ހައިކޯޓް

މޫސަގެ މަރު: ސައްމާހްގެ ބަންދާމެދު މާދަމާ އަލުން ގޮތެއް ނިންމަނީ

ސުޕްރީމް ކޯޓުން ކުރި އަމުރަށް ހައިކޯޓުން ތަބާނުވުމުން މަރުގެ މައްސަލައެއްގައި ދައުވާކޮށްފައި ވަނިކޮށް މިނިވަންވި އިބްރާހިމް ސައްމާހު އަހްމަދު ފަތުހީގެ ބަންދާ މެދު އަލުން ގޮތެއް ނިންމުމަށް ހައިކޯޓުގައި މާދަމާ އަޑުއެހުމެއް ބޭއްވުމަށް ތާވަލްކޮށްފި އެވެ.

މިއީ މީގެ ހަތް އަހަރު ކުރިން، މާފަންނު އައިޓަމްސް ފިހާރަ ކައިރީ ވ. ކެޔޮދޫ، ދޭލިޔާގޭ، މޫސާ އަހްމަދު (19 އ) އަށް ވަޅިން ހަމަލާދީ މަރާލި ކަމަށް ތުހުމަތު ކުރެވޭ ސައްމާހުގެ ބަންދާ ގުޅޭ މައްސަލަ އެކެވެ.

ސައްމާހުގެ މައްޗަށް ދައުލަތުން ކޮށްފައިވާ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ ދަށު ކޯޓުން ސާބިތުނުވުމުން އެ މައްސަލަ ދައުލަތުން ހައިކޯޓުގައި އިސްތިއުނާފު ކުރި އެވެ. އަދި އިސްތިއުނާފު މައްސަލައިގެ ތެރެއިން ހައިކޯޓުގައި ދައުލަތުން އެދުނީ މައްސަލައިގެ އިސްތިއުނާފު ނިމެންދެން، ސައްމާހް ބަންދުކޮށްދިނުމަށެވެ. އެކަމަކު ހައިކޯޓުން އެގޮތަށް ކަނޑައަޅައި ނުދިނުމުން ދައުލަތުން ދެން އެ މައްސަލަ ހުށަހެޅީ ސުޕްރީމް ކޯޓަށެވެ.

ސުޕްރީމް ކޯޓުން އެ މައްސަލަ ނިންމިއިރު ސައްމާހު ހަތް ދުވަހަށް ބަންދުކޮށް ހައިކޯޓަށް އަމުރު ކުރީ، ހަތް ދުވަހުގެ ތެރޭގައި އޭނާގެ ބަންދާ މެދު އެ ކޯޓުން އަލުން ގޮތެއް ނިންމުމަށެވެ. އެހެންނަމަވެސް ސުޕްރީމް ކޯޓުގެ އަމުރަށް ހަތް ދުވަސްވީއިރުވެސް ހައިކޯޓުން އެކަމުގައި ގޮތެއް ނުނިމި ސައްމާހު މިހާރު ވަނީ މިނިވަންވެފަ އެވެ. ސުޕްރީމް ކޯޓުގެ އަމުރާ އެއްގޮތަށް ހައިކޯޓުން ހަތް ދުވަހުގެ ތެރޭގައި މި މައްސަލައިގައި ގޮތެއް ނިންމާފައި ނުވަނީ ކީއްވެގެން ކަމެއް ނޭނގެ އެވެ. އެކަމަކު ސުޕްރީމް ކޯޓުގެ އަމުރުގެ މުއްދަތު ހަމަވީފަހުން މާދަމާ އެ މައްސަލަ ހިންގަން ހައިކޯޓުން މިހާރު ވަނީ ތާވަލުކޮށްފަ އެވެ.

ސައްމާހު ބަންދު ކުރަން ސުޕްރީމް ކޯޓުން އަމުރު ކުރި މުއްދަތު ހަމަވިއިރުވެސް ހައިކޯޓުން ސުޕްރީމް ކޯޓުގެ އަމުރާ އެއް ގޮތަށް އެކަމުގައި ގޮތެއް ނިންމާފައި ނުވުމުން ސައްމާހް މިނިވަން ވެފައިވާކަން ޕީޖީ އޮފީހުންވެސް ކަށަވަރު ކޮށްދިނެވެ. އަދި ސުޕްރީމް ކޯޓުގެ އަމުރާ އެއްގޮތަށް ހައިކޯޓުން ގޮތެއް ނިންމާފައި ނުވާތީ ހައިކޯޓުގެ ފަނޑިޔާރުންގެ މައްސަލަ ޖޭއެސްސީއަށް ހުށަހަޅަން ވިސްނި ކަމަށްވެސް ޕީޖީ އޮފީހާ ހަވާލާދީ ބައެއް ނޫސްތަކުން ބުނެފައިވެ އެވެ.

މޫސަގެ މަރުގެ މައްސަލައިގައި އިތުރު ތިން މީހެއްގެ މައްޗަށްވެސް ދައުލަތުން ދައުވާކޮށް ކްރިމިނަލް ކޯޓުން މިދިޔަ މަހު ހުކުމް ކުރި އެވެ. މީގެތެރެއިން ކުށް ސާބިތުވީ ސ. ހިތަދޫ, މުޑުދާސްގެ، އަލީ ހަސަންގެ މައްޗަށް އެކަންޏެވެ. އޭނާ 15 އަހަރު ދުވަހަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމްކުރި އެވެ.