ދުނިޔެ

ރަޝިއާގެ ރައީސް ލަޑިމިއާ ޕޫޓިން ވިއެޓްނާމަށް

ރަޝިއާގެ ރައީސް ލަޑިމިއާ ޕޫޓިން އުތުރު ކޮރެއާއަށް ކުރެއްވި ދެ ދުވަހުގެ ތާރީޚީ ދަތުރަށްފަހު ވިއެޓްނާމަށް ވަޑައިގެންފި އެވެ. އޭނާ ވިއެޓްނާމްގައިވެސް ދެ ދުވަހު މަޑުކުރައްވާނެ އެވެ.

ރިޕޯޓްތައް ބުނާ ގޮތުން އޭޝިއާގައި އެމެރިކާއަށް އެންމެ ގޮތް ނޭނގޭ ދެ ގައުމަކަށް -- އުތުރު ކޮރެއާ އާއި ވިއެޓްނާމަށް ޕޫޓިން ކުރައްވާ ދަތުރަކީ އެމެރިކާއަށް ގޮންޖަހައި، މި ދެ ގައުމާ އެކު އޮތް ގުޅުން އިތުރަށް ގާތްކުރެއްވުމަށް ކުރައްވާ ދަތުރެކެވެ.

ރަޝިއާގެ އިންވެސްޓްމަންޓްތައް މި ދެ ގައުމުގައި އިތުރު ކުރެއްވުމުގެ އިތުރުން، ނުފޫޒުގަދަ ގައުމުތެއް ގޮތުގައި ދެމިއޮތުމަކީ ވެސް ރަޝިއާގެ ބޭނުމެކެވެ.

ޕޫޓިން ވިއެޓްނާމަށް ވަޑައިގެން ވެރިރަށް ހަނޯއީގައި އެ ގައުމުގެ ވެރިންނާ ބައްދަލު ކުރެއްވުމަށް އޮތީ ތާވަލުކޮށްފަ އެވެ.

ވިއެޓްނާމްގެ ރައީސް، ޓް ލާމްއާ ބައްދަލުކުރައްވައި ދެ ގައުމުގެ ގުޅުން ހަރުދާނާކުރެއްވުމަށް ޕޫޓިން ހުށަހަޅުއްވާނެ އެވެ. އަދި ބޮޑުވަޒީރު ޕަމް މިން ޗިން އާއެކު ވިއެޓްނާމްގެ ތަރައްގީއާ މެދު މަޝްވަރާކުރައްވާނެ އެވެ.

ރިޕޯޓްތައް ބުނާ ގޮތުން އަސްކަރީ ގޮތުންނާއި އިގްތިސާދީ ގޮތުން އަދި ސައިންސާއި ޓެކްނޮލޮޖީގެ ދާއިރާއިން، ރަޝިއާއިން ވިއެޓްނާމަށް އެހީތެރިވާނެ އެވެ.

ވިއެޓްނާމްގެ އަސްކަރިއްޔާ އަމިއްލަ ފައިމަތީގައި ދެމެހެއްޓުމަށް ރަޝިއާއިން ހަތިޔާރާއި ޒަމާނީ އަސްކަރީ ވަސީލަތްތައް ފޯރުކޮށްދޭނެ އެވެ.

ރަޝިއާއާ ވިއެޓްނާމާ ދެމެދު ކުރެވޭ އިގުތިސާދީ މުއާމަލާތްތަކުގައި އެމެރިކާ ޑޮލަރު ބޭނުންކުރުން މުޅިން ހުއްޓާލުމަށް މަޝްވަރާކުރެވޭނެ އެވެ. މި ދެ ގައުމުގެ ދެމެދުގައި މިހާރު ކުރެވޭ ވިޔަފާރި މުއާމަލާތްތަކުގައި ވެސް އެމެރިކާ ޑޮލަރުން ބޭނުންކުރަނީ ވަރަށް މަދުންނެވެ.

ރަޝިއާ އަކީ ބްރިކްސް ޖަމާއަތުގެ މެމްބަރެކެވެ. އެމެރިކާ ޑޮލަރުގެ ބަދަލުގައި ބޭނުންކުރާނެ ވަކި ފައިސާއެއް ކަނޑައަޅައި ފާސްކުރުމަށް ބްރިކްސްގެ މެމްބަރު ގައުމުތަކުން ދަނީ ވަރަށް ވަރުގަދަ ރޭވުންތަކެއް ރާވަމުންނެވެ.

ވިއެޓްނާމްއާ ރަޝިއާއާ ދެމެދު، މި ދެ ގައުމުގެ ފައިސާއިން ވިޔަފާރި ކުރުމަކީ ވެސް، ދުނިޔޭގެ ބާޒާރުން ޑޮލަރުގެ ބާރު ކަނޑުވާލުމަށް ރަޝިއާ އަދި ބްރިކްގެ ބައިވެރިން ރާވައިގެން ކުރިއަށް ގެންދާ ކަމެކެވެ.