ލ. މުންޑޫ، ނޫވިލު، އަލީ ޒިޔަދަމު މީގެ ހަތް އަހަރު ކުރިން މަރާލި މައްސަލައިގައި އެރަށު، ބީޗްވިލާ އަލީ ސިފާމް އުމުރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމްގެ އިސްތިއުނާފު ހައިކޯޓުގައި މިއަދު ފަށައިފި އެވެ.
ޒިޔަދަމް މަރާލި މައްސަލައިގައި އަލީ ސިފާމް އުމުރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމްކުރިއިރު ހަމަ އެ މައްސަލައިގައި އެ ރަށު ހީނާވިލާ މުހައްމަދު ޝަނޫން މެރުމަށް ވަނީ ހުކުމްކޮށްފަ އެވެ.
ޒިޔަދަމް މަރާލިކަމުގެ ކުށް މުހައްމަދު ޝަނޫނާއި އަލީ ސިފާމްގެ މައްޗަށް ސާބިތުވާ ކަމަށް ކްރިމިނަލް ކޯޓުން ކަނޑައެޅީ ޑިސެމްބަރު 18، 2022 ގައެވެ. ޝަނޫންގެ މައްޗަށް ސާބިތުވީ ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ އެވެ. ސިފާމްގެ މައްޗަށް ސާބިތުވީ މީހަކު މަރާލުމުގައި ބައިވެރިވުމުގެ ކުށެެވެ.
މި މައްސަލާގައި މިއަދު ހައި ކޯޓުގައި ބޭއްވި އަޑުއެހުމުގައި ސިފާމްގެ ފަރާތުން އެދުނީ ހުކުމް ބާތިލުކޮށް ދިނުމަށެވެ. ހައިކޯޓަށް މި މައްސަލަ ހުށަހެޅީ ސިފާމްގެ ފަރާތުންނެވެ. ހައިކޯޓުގައި އޮތް ޝަރީއަތަށް ސިފާމް ހާޒިރުކޮށްފައިވަނީ ޖަލު ހެދުމުގައެވެ.
ޒިޔަދަމްގެ ހުރިހާ ވާރިސުންވެސް ކޯޓުގައި އެދިފައިވަނީ ޒިޔަދަމްގެ ގާތިލަށް މަރުގެ އަދަބު ދިނުމަށެވެ. ޒިޔަދަމްގެ ހަތް ތަނަކަށް ވަޅިން ހަމަލާދީފައިވާކަން ހެކިންގެ ހެކިބަހުން އެނގެ އެވެ. އޭނާ މަރާލާފައި އޮއްވާ ފެނުނީ ޒިޔަދަމްގެ ޅިޔަނު ދިރިއުޅުނު ގޭގެ ބަދިގޭގައި އޮއްވަ އެވެ.
ދަށު ކޯޓުގެ ޝަރީއަތުގައި ދައުލަތުން ބުނި ގޮތުގައި މާޗް 20، 2015 ވަނަ ދުވަހުގެ ރޭ މުންޑޫ ވަގުތީހިޔާ ކައިރީގައި ޒިޔަދަމާއި އިތުރު މީހަކު މާރާމާރީ ހިންގަމުން ދަނިކޮށް ޝަނޫން އާއި ސިފާމް ވަނީ އެތަނަށް ގޮސް ތޫނު އެއްޗަކުން ޒިޔަދަމްއަށް ހަމަލާ ދީފަ އެވެ.
އެ ދެ މީހުން އެތަނަށް ގޮސް ޒިޔަދަމަށް ހަމަލާދޭން ފެށުމުން ސަލާމަތްވާން ވަގުތީހިޔާ ތެރެއަށް ޒިޔަދަމް ވަނުމުން އޭނާ ފަހަތުން އެ ދެ މީހުން ގޮސް އޭނާއަށް ތޫނު އެއްޗަކުން ހަމަލާދީފައިވާ ކަމަށްވެސް ދައުލަތުން ވަނީ ބުނެފަ އެވެ.
މި މައްސަލައިގައި ދައުލަތުން އެދުނީ ސިފާމްގެ މައްޗަށް ކަނޑައަޅާފައިވާ ހުކުމް ބަދަލުކުރަންޖެހޭ ސަބަބެއް އިސްތިއުނާފު ކުރާ ފަރާތަށް ދެއްކިފައި ނުވާ ކަމަށް ކަނޑައަޅައި ދިނުމަށެވެ.
މިއަދު ބޭއްވި އަޑުއެހުމުގައި އިސްތިއުނާފީ ނުކުތާތަކާ ބެހޭގޮތުން އަދި ޖަވާބާ ގުޅޭގޮތުން ވާހަކަ ދެއްކުމުގެ ފުރުސަތު ދެ ފަރާތަށް ދިނުމަށްފަހު އަޑުއެހުން ނިންމަވާލައްވަމުން ފަނޑިޔާރުންގެ ބެންޗުން ވިދާޅުވީ މައްސަލަ ދިރާސާ ކުރުމުގެ ތެރޭގައި އިތުރު ކަމެއް ނެތް ނަމަ ދެން އޮންނާނީ މި މައްސަލައިގައި ޝަރީއަތުން ގޮތް ނިންމުން ކަމަށެވެ.
ހައިކޯޓުގައި މި މައްސަލަ ބައްލަވަނީ ފަނޑިޔާރު ހުޒައިފާ މުހައްމަދު، ހަސަން ޝަފީއު އަދި މުހައްމަދު ސަލީމް އެވެ.