ހައިކޯޓް

ކުއްޖާގެ ގޭބަންދު އަމުރު އަނެއްކާވެސް ހައިކޯޓުން ދަމަހައްޓައިފި

ރަހީނުކޮށް މަރާލުމަށްފަހު ހުޅުމާލޭގެ ފަޅުތެރެއަށް އެއްލާލާފައި އޮއްވާ ފެނުނު އުމުރުން 13 އަހަރުގެ ކުއްޖާގެ މަރުގެ މައްސަލާގައި ދައުވާ ލިބޭ ކުޑަކުއްޖާ ގޭބަންދަށް ބަދަލުކުރަން ޖުވެނައިލް ކޯޓުން ނިންމި ނިންމުމަށް ހައިކޯޓުން އަނެއްކާވެސް ތާއީދުކޮށްފި އެވެ.

ކ. ހިންމަފުށީ އައްސޭރި ޖަލުގައި ހުންނަ ކުޑަކުދިންގެ ޑިޓެންޝަން ސެންޓަރުގައި ހުއްޓައި ޖުވެނައިލް ކޯޓުން ގޭބަންދަށް ބަދަލުކުރަން އަމުުރުކުރީ އެ މައްސަލާގައި ގަސްދުގައި މީހަކު މެރުމުގެ ދައުވާ ލިބޭ އުމުރުން 17 އަހަރުގެ ކުއްޖާ އެވެ. ޝަރުތުތަކަކާއެކު އެކުއްޖާ ގޭބަންދަށް ބަދަލުކޮށްފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ނުވަވަނަ ދުވަހު އެވެ.

ކޯޓުން ގޭބަންދަށް ބަދަލުކުރަން އަމުރުކުރީ، ކުއްޖާ ބަންދުކޮށްފައި ހުރި ޖަލަކީ ކުޑަކުދިން ބައިތިއްބަން އެކަށީގެންވާ ތަނެއް ނޫން ކަމަށް ހިއުމަން ރައިޓްސް ކޮމިޝަނުން މައުލޫމާތު ދީފައިވާތީ އެކަމަށް ރިއާޔަތްކުރުމަށްފަހު އެވެ.

އޭގެ ފަހުން ކުޑަކުދިން ބަންދުކުރުމަށް ކަރެކްޝަނަލް ސާވިސް އިން އާ ޑިސެންޝަން ސެންޓަރެއް ގާއިމްކުރި އެވެ. އެހެންކަމުން ދައުލަތުން ވަނީ ކުއްޖާ އެތަނަށް ބަދަލުކޮށްދިނުމަށް ޖުވެނައިލް ކޯޓުގައި އެދިފަ އެވެ. އެކަމަކު އެ ކޯޓުން ނިންމާފައި ވަނީ އެކުއްޖާ ގޭބަންދަށް ބަދަލުކުރަން ނިންމި ނިންމުމަށް ބަދަލެއް ގެންނަން ނުފެންނަ ކަމަށެވެ. އެ ނިންމުމަށް ހައިކޯޓުން ވެސް ތާއީދުކުރި އެވެ.

އެ މައްސަލަ ސުޕްރީމް ކޯޓަށް ދައުލަތުން ގެންދިއުމުން، އެކޯޓުން މިދިޔަ މަހުގެ 17 ވަނަ ވަނީ ހައިކޯޓުގެ ނިންމުން ބާތިލުކޮށްފަ އެވެ. އެ ހުކުމުގައި ބުނެފައި ވަނީ ހައިކޯޓުން އެ ނިންމުމަށް ވާސިލްވެފައި ވަނީ ވަށައިގެންވާ ކަންކަމަށް ރިއާޔަތްކުރުމެއް ނެތި ކަމަށެވެ. އެކަމަކު ކުއްޖާ ގޭބަންދު ކުރުމަކީ ގާނޫނީ ހުރަހެއް އޮތް ކަމެއް ނޫންކަމަށް ވެސް ސުޕްރީމް ކޯޓުގެ އެ ނިންމުމުގައިވެ އެވެ.

އޭގެ ފަހުން ދައުލަތުން އަނެއްކާވެސް ޖުވެނައިލް ކޯޓުގައި ކުއްޖާގެ ބަންދު މުރާޖައާކޮށްދިނުމަށް އެދުމުން ނިންމީ ކުއްޖާ ގޭބަންދުގައި ބެހެއްޓުމަށެވެ. އެ ނިންމުމަށް ތާއީދުކުރަމުން ހައިކޯޓުން އިއްޔެ ކުރި ހުކުމުގައި ބުނެފައި ވަނީ ކުއްޖާ ގޭބަންދަށް ބަދަލުކުރުމަށްފަހު ކޮށްފައިވާ ޝަރުތުތަކުން، ކުއްޖާގެ ފަރާތުން މުޖުތަމައަށް ކުރިމަތިވެދާނެ ނުރައްކަލަކާއި އަދި ހެކިންނަށް ނުފޫޒު ފޯރުވަން މަސައްކަތްކޮށްފާނެ ކަމަށް އޮތް އިހުތިމާލު ކުޑަކުރަން ޖުވެނައިލް ކޯޓުގެ ފަނޑިޔާރު މަސައްކަތް ކޮށްފައިވާ ކަމަށެވެ.

އަދި ސުޕްރީމް ކޯޓުން ބެލި މައްސަލައިން ވެސް، ކުއްޖާ ގޭބަންދުގައި ބެހެއްޓުމަށް ގާނޫނީ ގޮތުން ހުރަހެއް ނެތް ކަން ފާހަގަކޮށްފައިވާކަން ވެސް އެ ހުކުމުގައި ބަޔާންކޮށްފައިވެ އެވެ.

ކުއްޖާ ގޭބަންދުކުރުމަށްފަހު ކޮށްފައިވާ ޝަރުތުތައް

  • ދިރިއުޅޭ ގެއިން ބޭރަށް ނުނިކުތުން
  • މުވާސަލާތީ އެއްވެސް ވަސީލަތްތައް ބޭނުންކުރުމާއި އެ ވަސީލަތްތައް މެދުވެރިކޮށް މީހުންނާ މުއާމަލާތް ކުރުން
  • ބަންދުކޮށްފައިވާ ގޭގައި ދިރިއުޅޭ މީހުން ފިޔަވައި އިތުރު މީހުން ގެއަށް ނުވެއްދުން
  • ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސްގެ ޕްރޮގްރާމްތަކަށް ފުރިހަމައަށް އެއްބާރުލުން ދިނުން
  • ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސްގެ ސެޝަންތަކަށް ހާޒިރުވާއިރު ބެލެނިވެރިއަކާ އެކީ ގެއިން ބޭރަށް ދިއުން
  • މައްސަލައާ ގުޅުހުންހުރި އެއްވެސް ފަރާތަކާ އެއްވެސް ބާވަތެއްގެ މުޢާމަލާތެއް ނުކުރުން އަދި އެއްވެސް މީހަކު މެދުވެރިކޮށްވެސް އެފަދަ ކަމެއް ނުކުރުން

އުމުރުން 13 އަހަރުގެ ކުއްޖާ ރަހީނުކޮށް މަރާލުމަށްފަހު ފޮށިގަނޑަަކަށްލައި ހުޅުމާލޭގެ ދެވަނަ ފިޔަވައްސާ ދިމާލު މޫދަށް އެއްލާލާފައި އޮއްވާ ފެނުނީ މިދިޔަ ޖޫން މަހުގެ 22 ވަނަ ދުވަހުގެ މެންދަމު ވަގުތެއްގަ އެވެ. ކުއްޖާގެ މަރާ ގުޅިގެން ފުލުހުން ހައްޔަރުކުރީ 17 އަހަރުގެ ކުޑަކުއްޖާގެ އިތުރުން 27 އަހަރުގެ ދިވެހި ފިރިހެނެކެވެ. ހަތާވީސް އަހަރުގެ މީހާ އަކީ ނ. ލަންދޫ، ބަގީޗާގޭ، އިބްރާހިމް ޒިހާނެވެ.