އެމްޑަބްލިއުއެސްސީ

އެމްޑަބްލިއުއެސްސީ އިން "ފެނުން ދިރުން"ގެ ނަމުގައި ކުރެހުމުގެ މުބާރާތެއް އިފްތިތާހްކޮށްފި

އެމްޑަބްލިއުއެސްސީ އިން ނެޝަނަލް ސެންޓަރ ފޯ ދި އާޓްސް (އެންސީއޭ) އާއި ގުޅިގެން ދުނިޔޭގެ ތިމާވެށީގެ ދުވަހާއި ދުނިޔޭގެ ކަނޑުތަކުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން "ފެނުން ދިރުން" މި ނަމުގައި ކުރެހުމުގެ މުބާރާތެއް އިފްތިތާހްކޮށްފި އެވެ.

ސަލްޓަން ޕާކްގައި މިރޭ ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މުބާރާތް އިފްތިތާހް ކޮށްދެއްވީ މިނިސްޓާ އޮފް ޔޫތު އެމްޕަވަމަންޓް، އިންފޮމޭޝަން އެންޑް އާޓްސް އިބްރާހީމް ވަހީދާއި އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު އަބްދުލް މަތީން މުހައްމަދު އެވެ.

މިރަސްމިއްޔާތުގައި މިނިސްޓްރީގެ އިސް ބޭފުޅުންނާއި އެންސީއޭގެ އިސް ބޭފުޅުންގެ އިތުރުން އެމްޑަބްލިޔުއެސްސީގެ ބޯޑް މެންބަރުންނާއި، މެނޭޖުމަންޓް ޓީމުގެ އިސް ބޭފުޅުން ބައިވެރިވި އެވެ.

މިމުބާރާތުގައި ބައިވެރިކުރާ ކުރެހުންތަކުން އެންމެ މޮޅު ތިން ކުރެހުމަކަށް ކަނޑައެޅިފައިވާ ފައިސާގެ އިނާމުތަކެއްވެ އެވެ. އެގޮތުން އެއްވަނަ އަށް ހޮވޭ މީހަކަށް 50,000 ރުފިޔާ، ދެވަނައަށް ހޮވޭ މީހަކަށް 35،000 ރުފިޔާ އަދި ތިންވަނައަށް ހޮވޭ މީހަކަށް 15،000 ރުފިޔާގެ ފައިސާގެ އިނާމު ލިބެ އެވެ.

އެމްޑަބްލިއުއެސްސީ އިން ބުނީ މި މުބާރާތުގައި އެންމެ މޮޅު ފަސް ކުރެހުމެއްވެސް ހޮވައި އެކުރުހުންތަކަށްވެސް ފައިސާގެ އިނާމެއް ދިނުމަށް ހަމަޖެހިފައިވާ ކަމަށާއި މި ފަސް ކުރެހުން ހޮވާނީ އާންމުންގެ މެދުގައި އެންމެ މަގުބޫލު ފަސް ކުރެހުމަށް ބެލުމަށްފަހުގައި ކަމަށެވެ.

"ފެނުން ދިރުން" ކުރެހުމުގެ މުބާރާތް އިންސާފު ކުރުމަށް ހަމަޖެހިފައިވަނީ އެންސީއޭ އިން އެކުލަވާލާފައިވާ ކުރެހުމުގެ ދާއިރާ އިން ފުންނާބު އުސް ފަނޑިޔާރުންގެ ޕެނަލްއަކުންނެވެ.

މި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު 18 އަހަރުން މަތީ ކޮންމެ މީހަކަށްވެސް ވަނީ ހުޅުވާލާފަ އެވެ. މިގޮތުން މިމުބާރާތުގެ ވެބްސައިޓް މެދުވެރިކޮށް ރަޖިސްޓާކޮށް އަދި މި މުބާރާތާ ބެހޭ އިތުރު މައުލޫމާތު ހޯދޭނެ އެވެ. މީގެ އިތުރުން މިމުބާރާތުގައި ބައިވެރިކުރާ ކުރެހުންތަައް އާންމުންނަށް ދައްކާލުމަށްޓަކައި ނެޝަނަލް އާޓްސް ގެލަރީގައި ހާއްސަ މައުރަޒެއް ޖުލައި މަހުގެ 27 އިން 30 އަށް ބޭއްވުމަށް ހަމަޖެހިފައިވެ އެވެ.

އެމްޑަބްލިއުއެސްސީ އިން ބުނީ މިމުބާރާތުގަައި ބައިވެރިކުރެވޭ ކުރެހުންތައް އާންމުންނަށް ގަތުމަށް ހުޅުވާލައި، ކުރެހުންތައް ވިއްކުމުގެ ފުރުސަތުވެސް އެގްޒިބިޝަންގައި ހުޅުވާލާނެ ކަމަށެވެ. އަދި އެގޮތަށް ވިއްކާލާ ކޮންމެ ކުރެހުމަކުން ކޮންމެ އާޓިސްޓަކަށް ކުރެހުމުގެ އަގުގެ 15 ޕަސަންޓް ލިބިގެންދާނެ ކަމަށާއި ބާކީ 85 ޕަސަންޓް ބޭނުންކުރާނީ ކުރެހުންތެރިންގެ ނަމުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގަސް އިންދުމަށް ކަމަށްވެސް ބުންޏެވެ.

އެމްޑަބްލިއުއެސްސީގެ އަމާޒަކީ ދެމެހެއްޓެނެވި ގޮތެއްގައި މުޖުތަމައަށް ފައިދާ ކުރުވާފަދަ ހަރަކާތްތަކެއް ހިންގުން ކަމަށާއި މިފަދަ ހަރަކާތްތަކުން ފަރުދީ ޒިންމާ އިތުރުވެ ފަހި މާދަމާ އަކަށް މަގުފަހިވެގެންދިއުން ކަމަށްވެސް އެ ކުންފުނިން ބުނެފައިވެ އެވެ.