ރަހީނުކޮށް މަރާލުމަށްފަހު ހުޅުމާލޭގެ ފަޅުތެރެއަށް އެއްލާލާފައި އޮއްވާ ފެނުނު އުމުރުން 13 އަހަރުގެ ކުއްޖާގެ މަރުގެ މައްސަލާގައި ދައުވާ ލިބޭ ކުޑަކުއްޖާ ދަށު ކޯޓުތަކުން ގޭބަންދަށް ބަދަލުނުކޮށްދިނުމުން އަނެއްކާވެސް ދައުލަތުން ސުޕްރީމް ކޯޓުގައި މައްސަލަ އިސްތިއުނާފް ކުރަން ނިންމައިފި އެވެ.
ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުގެ ޕަބްލިކް ޕްރޮސެކިއުޓާ އަހުމަދު ޝަފީއު މިއަދު ވިދާޅުވީ ހައިކޯޓުން އިއްޔެ ނިންމި ނިންމުން މި ހަފްތާތެރޭގައި ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރާނެ ކަމަށެވެ.
އުމުރުން 13 އަހަރުގެ ކުއްޖާގެ މަރު މައްސަލައިގައި ދައުލަތުން ދައުވާ އުފުލާފައި ވަނީ ދެ މީހަކަށެވެ. އޭގެ ތެރޭގައި ގަސްދުގައި މީހަކު މެރުމުގެ ދައުވާ ލިބޭ އުމުރުން 17 އަހަރުގެ ކުއްޖާ ޖުވެނައިލް ކޯޓުން ގޭބަންދަށް ބަދަލުކޮށްފައި ވަނީ ކ. ހިންމަފުށީ އައްސޭރި ޖަލުގައި ހުންނަ ކުޑަކުދިންގެ ޑިޓެންޝަން ސެންޓަރަކީ ކުޑަކުދިން ބައިތިއްބަން އެކަށީގެންވާ ތަނެއް ނޫން ކަމަށް ހިއުމަން ރައިޓްސް ކޮމިޝަނުން މައުލޫމާތު ދީފައިވާތީ އެކަމަށް ރިއާޔަތްކުރުމަށްފަހު އެވެ.
އޭގެ ފަހުން ކުޑަކުދިން ބަންދުކުރުމަށް ކަރެކްޝަނަލް ސާވިސް އިން އާ ޑިސެންޝަން ސެންޓަރެއް ގާއިމްކުރި އެވެ. އެހެންކަމުން ދައުލަތުން ވަނީ ކުއްޖާ އެތަނަށް ބަދަލުކޮށްދިނުމަށް ޖުވެނައިލް ކޯޓުގައި އެދިފަ އެވެ. އެކަމަކު އެ ކޯޓުން ނިންމާފައި ވަނީ އެކުއްޖާ ގޭބަންދަށް ބަދަލުކުރަން ނިންމި ނިންމުމަށް ބަދަލެއް ގެންނަން ނުފެންނަ ކަމަށެވެ. އެ ނިންމުން ހައިކޯޓުގައި އިސްތިއުނާފް ކުރުން އެ ނިންމުމަށް ތާއީދުކުރި އެވެ.
ދައުލަތުން އެ މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފްކުރުމުން އެ ކޯޓުން ނިންމާފައި ވަނީ ހައިކޯޓުން އެ ނިންމުމަށް ވާސިލްވެފައި ވަނީ ވަށައިގެންވާ ކަންކަމަށް ރިއާޔަތްކުރުމެއް ނެތި ކަމަށެވެ. އެހެންކަމުން އެ ނިންމުން ބާތިލް ކުރީ އެވެ. އެކަމަކު ކުއްޖާ ގޭބަންދު ކުރުމަކީ ގާނޫނީ ހުރަހެއް އޮތް ކަމެއް ނޫންކަމަށް ވެސް ސުޕްރީމް ކޯޓުގެ އެ ނިންމުމުގައިވެ އެވެ.
އޭގެ ފަހުން ދައުލަތުން އަނެއްކާވެސް ޖުވެނައިލް ކޯޓުގައި ކުއްޖާގެ ބަންދު މުރާޖައާކޮށްދިނުމަށް އެދުމުން ނިންމީ ކުއްޖާ ގޭބަންދުގައި ބެހެއްޓުމަށެވެ. އެ ނިންމުމަށް ތާއީދުކުރަމުން ހައިކޯޓުން އިއްޔެ ކުރި ހުކުމުގައި ބުނެފައި ވަނީ ކުއްޖާ ގޭބަންދަށް ބަދަލުކުރުމަށްފަހު ކޮށްފައިވާ ޝަރުތުތަކުން، ކުއްޖާގެ ފަރާތުން މުޖުތަމައަށް ކުރިމަތިވެދާނެ ނުރައްކަލަކާއި އަދި ހެކިންނަށް ނުފޫޒު ފޯރުވަން މަސައްކަތްކޮށްފާނެ ކަމަށް އޮތް އިހުތިމާލު ކުޑަކުރަން ޖުވެނައިލް ކޯޓުގެ ފަނޑިޔާރު މަސައްކަތް ކޮށްފައިވާ ކަމަށެވެ.
އަދި ސުޕްރީމް ކޯޓުން ބެލި މައްސަލައިން ވެސް، ކުއްޖާ ގޭބަންދުގައި ބެހެއްޓުމަށް ގާނޫނީ ގޮތުން ހުރަހެއް ނެތް ކަން ފާހަގަކޮށްފައިވާކަން ވެސް އެ ހުކުމުގައި ބަޔާންކޮށްފައިވެ އެވެ.