މަރިޔަމް ނަޒާހާ އާއި އޭނާގެ ކުރީގެ ފިރިމީހާ ހަސަން ޝާހިދާއި ދެމެދު ޖެހުނީ ދަރިފުޅުގެ މައްސަލައެއް ކަމަށާއި އެ ދެ މީހުންގެ ތެރޭގައި އޮންނަ ގުޅުން ރަގަޅު ކަމަށް ހެކިތަކުން އެނގޭ ކަމަށް ދައުލަތުން ބުނެފި އެވެ.
ކުރީގެ ފިރިމީހާ މަރައިލި ކަމުގެ ކުށް ސާބިތުވެ، ޖަލު ހުކުމެއް ތަންފީޒު ކުރަމުން އަންނަ މަރިޔަމް ނަޒާހާ އުމުރަށް ޖަލަށްލާން 2011 ވަނަ އަހަރު ދަށު ކޯޓުން ހުކުމް ކޮށްފައި ވަނީ އޭނާގެ ކުރީގެ ފިރިމީހާ މއ. އެދުރުގޭ ހަސަން ޝާހިދަށް ވަޅިއަކުން ހަމަލާދީ އޭނާ މަރާލިކަން ސާބިތު ވުމުންނެވެ. އެ މައްސަލަ ނަޒާހާގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފް ކުރުމުން އޭނާއާ ދެކޮޅަށް މައްސަލަ ނިންމައި ދަށު ކޯޓުގެ ހުކުމަށް އެ ކޯޓުން ތާއީދުކޮށް ހުކުމްކޮށްފައި ވަނީ މޭ 31، 2015 ގައެވެ. އޭގެ ހަ އަހަރު ފަހުން ނަޒާހާގެ ފަރާތުން ވަނީ އެ މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފްކޮށްފަ އެވެ.
ނަޒާހާގެ އިސްތިއުނާފީ ނުކުތާތަކަށް ޖަވާބު ދެމުން ދައުލަތުގެ ފަރާތުން މިއަދު ބުނެފައި ވަނީ ޝާހިދު އަދި ނަޒާހާގެ ދެމެދުގައި އުފެދުނު އަސްލު މައްސަލައަކީ ދަރިފުޅުގެ މައްސަލައެއް ކަމަށެވެ. އެގޮތުން ދެ މީހުންގެ ދަރިފުޅު ޝާހިދު ދިރިއުޅޭ ގެއަށް ނަޒާހާ ގެންދިއުމުން އެ ދަރިފުޅު ނަޒާހާއާ ހަވާލުކުރުމަށް ޖެންޑާ މިނިސްޓްރީއަށް މައްސަލަ ހުށަހެޅިކަމަށް ދައުލަތުން ބުނެ އެވެ. އަދި ޖެންޑާ މިނިސްޓްރީއިން ބުނެގެން އެ މައްސަލަ ފެމެލީ ކޯޓަށް ޝާހިދު ހުށަހެޅި އެވެ. މި ހާދިސާ ހިނގާފައި ވަނީ ފެމެލީ ކޯޓުން ނަޒާހާއަށް ޗިޓު ހަވާލުކުރަން ދިޔަ ދުވަހު އެވެ.
ޝާހިދު ދެކެ ނަޒާހާ ބިރުގަނެ ޖެހެލުންވާކަމަށް އޭނާ ތަކުރާރުކޮށް ބުނެފައިވެ އެވެ. އެކަމަށް އިޝާރާތްކުރަމުން ދައުލަތުން ބުނެފައި ވަނީ ނަޒާހާގެ ފަރާތުން ޝާހިދުގެ ފޯނަށް ކޮށްފައިވާ މެސެޖުތަކުން ހާމަވަނީ އެޔާ އިދިކޮޅަށް ކަމަށެވެ. އެގޮތުން ޝާހިދު ރުޅިއައުމުން އޭނާ އުފާވާކަމަށް ބުނެ މެސެޖުކޮށްފައިވާ ކަމަށް ބުންޏެވެ. އަދި ދަރިފުޅު ގޮވައިގެން ގޮސް އެއްޗެހި ގަނެދިނުމަށާއި ގެއަށް އެއްޗެހި ގަނެގެން ގެނެސްދިނުން ފަދަ މެސެޖުތައް ކޮށްފައިވާތީ އެ ދެމެދު ކަމެއް ހިނގާކަން އެނގެން ނެތް ކަމަށް ދައުލަތުން ބުންޏެވެ.
މީގެ އިތުރުން މި މައްސަލައިގައި ޝާހިދުގެ ގަޔަށް ނަޒާހާ ވަޅި ހެރިކަމާމެދު އޭނާގެ ފަރާތުން އެއްވެސް ދެކޮޅުވެރިކަމެއް ހަދާފައި ނުވާތީ އެހެން ހެކިތަކުގައި ކުދިކުދި ފުށުއެރުންތަކެއް ހުރިނަމަވެސް މައްސަލައިގެ މައުލޫއަށް އޭގެއިން އެއްވެސް އަސަރެއް ނުކުރާކަމަށް ވެސް ދައުލަތުން ފާހަގަކުރި އެވެ. އަދި ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މަރާ މީހަކަށް މަރުގެ އަދަބު ނުވަތަ 25 އަހަރުގެ ޖަލު ހުކުމަކަށްވުރެ ލުއި އަދަބެއް ގާނޫނުން ކަނޑައަޅާފައި ނުވާ ކަމަށް ވެސް ދައުލަތުން ވަނީ ފާހަގަކޮށްފަ އެވެ.
ހާދިސާ ހިނގުމަށްފަހު ނަޒާހާ ކްރައިމް ސީން ސާފުކޮށް ބައެއް ކަންކަމުގައި ދޮގު ހަދާފައިވާކަން ވެސް ދައުލަތުން ފާހަގަކުރި އެވެ. އެގޮތުން ހާދިސާ ހިނގި ކޮޓަރީގައި ލޭ ހޭކިފައި އޮތް ބެޑުޝީޓެއް ކޮތަޅަކަށް ލާފައި އޮތުމުން އެކަމާ ސުވާލުކުރުމުން ނަޒާހާ ބުނެފައި ވަނީ އެއީ މަސްހަރު ކަންތަކާ ގުޅިގެން ހޭކިފައިވާ ލޭ ކަމަށެވެ. ދައުލަތުން ބުނީ ޑީއެންއޭ ހެދުމުން އެއީ ޝާހިދުގެ ލޭކަން ހާމަވެފައިވާ ކަމަށެވެ. އަދި ހަމަލާ ދިން ވަޅި ވެސް ކޮތަޅަކަށް ލާފައިވާ ކަމަށެވެ.
މީގެ އިތުރުން ނަޒާހާ އަކީ އަބަދުވެސް ކަމަކާ ހިތްހަމަ ނުޖެހި އަދި ރުޅި އައިސްފިނަމަ އަމިއްލަ ހަށިގަނޑަށް އަނިޔާ ދޭ މީހެއް ކަމަށް ރިޕޯޓުތަކުން އެނގޭތީ، ޝާހިދުގެ ފުށުން އަނިޔާއެއް ލިބިފައިވާ ޒަހަމެއް އަދި ލަކުނެއް އޭނާ ގައިގައި ނެތް ކަމަށް ދައުލަތުން ބުންޏެވެ. ނަޒާހާ އަކީ ސްކޫލު ދައުރުން ފެށިގެން އަމިއްލަ ހަށިގަނޑަށް އަނިޔާ ދެމުން އަންނަ މީހެއް ކަމަށް ދައުލަތުން ބުނެ އެވެ.
އެހެންކަމުން ހައިކޯޓުގެ ނިންމުން ރަގަޅު ކަމަށް ނިންމަވައިދެއްވުމަށް ދައުލަތުން ވަނީ އެދިފަ އެވެ.
މިއަދުގެ އަޑުއެހުމުގައި އުއްތަމަ ފަނޑިޔާރު މުއުތަސިން އަދުނާން ވަނީ ނަޒާހާއާ ސުވާލުކުރައްވާފަ އެވެ. އެގޮތުން މީހަކު ގަޔަށް ވަޅި ހެރުމުން ދެން ވާނެ ގޮތް އެނގޭތޯ އެއްސެވި އެވެ. ޖަވާބުގައި ނަޒާހާގެ ވަކީލު މަރިޔަމް ނިހާޔަތު ވިދާޅުވީ އަނިޔާ ލިބޭނެ ކަމަށެވެ. އެކަމަކު މި މައްސަލައިގައި ނަޒާހާއަށް ހަމަލާ ދެވުނީ ކުއްލިއަކަށް ކަމަށާއި، އެ ހަމަލާގެ ސަބަބުން ޒަހަމްވިކަން އޭނާއަށް އެނގޭ ކަމަށެވެ. އެކަމަކު އޭނާ މަރުވިކަން އެނގުނީ ވަރަށް ފަހުން ކަމަށެވެ. އުއްތަމަ ފަނޑިޔާރު އަނެއްކާވެސް އެކަމާ ގުޅޭ ގޮތުން ސުވާލުކުރެއްވި އެވެ. އެގޮތުން ހަމަލާ ދެވުނީ ޝާހިދުގެ ބުރަކައްޓައްކަން އެނގޭތޯ އެއްސެވި އެވެ.
"ފަނޑިޔާރު ފަހުން އަޅުގަނޑަށް އެހުރިހާ އެއްޗެއް އެނގުނީ. އެވަގުތަކުއެއް އެ ގަޑިއަކުއެއް އަޅުގަނޑަކަށް އެއްވެސް އެއްޗެއް ނޭންގެ. އަޅުގަނޑު ބެލީ އެތަނުން ނިކުމެގެން ދެވޭތޯ،" ނަޒާހާ ބުންޏެވެ.
މި މައްސަލައިގައި ދެން އޮންނާނީ ހުލާސާގޮތެއްގައި ދެ ފަރާތުން ވާހަކަދެއްކުމެވެ. ދެން އޮންނަ އަޑުއެހުމެއްގައި މި މައްސަލައިގެ އަޑުއެހުންތައް ނިންމައިލާނެ ކަމަށް އުއްތަމަ ފަނޑިޔާރު ވަނީ ވިދާޅުވެފަ އެވެ.