ފައިސާގެ މުއާމަލާތް ކުރުމަށް ދުނިޔޭގައި މަޝްހޫރު ޕޭމަންޓް ސިސްޓަމް "ޕޭޕަލް" ރާއްޖެއަށް ތައާރަފު ކުރުމުގައި ހުރި ގޮންޖެހުންތައް ހައްލުކުރުމުގައި އެމެރިކާގެ އެހީ ލިބޭނެ ކަމަށް ފޮރިން މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެ އެވެ.
ރާއްޖޭގައި އެމެރިކާ އެމްބަސީ ގާއިމުވިތާ އެއް އަހަރު ފުރުން ފާހަގަކުރުމަށް ބޭއްވި ހަފުލާގައި މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވީ ރާއްޖެއަކީ ކުޑަ މާކެޓެއް ކަމަށާއި ޕޭޕަލް ތައާރަފުކުރުމުގައި ހުރި ގޮންޖެހުންތައް އެމެރިކާގެ އެހީގައި ނައްތާލެވޭނެ ކަމަށެވެ. އެއާއެކު އެކަމުގެ ފައިދާ ލިބޭނެ ކަމަށްވެސް މިނިސްޓަރު ޒަމީރު ވިދާޅުވި އެވެ.
"(ޕޭޕަލް)ގެ ހިދުމަތް ލިބެން ފެށުމުން އޭގެ ފައިދާ އަޅުގަނޑުމެންގެ އިގުތިސާދަށް ވަރަށް ބޮޑަށް ކުރާނެ " ޒަމީރު ވިދާޅުވި އެވެ.
ޕޭޕަލް ރާއްޖެއަށް ތައާރަފު ކުރުމަށް ދިވެހި ސަރުކާރުގެ ޕްރޮޕޯޒަލް މިހާރު ވަނީ އެ ކުންފުންޏަށް ހުށަހަޅާފަ އެވެ.
އެއާއެކު އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވަނީ ޕޭޕަލްއާއެކު ވަރަށް އަވަހަށް އެއްބަސްވުމަކަށް އާދެވޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވިދާޅުވެފަ އެވެ.
ރާއްޖޭގައި ޕޭޕަލް ބޭނުންކުރެވޭ ގޮތް ހެދުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ.
ރާއްޖޭގައި ޕޭޕަލް މެދުވެރިކޮށް މިވަގުތު ފައިސާ ފޮނުވޭ ގޮތް ހަމަޖެހިފައިވީ ނަމަވެސް ޕޭޕަލް މެދުވެރިކޮށް ފައިސާ ލިބޭނެ ގޮތެއް އަދި ހަމަޖެހިފައެއް ނުވެ އެވެ.