ފޮރިން މިނިސްޓްރީ

ރަސްމީ ދަތުރުފުޅެއްގައި މިނިސްޓަރު ޒަމީރު އެމެރިކާއަށް

ރަސްމީ ދަތުރުފުޅެއްގައި ފޮރިން މިނިސްޓަރު މޫސާ ޒަމީރު އެމެރިކާ އަށް ފުރާވަޑައިގެންފި އެވެ.

މިނިސްޓަރު ޒަމީރު މި މަހުގެ 27 ވަނަ ދުވަހާ ހަމައަށް ކުރަން ހަމަޖެހިފައިވާ މި ދަތުރުފުޅުގައި ރާއްޖެއާއި އެމެރިކާގެ މެދުގައި އޮންނަ ގުޅުން ވަރުގަދަ ކުރުމަށް އެމެރިކާގެ ވެރިންނާ އެކު މަޝްވަރާ ކުރައްވާނެ އެެވެ.


ޒަމީރުގެ މިދަތުރުފުޅުގައި ފުރަތަމަ ވަޑައިގަންނަވަނީ ވޮޝިންގްޓަނަށެވެ. އެތަނުގައި އެމެރިކާގެ ސްޓޭޓް ސެކްރެޓަރީ އެންޓަނީ ބްލިންކެން އާއި އެމެރިކާގެ އޭޖެންސީ ފޯ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓުގެ އެޑްމިނިސްޓްރޭޓަރު ސަމަންތާ ޕަވާއާ ބައްދަލުކުރައްވާނެ އެވެ.

މި ބައްދަލުވުންތަކުގެ އިތުރުން އެމެރިކާގެ ފޮރިން ރިލޭޝަންސް ކައުންސިލްގައި ކުރިއަށްދާ މަޝްވަރާތަކެއްގައިވެސް މިނިސްޓަރު ޒަމީރު ބައިވެރިވެވަޑައިގަންނަވާނެ އެވެ. އަދި އެއަށްފަހު ވޮޝިންގްޓަންގައި ދިރިއުޅެމުންދާ ދިވެހި ރައްޔިތުންނާ ބައްދަލުކުރެއްވުމަށްވެސް ހަމަޖެހިފައިވެ އެވެ.

މިނިސްޓަރު ޒަމީރުގެ މިދަތުރުފުޅުގައި އދގެ މައި މަރުކަޒު ހުންނަ ނިއުޔޯކަށް ވަޑައިގެން އދގެ ސެކްރެޓަރީ ޖެނަރަލް -- އެންޓޯނިއޯ ގުޓަރޭޒްއާއި އދގެ އިކޮނޮމިކް އަދި ސޯޝަލް އެފެއާޒްގެ އަންޑާ-ސެކްރެޓަރީ-ޖެނެރަލް، ލީ ޖުންހުއާ ވެސް ބައްދަލުކުރައްވާނެ އެވެ.

ނިއުޔޯކުގެ ޓުއާ އޮޕަރޭޓަރުންނާއި ޓްރެވަލް އެޑްވައިޒަރުންގެ އިތުރުން ނިއުޔޯކު އަދި ނިއުޖާޒީގައި އުޅޭ ދިވެހިންނާ ވެސް މިނިސްޓަރުގެ މިދަތުރުފުޅުގައި ބައްދަލުކުރައްވާނެ އެވެ.

މިނިސްޓަރު މޫސާ ޒަމީރު އެމެރިކާއަށް މިވަޑައިގަންނަވަނީ އިޒުރޭލުގެ ރައްޔިތުން ރާއްޖެއަށް އައުން މަނާކުރުމަށް ސަރުކާރުން ފިޔަވަޅުތަކެއް އަޅަން ނިންމާފައިވާތީ އެމެެރިކާގެ ބައެއް ސިޔާސީ ބޭފުޅުން ރާއްޖެއަށް ފިޔަވަޅު އެޅުމަށް ގޮވާލައްވަމުން ގެންދަވާ ވަގުތެއްގައެވެ.