ރަޝިއާގެ ރައީސް ލަޑިމިއާ ޕޫޓިން ވިއެޓާނާމަށް ކުރެއްވި ދަތުރުގައި، ވެރިރަށް ހަނޯއީގައި އެ ގައުމުގެ ރައީސް ޓް ލާމްއާ ބައްދަލުކުރައްވައި ބޮޑެތި ވައުދުތަކެއް ވެވަޑައިގެންނެވި އެވެ.
ރިޕޯޓްތައް ބުނާ ގޮތުން ވިއެޓްނާމްގެ ނިއުކްލިއާ އިންޖީނުގެތައް ޒަމާނީކޮށް ހަކަތަ އުފައްދާ މިންވަރު މަތިކޮށްދެއްވާނެ ކަމަށް ޕޫޓިން ވަނީ ވިދާޅުވެފަ އެވެ.
ވިއެޓްނާމް އާއެކު ނިއުކްލިއާ އެއްބާރުލުމެއްގައި ސޮއިކުރައްވައި، ރަޝިއާގެ ނިއުކްލިއާ ކުންފުނި ރޮސަޓޮމްގެ ވެރިޔާ އެލެކްސީ ލިޚަޗޭފް ވަނީ މި ހަބަރު އާންމުކުރައްވާފަ އެވެ.
ލިޚަޗޭފް ވިދާޅުވި ގޮތުގައި ވިއެޓްނާމްގައި ނިއުކްލިއާ އިންޖީނުގެތައް ތަރައްގީކޮށްދެއްވާނެ ކަމަށް އެ ގައުމުގެ ބޮޑުވަޒީރަށް ވެސް އޮންނަނީ ތަންކޮޅެއް ކުރިން ދަންނަވާފަ އެވެ.
ރޮސަޓޮމްއިން ބުނާ ގޮތުން ރަޝިއާއިން ވިއެޓްނާމަށް ފޯރުކޮށްދޭނީ މެދުފަންތިގެ ނިއުކްލިއާ އިންޖީނުތަކެވެ. އަދި ކަނޑު އުޅަނދުފަހަރުގައި ބޭނުންކުރެވޭ މޮޑެލްތަކެއް ވެސް ވިއެޓްނާމަށް ފޯރުކޮށްދެއްވާނެ ކަމަށް ނިއުކްލިއާ އިދާރާއިން ބުންޏެވެ.
ވިއެޓްނާމްގައި ބޭނުންކުރެވޭ ފެންވަރުގައި އަދި ނިއުކްލިއާ އިންޖީނުގެއެއް ނެތެވެ. އެ ގައުމުން ބިނާކުރަން މަސައްކަތްކުރި ނިއުކްލިއާ އިންޖީނުގެތަކުގެ މަސައްކަތްތައް 2016 ގައި ވަނީ ހުއްޓާލާފަ އެވެ. އެއީ ޖަޕާންގެ ފުކުޝީމާއަށް އެރި ސުނާމީއާ ގުޅިގެން ބަޖެޓް ލިބުން ދަތިވެގެންނެވެ.
ނަމަވެސް، ނިއުކްލިއާ އިންޖީނުގެތައް ބިނާކުރުމަކީ ވިއެޓްނާމުން ދެކޭ ހުވަފެނެކެވެ. އަދި މިކަމަށް ކޮންމެވެސް ވަރަކަށް ހޭދަކޮށް މަސައްކަތްތަކެއްވެސް ކޮށްފަ އެވެ.
ރޮސަޓޮމް އިން ބުނާ ގޮތުން ވިއެޓްނާމުން ނިއުކްލިއާ އިންޖީނުގެތަކުގެ މަސައްކަތްތައް ހުއްޓާލުމުގެ ކުރިންވެސް އޮންނާނީ އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް ބުނެފަ އެވެ.
މިހެން ކަން އޮއްވައި، މިދާކަށް ދުވަހު ރަޝިއާގެ ރައީސް ޕޫޓިން އެ ގައުމަށް ކުރެއްވި ދަތުރާ ގުޅިގެން އަނެއްކާވެސް ނިއުކްލިއާ އިންޖީނުގެތަކުގެ ވާހަކަ ފެށުނީ ކަމަށްވެސް ރަޝިއާގެ ނިއުކްލިއާ އިދާރާއިން ބުންޏެވެ.
ވިއެޓްނާމްގައި ނިއުކްލިއާ އިންޖީނުގެތައް ބިނާކުރުމުގެ މަސައްކަތްތައް ދެން ކުރިއަށް ދާނެ ކަމަށްވެސް އެ އިދާރާއިން ބުންޏެވެ.