މަހު އެކަނިވެސް 96 ކޮންޓެއިނަރުގެ މުދާ ވައިގެ މަގުން ރާއްޖެއިން ބޭރަށް ފޮނުވައިފި އެވެ.

މި ހިދުމަތަކީ ކަނޑު މަގުން ރާއްޖެއަށް އަންނަ މުދާ ޓުރާންސިޓުކޮށް ވައިގެ މަގުން ދުނިޔޭގެ އެހެން ގައުމުތަކަށް ފޮނުވުމެވެ.

ރާއްޖޭގައި މި މަސަތްކަތް ފެށުމުގެ ގޮތުން މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އާއެކު ފުރަތަމަ އެއްބަސްވުމެއްގައި ސޮއިކުރީ ޓާކިޝް އެއާލައިނުން މި އަހަރުގެ މާޗް މަހު އެވެ. އެއަށްފަހު ފުރަތަމަ ކާގޯ ޝިޕްމަންޓް ފޮނުވީ މި އަހަރުގެ މެއި މަހު އެވެ.

އެމްޕީއެލްގެ ސީއީއޯ މުހައްމަދު ވަޖީހު އިސްމާއިލް ވިދާޅުވީ ރާއްޖޭގައި މި ހިދުމަތް ފެށިފަހުން މިކަމަށް ލިބޭ ތަރުހީބު ބޮޑު ކަމަށެވެ.

އެ ގޮތުން މިވީ ކުޑަ ދުވަސްކޮޅު ތެރޭ މި ހިދުމަތުގެ ޑިމާންޑު ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ވަޖީހު ވިދާޅުވި ގޮތުގައި ނިމިދިޔަ އޮކްޓޫބަރު މަހު އެކަނިވެސް 96 ކޮންޓެއިނާ (418 ޓަނުގެ މުދާ / 34946 ދާގީނާ) ގެ މުދާ ވަނީ ވައިގެ މަގުން ރާއްޖެއިން ބޭރަށް ފޮނުވާފަ އެވެ. އަދި މި މަސައްކަތުގައި މިވަގުތު ރާއްޖެއަށް ދަތުރުކުރާ ހަތް އެއާލައިންއަކުން ބައިވެރިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

މިވަގުތު ރާއްޖެއިން ބޭރުކުރެވޭ މުދަލަކީ ބަންގްލަދޭޝްގައި އުފައްދާ އަންނައުނުގެ ބާވަތްތަކެވެ.

ބަންގްލަދޭޝްގެ ގާމެންޓު އިންޑަސްޓްރީގެ ބޮޑު ޕަސެންޓޭޖެއް ވައިގެ މަގުން ފޮނުވަނީ ޔޫރަޕުގެ ގައުމުތަކަށެވެ. މިހާތަނަށް މި މުދަލުގެ ބޮޑު ބައެއް ދުނިޔޭގެ އެކި ގައުމުތަކަށް ގޮސްފައި ވަނީ އިންޑިއާ އާއި ސްރީލަންކާ މެދުވެރިކޮށް ކަމަށް ވަޖީހު ވިދާޅުވި އެވެ.

ވަޖީހު ވިދާޅުވީ ރާއްޖޭގައި މި ހިދުމަތް ފުޅާވެ، މިކަމުގެ ޑިމާންޑު ބޮޑުވަމުންދާތީ މިވިޔަފާރީގައި އުޅޭ މިސަރަހައްދުގެ ބައެއް ގައުމުތައް ކަންބޮޑުވާން ފަށާފައިވާ ކަމަށެވެ.

އޭނާ ވިދާޅުވީ ރާއްޖޭގައި މި ހިދުމަތް އިތުރަށް ފުޅާކޮށް ކަސްޓަމަރުންގެ އިތުބާރު ހޯދުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ދާދި ފަހުން އެމްޕީއެލްގެ ޓީމަކާއި އިނަ މޯލްޑިވްސްގެ ވެރިޔާ މުހައްމަދު ފިރާގާއެކު ބަންގްލަދޭޝްގެ ޗިޓަގޮންގް އަށް ޒިޔާރަތްކޮށް ބަންގްލަދޭޝްގެ ގާމެންޓް ފެކްޓްރީތަކުގެ ވެރިންނާއެކު މަޝްވަރާކޮށްފައިވާ ކަމަށެވެ.

"މިމަޝްވަރާތަކުން އެމގިގެންދިޔަ މުހިންމު އެއްކަމަކީ މިކަން ރަނގަޅަށް ކުރެވޭ ގޮތް ވެއްޖެނަމަ، މަހެއްގެ މައްޗަށް 400 އަށް ވުރެ ގިނަ ކޮންޓެއިނާގެ މުދާ ކަނޑުމަގުން ރާއްޖެ ގެނެސް ވައިގެ މަގުން ދުނިޔޭގެ އެކި ގައުމުތަކަށް ފޮނުވުމުގެ ފުރުސަތު އޮތްކަން،" ވަޖީހު ވިދާޅުވި އެވެ.

ވަޖީހު ވިދާޅުވީ މިކަމަށްޓަކައި ކޮންޓެއިނާތައް ރާއްޖެ ގެނައުމަށް ރާއްޖެ ދަތުރުކުރާ ޝިޕިން ލައިންތަކާއެކު މަޝްވަރާ ކުރަމުންދާ ކަމަށާއި މި މަސައްކަތަށް ބޭނުންވާ މެޝިނަރީތަކާއި އިކްއިޕްމެންޓްތައް ހަމަކޮށް، ކަސްޓަމަރުން ހިތްހަމަޖެހޭ ފަދަ ހިދުމަތްތަކެއް ފޯރުކޮށްދިނުމަށް މަސައްކަތްކުރަމުންދާ ކަމަށެވެ.