އަދުލުވެރިވާންޖެހޭ ހާލަތުގައި އެއްވެސް މީހެއްގެ މޫނަށް ކަނދުރާއަށް ބެއްލެވުމެއް ނެތި ފިޔަވަޅު އަޅުއްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ޕީއެންސީގެ މާލޭގެ މައި ޖަގަހަ -- ޕީއެންސީ ހައުސް ހުޅުވުމަށް މިރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ އެމަނިކުފާނުގެ ވެރިކަމުގައި ހޭދަވެެގެން މިދިޔަ ހަތް މަސް ތެރޭގައި ބަދަލު ހިފުމުގެ ގޮތުން އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާނެ ކަމަށެވެ. ކުރިއަށް އޮތް ދުވަސްތަކުގައިވެސް ސިޔާސީ ބަދަލު ހިފުން އެމަނިކުފާނުގެ ސަރުކާރުގެ ތެރެއިން ފެނިގެން ނުދާނެ ކަމަށްވެސް ވިދާޅުވި އެވެ.
"ސިޔާސީ ބަދަލު ހިފުމެއް ނުހިފާނަން. ބަދަލު ހިފުމުގެ ރޫހު ނައްތާލަން ދިވެހި ރައްޔިތުން ބޭނުންވީ. އެކަން މިވަނީ މިހާރު މިގައުމުން ނައްތާލާފައި. ނުފެންނާނެ ބަދަލު ހިފުމުގެ ރޫހެއް މިގައުމުންނެއް. އަޅުގަނޑުމެންނާ އެކު ރައްޔިތުން ތިބިހާ ދުވަހަކު މިގައުމުން ބަދަލު ހިފުމުގެ ރޫހެއް ނުފެންނާނެ. ނުފެންނާނެ. މިދަންނަވަނީ ނުފެންނާނެ،" އެމަނިކުފާނު ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ކޮންމެ ކަހަލަ "ޕްލެޓްފޯމެއް" ހަދައިގެން ފާޑު ކިޔަސް އެމަނިކުފާނުގެ މައްސަލައެއް ނެތް ކަމަށާއި ފާޑު ކިޔުން އެމަނިކުފާނަށް ބަލައިގަނެވޭނެ ކަމަށެވެ. ބަދަލު ހިފުމުގެ ގޮތުން މީހުން ހައްޔަރު ނުކުރި ނަމަވެސް އަދުލުވެރިކަން ގާއިމުކުރުމަށްޓަކައި ކުރަންޖެހޭ ކަންކަން ކުރާނެ ކަމުގައިވެސް ވިދާޅުވި އެވެ. އަދި އެމަނިކުފާނު ވެރިކަމުގައި ރައްޔިތުންނަށް އިހްލާސްތެރިވާނެ ކަމަށާއި ކޮރަޕްޝަނާއި ވައްކަމުގެ އަމަލު ހިންގާ މީހުންނާ ދެކޮޅަށް ހެކި ލިބިއްޖެނަމަ އިސްވެ ފިޔަވަޅު އަޅުއްވާނެ ކަމުގައިވެސް ވިދާޅުވި އެވެ.
"ކޮރަޕްޝަނަކަށް ވައްކަމަކަށް ނާޖާއިޒު ގޮތެއްގައި ގަވައިދާ ހިލާފަށް ކަންކަން ކުރުމަށް އެ ފުރުސަތެއް ނޯންނާނެ. އެއީ އަކީއެއް ބަދަލު ހިފުމެއް ނޫން. އެއީ އަދުލު އިންސާފު ގާއިމުކުރުން. އެކަން އޮންނަ އުސޫލުގެ ތެރެއިން ބެލުމަކީ [އަދުލު އިންސާފު ގާއިމުކުރުން]. އެހެންވީމާ ކުރީގެ ސަރުކާރުން އެކިއެކި ކުންފުނިތަކުން ވިޔަސް އެހެން ފަރާތްތަކުން ވިޔަސް ހިންގާފައި ހުރި ކަންތައްތައް ނިޒާމުގެ ތެރެއިން ބައްލަވާ އަޅުއްވަންޖެހޭ ފިޔަވަޅެއް އޮތިއްޔާ މޫނެއް ކަނދުރާއަށް ބެލުމެއް ނެތި ފިޔަވަޅު އަޅާނަން،" ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ އަދުލުވެރިވީމާ ގައުމަށް ބަރަކާތާއި ކާމިޔާބު ލިބި ގައުމުގެ ކުރިމަގު އުޖާލާވާނެ ކަމަށެވެ. އެހެންވެ ރައީސް އެދިވަޑައިގަތީ ރައްޔިތުން އެމަނިކުފާނާ އެކު ކުރިއަށް ވަޑައިގަތުމަށެވެ. އަދި ރައްޔިތުންނަށް ތެދުވެރިވެ އިހްލާސްތެރިވާނެ ކަމުގެ ޔަގީންކަން ތަކުރާރުކޮށް ދެއްވެވި އެވެ.
ރައީސް މިރޭވެސް ވިދާޅުވީ އެމަނިކުފާނު ރައްޔިތުންނަށް ވެވަޑައިގެންނެވި ވައުދުތައް އެ ވައުދުވެވަޑައިގެންނެވި ގޮތަށް ފުއްދަވާ ދެއްވާނެ ކަމަށެވެ. އެމަނިކުފާނު ވެރިކަމަށް ވަޑައިގަތީ ރައްޔިތުންނަށް ހިދުމަތް ކުރުމަށް ކަމަށާއި އެހެންވެ އެމަނިކުފާނުގެ ވެރިކަމުގައި ފެންނާނީ ތެދުވެރި އިހްލާސްތެރި މަސައްކަތް ކަމަށްވެސް ރައީސް ވިދާޅުވި އެވެ.