ހަބަރު

މިދިޔަ އަހަރުގެ އެންމެ ރަނގަޅު ކައުންސިލްތަކަށް ކަންގަތި އެވޯޑް ދީފި

މިދިޔަ އަހަރުގެ ލޯކަލް ކައުންސިލްސް ޕާފޯމަންސް އިންޑެކްސްގެ ނަތީޖާތަކަށް ބަލައި އެންމެ ކުރި ހޯދާފައިވާ ކައުންސިލްތަކަށް "ކަންގަތި" އެވޯޑް ދީފި އެވެ.

ކަންގަތި އެވޯޑަކީ ކައުންސިލްތަކުން ކުރާ މަސައްކަތުގެ އަގު ވަޒަން ކުރުމުގެ ގޮތުން ލޯކަލް ގަވަމެންޓު އޮތޯރިޓީ (އެލްޖީއޭ) އިން ދޭ ރަމްޒީ އެވޯޑެކެވެ. މި އެވޯޑް ދިނުމަށް ކައުންސިލްތައް ހަތަރު ބަޔަކަށް ރޭންކް ކޮށްފައިވެ އެވެ. ނަމަވެސް މިރޭގެ ހަފްލާގައި ކަންގަތި އެވޯޑު ދީފައިވަނީ ތިން ރޭންކަށެވެ.

ކައުންސިލްތައް ރޭންކު ކޮށްފައިވާ ހަތަރު ބައި:
- އަތޮޅު ކައުންސިލްތަކުގެ ރޭންކިން
- ރަށު ކައުންސިލްތަކުގެ ރޭންކިން
- ވަކި ވަކި އަތޮޅު ތަކުގައި ހިމެނޭ ރަށްތަކުގެ ރޭންކިން
- ސަބް އިންޑެކްސްތަކުގެ ރޭންކިން

މިރޭގެ ހަފްލާގައި އެންމެ ރަނގަޅު އަތޮޅު ކައުންސިލަކާއި، ރަށު ކައުންސިލްތަކުން އެންމެ ރަނގަޅު 10 ކައުންސިލް އަދި ކޮންމެ އަތޮޅަކުން އެންމެ ރަނގަޅު ރަށު ކައުންސިލަށް އެވޯޑު ހާސިލްކޮށްފައިވެ އެވެ. ކަންގެތި އެވޯޑް ކައުންސިލްތަކާއި ހަވާލުކޮށްދެއްވީ އެލްޖީއޭގެ ރައީސް އަދި ހޯމް މިނިސްޓަރު އުމަރު ނަސީރު އަދި ފިނޭންސް މިނިސްޓަރު އަބުދުﷲ ޖިހާދެވެ.

ކޮންމެ އަތޮޅަކުން އެންމެ ރަނގަޅު ކައުންސިލް:
- ހއ. އަތޮޅު: މާރަންދޫ ކައުންސިލް
- ހދ. އަތޮޅު: ވައިކަރަދޫ ކައުންސިލް
- ށ. އަތޮޅު: ފޯކައިދޫ ކައުންސިލް
- ނ. އަތޮޅު: ކުޑަފަރީ ކައުންސިލް
- ރ. އަތޮޅު: އުނގޫފާރު ކައުންސިލް
- ބ. އަތޮޅު: އޭދަފުށީ ކައުންސިލް
- ޅ. އަތޮޅު: ހިންނަވަރު ކައުންސިލް
- ކ. އަތޮޅު: ގުރައިދޫ ކައުންސިލް
- އދ. އަތޮޅު: ދަނގެތީ ކައުންސިލް
- ވ. އަތޮޅު: ކެޔޮދޫ ކައުންސިލް
- މ. އަތޮޅު: މަޑުއްވަރީ ކައުންސިލް
- ދ. އަތޮޅު: ރިނބުދޫ ކައުންސުލް
- ތ. އަތޮޅު: ބުރުނީ ކައުންސިލް
- ގދ. އަތޮޅު: ތިނަދޫ ކައުންސިލް
- ޏ. އަތޮޅު: މިސްކިތްމަގު ކައުންސިލް

އަތޮޅު ކައުންސިލްތަކުން އެންމެ ރަނގަޅު ތިން ކައުންސިލް:
1. މިލަދުންމަޑުލު އުތުރުބުރީ އަތޮޅު ކައުްނސިލް
2. ފުވައްމުލަކު އަތޮޅު ކައުންސިލް
3. ކޮޅުމަޑުލު އަތޮޅު ކައުންސިލް

ރަށު ކައުންސިލްތަކުން އެންމެ ރަނގަޅު 10 ކައުންސިލް
1. ށ. ފޯކައިދޫ ކައުންސިލް
2. ރ. އުނގޫފާރު ކައުންސިލް
3. ށ. މަރޮށީ ކައުންސިލް
4. ގދ. ތިނަދޫ ކައުންސިލް
5. ކ. ގުރައިދޫ ކައުންސިލް
6. ކ. ހުރާ ކައުންސިލް
7. ކ. ގުޅީ ކައުންސިލް
8. ށ. ފުނަދޫ ކައުންސިލް
9. ރ. ވާދޫ ކައުންސިލް
10. މ. މަޑުއްވަރީ ކައުންސިލް

ލޯކަލް ކައުންސިލް ޕާފޯމަންސް އިންޑެކްސްއަކީ ކައުންސިލްތަކުގެ މަސައްކަތުގެ ފެންވަރު މިންކޮށް ވަޒަންކުރުމަށް އެލްޖީއޭއިން އެކުލަވާލާފައިވާ އިންޑެކްސް އެކެވެ.

އެލްޖީއޭއިން ބުނީ ކަންގަތި އެވޯޑް ދީފައިވަނީ ކައުންސިލްތަކުގެ މަސައްކަތްތަކާ ބެހޭގޮތުން މިދިޔަ އަހަރު ކައުންސިލްތަކުން ހުށަހެޅި ހެކިތަކުގެ މައްޗަށް ބިނާކޮށްގެން ކަމަށާއި ކުރިއަށް އޮތް އަހަރުތަކުގައި ވެސް އެންމެ ރަނގަޅު ޕާފޯމެންސް ދައްކާ ކައުންސިލްތަކަށް އެވޯޑް ދޭން ވަނީ ނިންމާފައިވާ ކަމަށެވެ.

މިރޭގެ ހަފްލާގައި އެލްޖީއޭގެ ސްޓްރެޓެޖިކް ޕްލޭން 2016 - 2020 އާއި ސްޓްރެޓެޖިކް އެކްޝަން ޕްލޭން 2016 - 2018 އިފްތިތާހް ކުރި އެވެ.