މުހައްމަފު ފަޒީލް ރަޝީދު

އެމްޑަބްލިޔުއެސްސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ފަޒީލް ސަސްޕެންޑްކޮށްފި

މާލޭ ވޯޓާ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ) ގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފަޒީލް ރަޝީދު ސަސްޕެންޑްކޮށްފި އެވެ.

އެމްޑަބްލިޔުއެސްސީ އިން މިއަދު ބުނީ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއި ގުޅޭ ގޮތުން ފުލުހުން ކުރިއަށްގެންދާ ތަހުގީގަށް އެއްބާރުލުން ދިނުމުގެ ގޮތުން ފަޒީލް ރަޝީދު ސަސްޕެންޑްކޮށްފައިވާ ކަމަށެވެ.

"މިކުންފުނީގެ ޑެޕިޔުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފަޒީލް ރަޝީދު މިހާރުވަނީ މިއަދުން ފެށިގެން ހުރިހާ ޒިންމާ ތަކަކުން ވަކިކޮށް އޮފީހަށް ނުނިކުމެވޭ ގޮތަށް ސަސްޕެންޑް ކުރެވިފަ،" އެމްޑަބްލިޔުއެސްސީ އިން ބުނެފައިވެ އެވެ.

ފަޒީލް ރަޝީދަކީ އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދުގެ ބޭބެ އެވެ.

ފޯޖުކޮށްފައިވާ ލިޔުންތަކެއް ބޭނުންކޮށްގެން ބިންވެރިޔާ ސްކީމުގެ ދަށުން ގޯތި ލިބިފައިވާ ކަމަށް ދައްކައިގެން އެ ގޯތިތަކުގައި އިމާރާތްކުރުމަށް ބޭނުންވެ އެކަމުގެ ހުއްދައަށް އެދުނު މައްސަލައެއް ފަޅާއަރާފައިވާއިރު ފޯޖުކޮށްފައިވާ ލިޔުންތަކެއް ބޭނުންކޮށްގެން ގޯތި ހޯދަން އުޅުނު މީހުންގެ ތެރޭގައި ފަޒީލް ރަޝީދުވެސް ހިމެނިފައިވެ އެވެ.

އެމްޑަބްލިޔުއެސްސީ އިން ފަޒީލް ސަސްޕެންޑްކޮށްފައިވާއިރު ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑް (ޕީސީބީ) އިން ވަނީ އެޗްޑީސީގެ ޗެއާމަން ފިޔަވައި ޑިރެކްޓަރުންގެ ބޯޑުގެ ހުރިހާ މެންބަރުން ސަސްޕެންޑްކޮށްފަ އެވެ.

މީގެ އިތުރުން ފަޒުލް ރަޝީދުވެސް ވަކި ގޮތެއް އަންގަންދެން އޮފީހަށް ނުނިކުމެވޭ ގޮތަށް ސަސްޕެންޑްކޮށްފައިވާ ކަމަށް ޕީސީބީ އިން ވަނީ ބުނެފަ އެވެ.