ސުޕްރީމް ކޯޓް

މަރުގެ ދައުވާ ލިބޭ ކުއްޖާ ޖަލަށް ބަދަލެއް ނުކުރި

ރަހީނުކޮށް މަރާލުމަށްފަހު ހުޅުމާލޭގެ ފަޅުތެރެއަށް އެއްލާލާފައި އޮއްވާ ފެނުނު އުމުރުން 13 އަހަރުގެ ކުއްޖާގެ މަރުގެ މައްސަލާގައި ދައުވާ ލިބޭ ކުޑަކުއްޖާ ގޭބަންދުގައި ބަހައްޓަން ހުރަހެއް ނެތް ކަމަށް ސުޕްރީމް ކޯޓުން ހުކުމްކޮށްފި އެވެ.

އުމުރުން 13 އަހަރުގެ ކުއްޖާގެ މަރު މައްސަލައިގައި ދައުލަތުން ދައުވާ އުފުލާފައިވަނީ ދެ މީހަކަށެވެ. އޭގެ ތެރޭގައި ގަސްދުގައި މީހަކު މެރުމުގެ ދައުވާ ލިބޭ އުމުރުން 17 އަހަރުގެ ކުއްޖާ ޖުވެނައިލް ކޯޓުން ގޭބަންދަށް ބަދަލުކޮށްފައިވަނީ ކ. ހިންމަފުށީ އައްސޭރި ޖަލުގައި ހުންނަ ކުޑަކުދިންގެ ޑިޓެންޝަން ސެންޓަރަކީ ކުޑަކުދިން ބައިތިއްބަން އެކަށީގެންވާ ތަނެއް ނޫން ކަމަށް ހިއުމަން ރައިޓްސް ކޮމިޝަނުން މައުލޫމާތު ދީފައިވާތީ އެކަމަށް ރިއާޔަތްކުރުމަށްފަހު އެވެ.

އޭގެ ފަހުން ކުޑަކުދިން ބަންދުކުރުމަށް ކަރެކްޝަނަލް ސާވިސް އިން އާ ޑިސެންޝަން ސެންޓަރެއް ގާއިމްކުރި އެވެ. އެހެންކަމުން ދައުލަތުން ވަނީ ކުއްޖާ އެތަނަށް ބަދަލުކޮށްދިނުމަށް ޖުވެނައިލް ކޯޓުގައި އެދިފަ އެވެ. އެކަމަކު އެ ކޯޓުން ނިންމާފައިވަނީ އެކުއްޖާ ގޭބަންދަށް ބަދަލުކުރަން ނިންމި ނިންމުމަށް ބަދަލެއް ގެންނަން ނުފެންނަ ކަމަށެވެ. އޭގެ ފަހުން ދައުލަތުން އެ މައްސަލަ އިސްތިއުނާފް ކުރުމުން ހައިކޯޓު އަދި ސުޕްރީމް ކޯޓުން ވެސް ނިންމީ ކުއްޖާ ގޭބަންދުގައި ބެހެއްޓުމަށް ހުރަހެއް ނެތް ކަމަށެވެ.

އެކުއްޖާ ގޭ ބަންދަށް ބަދަލުކޮށްފައި ވަނީ ޝަރުތުތަކަކާ އެކީ އެވެ.

އޭގެ ފަހުން ދައުލަތުން އަނެއްކާވެސް ޖުވެނައިލް ކޯޓުގައި ކުއްޖާގެ ބަންދު މުރާޖައާކޮށްދިނުމަށް އެދުމުން ނިންމީ ކުއްޖާ ގޭބަންދުގައި ބެހެއްޓުމަށެވެ. އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފް ކުރުމުން ދަށުކޯޓުގެ ނިންމުމަށް ތާއީދުކުރި އެވެ.

ދެވަނަ ފަހަރަށް މި މައްސަލައިގައި ދައުލަތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފްކުރި މައްސަލައިގައި އިއްޔެ އިއްވި ހުކުމުގައި ބުނެފައިވަނީ މިއީ އިސްތިއުނާފް ކުރެވިދާނެ މައްސަލައެއް ނޫން ކަމަށެވެ.

މި މައްސަލައިގައި މަތީ މަރުހަލާތަކުގައި ދައުލަތުން ހުށަހަޅާފައިވަނީ އެއް އިސްތިއުނާފީ ނުކުތާ އެކެވެ. އެއީ އެ ކުއްޖާ ގޭބަންދުގައި ބަހައްޓަން ނިންމީ ކުޑަކުދިންގެ އަދުލުގެ ގާނޫނާ ހިލާފަށް ކަމަށެވެ. ހުކުމުގައި ބުނެފައިވަނީ ދަށު ކޯޓުތަކުން ގާނޫނާ ހިލާފުވެފައިވަނީ ކިހިނެއްކަން ދައުލަތަށް ބުނެދެވިފައި ނުވާ ކަމަށެވެ. އެހެންކަމުން މި އިސްތިއުނާފީ މައްސަލަ ބަލައިނުގަތުމަށް މި މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުން ނިންމާފައިވެ އެވެ.

މި މައްސަލަ ބެއްލެވީ ފަނޑިޔާރު ހުސްނުއްސުއޫދު، ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރު އަދި ފަނޑިޔާރު މަހާޒު އަލީ ޒާހިރު އެވެ.

އުމުރުން 13 އަހަރުގެ ކުއްޖާ ރަހީނުކޮށް މަރާލުމަށްފަހު ފޮށިގަނޑަަކަށްލައި ހުޅުމާލޭގެ ދެވަނަ ފިޔަވައްސާ ދިމާލު މޫދަށް އެއްލާލާފައި އޮއްވާ ފެނުނީ މިދިޔަ ޖޫން މަހުގެ 22 ވަނަ ދުވަހުގެ މެންދަމު ވަގުތެއްގަ އެވެ. ކުއްޖާގެ މަރާ ގުޅިގެން ފުލުހުން ހައްޔަރުކުރީ 17 އަހަރުގެ ކުޑަކުއްޖާގެ އިތުރުން 27 އަހަރުގެ ދިވެހި ފިރިހެނެކެވެ. ހަތާވީސް އަހަރުގެ މީހާ އަކީ ނ. ލަންދޫ، ބަގީޗާގޭ، އިބްރާހިމް ޒިހާނެވެ.