ކުންފުނިތަކާ ހަވާލު ކޮށްގެން ސޯޝަލް ހައުސިން ފްލެޓްތައް ހުޅުމާލޭގެ ދެ ވަނަ ފިޔަވަހީގައި އަޅަން ސަރުކާރުން އިއުލާން ކުރި "ހިޔާ" މަޝްރޫއުއަކީ ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުންނަށް ބޮޑު އުއްމީދަކާއި އުފާވެރިކަމެއް ލިބުނު ކަމެކެވެ. ފްލެޓް ލިބުމުގެ ފުރުސަތު ބޮޑުވި އެވެ. ސަރުކާރުގެ ފެން ކުންފުނި، އެމްޑަބްލިއުއެސްސީގެ މުވައްޒަފުން ވެސް ތިބީ އުފަލުގަ އެވެ. އެކަމަކު ކުންފުނީގެ ޝަރުތަކާއެކު މުވައްޒަފުންގެ އުއްމީދު ގެއްލި މާޔޫސްވެފައިވާ ކަމުގެ ސުވާލުތަކެއް ބައެއް މުވައްޒަފުން ފެންމަތި ކުރެ އެވެ.
އެނގިފައިވާ ގޮތުގައި ހިޔާ މަޝްރޫއުގެ ދަށުން 360 އެއްހާ ފްލެޓް އެމްޑަބްލިއުއެސްސީއިން މުވައްޒަފުންނަށް ދޭން ނިންމި އެވެ. އެ ފްލެޓްތަކަށް ކުރިމަތިލާން ހުޅުވާލުމުން މުވައްޒަފުންގެ ބޮޑު ތަރުހީބެއް ވެސް ލިބުނެވެ.
ކުރިމަތިލީ މުވައްޒަފުންގެ ތެރެއިން ފްލެޓް ލިބޭނެ ކަމަށް ކަނޑައެޅީ ފްލެޓަށް އެންމެ ބޭނުންވާ މުވައްޒަފުންނަށް އިސްކަންދީގެނެވެ. މަތިން މާކްސް ދީފައިވަނީ ކުންފުނީގައި އުޅޭތާ ގިނަ ދުވަސްވީ މީހުންނަށާއި ދަރިން ގިނައިން ތިބި މީހުންނަށެވެ. މާލޭގައި ގެދޮރުހުރި މުވައްޒަފުންނަށް މާކްސް ދިނީ މަދުންނެވެ.
އެހެން ނަމަވެސް ބައެއް މުވައްޒަފުން ބުނާ ގޮތުގައި ފްލެޓް ލިބޭ މުވައްޒަފުންނަށް އެކަން އަންގައި ފްލެޓް ބޭނުންނަމަ ބުކިން ފީއެއް ދެއްކުމަށް މުއްދަތެއް އެމްޑަބްލިއުއެސްއީއިން ކަނޑައެޅި ހިސާބުން މުވައްޒަފުންނަށް ދަތިތަކާ ކުރިމަތިވީ އެވެ. އެ ކުންފުނީގެ ބައެއް މުވައްޒަފުން އެކަން ވަނީ އަވަސްއާ ހިއްސާވެސް ކުރި އެވެ.
އޭގެ ތެރެއިން އެކަކު ކިޔައިދިން ގޮތުގައި ތިން ކޮޓަރީގެ ފްލެޓެއްނަމަ ޑައުން ޕޭމަންޓަކީ ތިން ލައްކަ ރުފިޔާ އެވެ. ޑައުން ޕޭމަންޓްގެ ފުރަތަމަ ބައި ކަނޑައަޅާފައިވަނީ ބުކިން ފީއެއްގެ ގޮތުގަ އެވެ. ދެ ކޮޓަރީގެ އެޕާޓްމެންޓެއްނަމަ ޑައުންޕޭމަންޓަށް ދެއް ލައްކަ ރުފިޔާ އެވެ. ފްލެޓް ކަށަވަރު ވާނީ ބުކިން ފީ ދައްކާ ނަމަ އެވެ.
ތިން ކޮޓަރި ނަމަ ބުކިން ފީގެ ގޮތުގައި ދައްކަން ޖެހޭނީ 1.10 ލައްކަ ރުފިޔާ އެވެ. ދެ ކޮޓަރި ނަމަ ބުކިން ފީގެ ގޮތުގައި 85،000 ރުފިޔާ ދައްކަން ޖެހެ އެވެ. އަދި އެ ފީ މިއަދު ދައްކަން އަންގާފައިވާ ކަމަށް ބުނެ އެވެ.
އެހެން މުވައްޒަފަކު ބުނި ގޮތުގައި ނުދައްކާ މުވައްޒަފުންނަށް ފްލެޓް ލިބޭނެ ކަމަށް ދޫކޮށްފައިވާ ލިޔުން ބާތިލްވާނެ ކަމަށް ކުންފުނީގެ އެޗްއާރުން ވަނީ އަންގާފަ އެވެ. އޭނާ ބުނާ ގޮތުންނަމަ ޑައުން ޕޭމަންޓްގެ ބާކީ ބައި ކުރިއަށް އޮތް ތިން މަސް ދުވަހުގެ ތެރޭގައި ދައްކަން ޖެހެ އެވެ.
"މުވައްޒަފުން މިކަމާ ކަންބޮޑުވޭ، އަޅުގަނޑުގެ ޑިޕާޓްމެންޓްން ވެސް ވަރަށް ގިނަ މުވައްޒަފުންނަށް ފްލެޓް ލިބޭނެ ކަމަށް އެންގި، އެކަމަކު ޑައުން ޕޭމަންޓަށް އަދި އެވެސް މިއަދުގެ ކުރިން އެ ވަރުގެ ބޮޑު އަދަދެއް ދެއްކުމުގެ ގާބިލް ކަމެއް ގިނަ މުވައްޒަފުންގެ ނެތް، އަދި މިހާތަނަށް އަޅުގަނޑުގެ ޑިޕާޓްމެންޓުން އެއްވެސް މުވައްޒަފަކު ބުކިން ފީ ނުދައްކާ، އެހެންވީއިރު ހުރިހާ މުވައްޒަފުންނަށް ފްލެޓް ގެއްލޭނެ،" އޭނާ ކިޔައި ދިނެވެ.
އޭނާ ބުނި ގޮތުގައި ޕެންޝަނުން ޑައުން ޕޭމަންޓް ދެއްކޭނެ ކަމަށް ކުރިން ބުންޏެވެ. ނަމަވެސް އެކަން ހަމަނުޖެހުނެވެ. އަދި އެ ފްލެޓްތަކަކީ މިހާތަނަށް އިމާރަތްކޮށްފައިވާ ފްލެޓްތަކަށް ނުވާތީ އޭގެ ޑައުން ޕޭމަންޓް ދެއްކުމަށް ބޭންކަކުން ލޯނެއް ހޯދޭ ގޮތެއް ފަސޭހައެއް ނުވެ އެވެ.
"ދެން ކިހިނެއް މި މަގުސަދު ހާސިލު ވާނީ، މިއީ ސޯޝަލް ހައުސިން، މި ފްލެޓްތައް ވެސް ގަނެވޭނީ އަތުގައި ފައިސާ ހުރި މުއްސަނދި މުވައްޒަފުންނަށް، އެއީ މިހާރު ވެސް ހުޅުމާލޭގައި އަމިއްލަ މީހުން އަޅާފައިވާ ފްލެޓްތައް ވެސް ގަނެވޭނެ ފަދަ ގާބިލް މީހުނަށް،" އޭނާ ބުންޏެވެ.
އެމްޑަބްލިއުއެސްސީގައި 10 އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ މުވައްޒަފަކު ވެސް އޭނާގެ ކަންބޮޑުވުން ހިއްސާކުރި އެވެ. އޭނާއަކީ ފްލެޓް ލިބޭނެ ކަމަށް ބުނެފައިވާ މުވައްޒަފެކެވެ. އޭނާ މިހާރު ވެސް އާއިލާ ގޮވައިގެން މާލޭގައި އުޅެނީ ކުއްޔަށް ކަމަށްވާއިރު އެއް ލައްކަ ރުފިޔާ ކުޑަ ދުވަސް ކޮޅެއްގައި ދެއްކުމުގެ ގާބިލް ކަމެއް ނެތެވެ. އެހެންވެ ފްލެޓް ލިބޭނެ ކަމުގެ އުއްމީދު އޭނާއަކަށް ވެސް ނެތެވެ.
މުވައްޒަފުންގެ މި ޝަކުވާ ކުންފުނީގެ މެނޭޖްމެންޓާ ހަމައަށް ވެސް މި ޝަކުވާ ގެންގޮސްފައި ވެއެވެ.
މިކަމާ ގުޅޭ ގޮތުން އެމްޑަބްލިއުއެސްސީއަކުން ވާހަކައެއް ނުދައްކަ އެވެ. މޭނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދަށް ގުޅައި މެސެޖް ކުރުމުން ވެސް އެނާ ޖަވާބެއް ނުދެއްވަ އެވެ.
އެމްޑަބްލިއުއެސްސީގައި މި މައްސަލަ ދިމާވެފައިވީ ނަމަވެސް ބައެއް އެހެން ކުންފުނިތަކުން މުވައްޒަފުންނަށް ދެއްކޭ ވަރަށް ބުކިން ފީ ކުޑަކުރި ކަމަށް އެނގިފައިވެ އެވެ. އެގޮތުން ބައެއް ކުންފުނިތަކުން 50،000 ރުފިޔާ ބުކިން ފީގެ ގޮތުގައި ދެއްކުމަށް މުވައްޒަފުންނަށް އެންގި ކަމަށްވެ އެވެ.