އެމްޑަބްލިއުއެސްސީ

ގޭބިސީތަކުގެ ފެން ބިލްތަކުގެ ޖޫރިމަނާ މައާފްކޮށްދިނުމަށް އެމްޑަބްލިއުއެސްސީ އިން ނިންމައިފި

އާއްމު ރައްޔިތުންގެ މާލީ ހާލަތު ރަނގަޅު ކުރުމަށްޓަކައި ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ގޭބިސީތަކުގެ ފެން ބިލާއި ކަރަންޓް ބިލް ނުދެއްކި ގިނަ ދުވަސް ވެގެން އަރާފައިވާ ޖޫރިމަނާ ފައިސާ މައާފްކޮށްދިނުމަށް ސަރުކާރުން ނިންމުމާ ގުޅިގެން އެމްޑަބްލިއުއެސްސީގެ ބިލްތަކުގެ ޖޫރިމަނާ މައާފްކޮށްދިނުމަށް ނިންމައިފި އެވެ.

ގޭބިސީތަކުގެ ފެން ބިލާއި ކަރަންޓް ބިލް ނުދެއްކި ގިނަ ދުވަސް ވެގެން އަރާފައިވާ ޖޫރިމަނާ ފައިސާ މައާފްކޮށްދިނުމަށް ސަރުކާރުން ނިންމީ މިމަހުގެ 24 ވަނަ ދުވަހު އެވެ.

ސަރުކާރުގެ ނިންމުމާ ގުޅިގެން އެމްޑަބްލިއުއެސްސީގެ ޑޮމެސްޓިކް ކަސްޓަމަރުންގެ ބިލްތަކަށް 31 ޑިސެމްބަރު 2023ގެ ނިޔަލަށް އަރާފައިވާ ޖޫރިމަނާ މައާފްކޮށްދިނުމަށް ނިންމާފައިވެ އެވެ.

އެމްޑަބްލިއުއެސްސީ އިން ބުނީ ޖޫރިމަނާ މައާފްކޮށްދޭނީ ޖޫރިމަނާ ނިސްބަތްވާ ބިލްތަކަށް ދައްކަންޖެހޭ ޖުމްލަ ފައިސާ މިއަހަރުގެ އޭޕްރީލް އެކަކުން މިއަހަރުގެ ޑިސެމްބަރު 31އާ ދެމެދު އެއްކޮށް ދައްކާ ހަލާސްކުރާ ކަސްޓަމަރުންނަށް ކަމަށެވެ.

މީގެއިތުރުން އެއްބަސްވުމެއްގެ ދަށުން ބިލްތަކަށް މަހުން މަހަށް ބަހާލައިގެން ފައިސާ ދައްކާ ހަލާސްކުރުމަށް އެދޭ ކަސްޓަމަރުންނަށް، އެ އިންތިޒާމް ހަމަޖައްސައިދޭނެ ކަމަށްވެސް އެމްޑަބްލިއުއެސްސީ ބުނެ އެވެ. މަހުން މަހަށް ބަހާލައިގެން ފައިސާ ދައްކާ ކަސްޓަމަރުންނަށް ޖޫރިމަނާ މައާފްކޮށްދޭނީ އެއްބަސްވުމާއި އެއްގޮތަށް ފައިސާ ދައްކާ ހަލާސްކުރުމުން ކަމަށްވެސް ބުންޏެވެ.

އެމްޑަބްލިއުއެސްސީ އިން ބުނީ އެ ކުންފުނީގެ ކަސްޓަމާ ކެއާ ސެންޓަރުގެ ހޮޓްލައިން 105 އަށް ގުޅުމުން ނުވަތަ 1050 އަށް އެސްއެމްއެސްއެއް ފޮނުވުމުން ނުވަތަ އީމެއިލް ކުރުމުން ބޭނުންވާ އެހީތެރިކަންވެސް ލިބޭނެ ކަމަށެވެ.

"ވީމާ ނުދެއްކި ގިނަދުވަސް ވެގެން ޖޫރިމަނާ އަރާފައިވާ ބިލްތަކަށް ފައިސާ ދައްކަވައި ހާލާސް ކުރެއްވުމަށް މި ފުރުސަތުގެ ބޭނުން ހިއްޕެވުމަށާއި ގަވައިދުން ބިލްތަކަށް ފައިސާ ދައްކަވަމުން ގެންދެވުމަށް ހުރިހާ ކަސްޓަމަރުންނަށް އިލްތިމާސްކުރަމެވެ." އެމްޑަބްލިއުއެސްސީގެ ބަޔާނުގައިވެ އެވެ.