ގ. ވޭރު އަބްދުލްމުހީތު މަރާލުމުގެ ކުށް ސާބިތުވެގެން މަރުގެ އަދަބު ދިނުމަށް ޖުވެނައިލް ކޯޓުން ހުކުމް ކޮށްފައިވާ ކުއްޖެއްގެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅައިފި އެވެ.
މީގެ 12 އަހަރު ކުރިން ފެބްރުއަރީ، 2012 ގައި ފިނޭންސް މިނިސްޓްރީ ކުރިމަތީގައި އޮންނަ ކޮޅު ބެދިފައިވާ ގޯޅި ތެރޭގައި މުހީތަށް ތޫނު އެއްޗަކުން ހަމަލާދީ މަރާލި މައްސަލައިގައި ދައުލަތުން ޖުވެނައިލް ކޯޓުގައި ދައުވާކުރީ އޭރު 18 އަހަރު ފުރިފައި ނުވާ ދެ ކުއްޖެއްގެ މައްޗަށެވެ. އެއީ އައްޑޫ ސިޓީ، މަރަދޫ، ކުރުދުމާގެ އަލީ އަތޫފާއި، މއ. ދުއްލިސާގެ މުހައްމަދު މާހިން ޝާފީގެ މައްޗަށެވެ.
މީގެ ތެރެއިން ސުޕްރީމް ކޯޓަށް މިހާރު ހުށަހަޅާފައިވަނީ އަލީ އަތޫފުގެ މައްސަލަ އެވެ. މިހާދިސާ ހިނގިއިރު އަތޫފާއި މާހިން ޝާފީއަށް 18 އަހަރު ފުރިފައި ނުވި ނަމަވެސް މިހާރު އަތޫފާއި މާހިން ޝާފީއަށް ވެސް ވަނީ 18 އަހަރު ފުރިފަ އެވެ.
އަތޫފްގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވަނީ އޭނާ މަރަން ޖުވެނައިލް ކޯޓުން ނިންމާފައިވާ ނިންމުމަށް ހައިކޯޓުން ތާއީދުކޮށްފައިވާ މައްސަލަ އެވެ. ހައިކޯޓުން އަތޫފްގެ މައްސަލައިގައި ހުކުމްކޮށްފައިވަނީ 2016 ވަނަ އަހަރު އެވެ.
ދެ ކުދިންގެ މައްޗަށް ކުށް ސާބިތުވީ އެ ކުދިން މުހީތަށް ހަމަލާ ދިން ތަން ފެނުނު ކަމަށް ބުނެ ދެ މީހަކު ހެކި ބަސް ދީފައިވާތީ އެވެ. އަދި އެ ދެ ކުދިން ފޯނު ކޯލަކުން ދައްކާފައިވާ ވާހަކަތަކުންވެސް އެ ދެ ކުދިންގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ވަނީ ބުނެފަ އެވެ.
އެ ހާދިސާ ހިނގުމަށްފަހު އެކަމުގައި ބައިވެރިވި ބައެއް މީހުންނާއެކު އެ ކުދިން އޭޑީކޭގައި އުޅުނު މަންޒަރު ފެންނަ ވީޑިއޯ ފްޓޭޖެއްވެސް ދައުލަތުން އޭރު ކޯޓަށް ހުށަހަޅާފައިވެ އެވެ.
މުހީތަށް ހަމަލާދިނުމަށްފަހު މުހައްމަދު ސުފްޔާން ކިޔާ މީހަކަށް ފޯނުން މުހީތަށް ހަމަލާ ދިން ގޮތް އެ ދެ ކުދިން ކިޔައިދޭ ފޯނު ކޯލެއްވެސް ދައުލަތުން ހެކީގެ ގޮތުގައި ހުށަހެޅި އެވެ. އެގޮތުން އެ ކުދިން ވަނީ މުހީތުގެ ބޮލުގައި ވަޅިން ޖެހުމުގެ ސަބަބުން ބޮލުގެ ފުށްކިބައިން ތަންކޮޅެއް ވެއްޓުނު ކަމަށް ބުނެފަ އެވެ. އަދި ބޮލުގެ އިސްތަށިގަނޑު ވެސް ބިންމައްޗަށް ފޭބި ވާހަކަ ބުނެފައިވެ އެވެ.
މީގެއިތުރަށް ދެވަނަ ފަހަރަށް މުހީތުގެ ބޮލުގައި ޖުހުމުން "ކާއްޓެއް ދެ ފަޅިވެގެންދާ ގޮތަށް" ބޯ ފަޅައިގެން ދިޔަ ކަމަށް މާހީން ފޯނުން ބުނެފައިވެ އެވެ. މުހީތަށް ހަމަލާދީފައިވަނީ ވަރަށް ތޫނު އެއްޗަކުން ކަމަށްވެސް ބުނެފައިވެ އެވެ.
މި ފޯނު ކޯލް އެނާލިސިސް ހެދިއިރު މާހީން އާއި އަތޫފްގެ އަޑާއި ފޯން ކޯލްގައި ހުރި އަޑުތައް ދިމާވެ އެވެ. ފޯނު ކޯލްގައި ކިޔާދީފައިވާ ވާހަކަތަކަކީ އެކަމުގައި ބައިވެރިވާ ބަޔަކަށް ނޫނީ ކިޔައިދޭން ނޭނގޭނެ ވާހަކަތަކެއް ކަމަށް ހައިކޯޓުގެ ހުކުމުގައި ބުނެފައިވެ އެވެ.
މުހީތު މަރުވި ސަބަބާ ގުޅޭ ގޮތުން ހަދާފައިވާ ރިޕޯޓްގައިވާ ގޮތުން އޭނާ މަރުވީ ތޫނު އެއްޗަކުން ލިބުނު ހަމަލާތަކުގައި އޭނާގެ މޭގެ ކަނާތު ފަޅިއަށް ލެ އާއި ވައި އެޅެމުގެ ސަބަބުންނެވެ. އަދި ކަރަށް ލިބުނު ޒަހަމްގެ ސަބަބުން ގިނަ އަދަދެއްގެ ލޭ ފައިބައި ލިބުނު ޝޮކެއްގެ ސަބަބުން ނޭވާލުމާއި ހިތް ހުއްޓިގެންނެވެ.
އިސްލާމީ ޝަރީއަތުގައިވާ ގޮތުން 18 އަހަރު ނުފުރުނަސް ބާލިޣުވެފައިވާނަމަ ކުށުގެ ޒިންމާ އުފުލަން ޖެހޭނެ އެވެ. އަދި އުމުރުން 15 އަހަރުވުމުން ފިރިހެން ކުއްޖެއްނަމަ ބާލިޣުވެއްޖެ ކަމަށް ނިންމޭނެ ކަމަށް އިސްލާމީ ޝަރީއަތުގައިވާ ކަމަށްވެް ހުކުމްގައި ވަނީ ފާހަގަކޮށްފަ އެވެ. ކުށް ކުރި ދެ ކުދިންނަށް ވެސް ވަނީ 15 އަހަރު ފުރިފަ އެވެ. އޭގެ އިތުރަށް ގާނޫނުގައިވެސް ވަނީ ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ޒިންމާ ކުޑަ ކުއްޖެއް ނަމަވެސް އުފުލަންޖެހޭނެ ކަމަށް ކަނޑައަޅާފަ އެވެ. އަދި އެފަދަ މައްސަލަތަކުގައި ފަނޑިޔާރުންނަށް ލުއި ނުދެވޭނެ ކަމަށް ބުނެފައިވެ އެވެ.
މި މައްސަލާގައި މުހީތުގެ ހުރިހާ ވާރިސުން ވެސް ބޭނުންވަނީ ގާތިލުންގެ ކިބައިން މަރަށް މަރު ހިފުމަށެވެ. އެ ދެ ކުދިން މަރަން ހައިކޯޓުންވެސް ހުކުމް ކުރީ މި ސަބަބުތަކާ ހުރެ ކަމަށް ހުކުމްގައިވެ އެވެ.