ރަހީނުކޮށް މަރާލުމަށްފަހު ހުޅުމާލޭގެ ފަޅުތެރެއަށް އެއްލާލާފައި އޮއްވާ ފެނުނު އުމުރުން 13 އަހަރުގެ ކުއްޖާގެ މަރުގެ މައްސަލާގައި ދައުވާ ލިބޭ ކުޑަކުއްޖާ ގޭބަންދަށް ބަދަލުކުރީ ގޯސްކޮށް ކަމަށް ސުޕްރީމް ކޯޓުން ހުކުމްކޮށްފި އެވެ.
ކ. ހިންމަފުށީ އައްސޭރި ޖަލުގައި ހުންނަ ކުޑަކުދިންގެ ޑިޓެންޝަން ސެންޓަރުގައި ހުއްޓައި ޖުވެނައިލް ކޯޓުން ގޭބަންދަށް ބަދަލުކުރަން އަމުުރުކުރީ އެ މައްސަލާގައި ގަސްދުގައި މީހަކު މެރުމުގެ ދައުވާ ލިބޭ އުމުރުން 17 އަހަރުގެ ކުއްޖާ އެވެ. ޝަރުތުތަކަކާއެކު އެކުއްޖާ ގޭބަންދަށް ބަދަލުކޮށްފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ނުވަވަނަ ދުވަހު އެވެ.
ކޯޓުން ގޭބަންދަށް ބަދަލުކުރަން އަމުރުކުރީ، ކުއްޖާ ބަންދުކޮށްފައި ހުރި ޖަލަކީ ކުޑަކުދިން ބައިތިއްބަން އެކަށީގެންވާ ތަނެއް ނޫން ކަމަށް ހިއުމަން ރައިޓްސް ކޮމިޝަނުން މައުލޫމާތު ދީފައިވާތީ އެކަމަށް ރިއާޔަތްކުރުމަށްފަހު އެވެ.
އޭގެ ފަހުން ކުޑަކުދިން ބަންދުކުރުމަށް ކަރެކްޝަނަލް ސާވިސް އިން އާ ޑިސެންޝަން ސެންޓަރެއް ގާއިމްކުރި އެވެ. އެހެންކަމުން ދައުލަތުން ވަނީ ކުއްޖާ އެތަނަށް ބަދަލުކޮށްދިނުމަށް ޖުވެނައިލް ކޯޓުގައި އެދިފަ އެވެ. އެކަމަކު އެ ކޯޓުން ނިންމާފައި ވަނީ އެކުއްޖާ ގޭބަންދަށް ބަދަލުކުރަން ނިންމި ނިންމުމަށް ބަދަލެއް ގެންނަން ނުފެންނަ ކަމަށެވެ. އެ ނިންމުމަށް ހައިކޯޓުން ވެސް ތާއީދުކުރި އެވެ.
އެހެންކަމުން ދައުލަތުން ވަނީ އެ މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކޮށްފަ އެވެ. އެ ކޯޓުން އިއްޔެ ކުރި ހުކުމުގައި ބުނެފައިވަނީ ކުއްޖާގެ ހާލަތަށް ރިއާޔަތްކުރުމަށްފަހު ގޭބަންދަށް ބަދަލުކުރުމުގެ އިހުތިޔާރު ފަނޑިޔާރަށް ލިބިގެންވާ ކަމަކީ ސުވާލު އުފެދޭ ކަމެއް ނޫން ކަމަށެވެ. އެކަމަކު އެގޮތަށް ބަދަލުކުރެވޭނީ ކުއްޖާގެ ވަށައިގެންވާ ހުރިހާ ކަންކަމަށާއި ގާނޫނީ ސަބަބުތަކަށް ރިއާޔަތް ކުރުމަށްފަހު ކަމަށެވެ.
ހައިކޯޓުގެ ނިންމުމުގައި، އެ ކުއްޖާގެ މައްޗަށް މީހަކު މަރައިލުމުގެ ދައުވާ އުފުލާފައިވީ ނަމަވެސް، އަދި މުޖުތަމައަށް ކުއްޖާގެ ފަރާތުން ނުރައްކާ އޮތުމުގެ ފުރުސަތު އޮތް ނަމަވެސް އެކުއްޖާގެ ވަށައިގެންވާ ކަންކަމަށް ރިއާޔަތްކުރާއިރު ގޭބަންދުގައި ބެހެއްޓުމަށް ގާނޫނުން ހުރަހެއް ނެތް ކަމަށް ބަޔާންކޮށްފައިވެ އެވެ. އެގޮތުން ޑިޕާޓްމެންޓް އޮފް ޖުވެނައިލް ޖަސްޓިސް (ޑީޖޭޖޭ) އަށް ކުއްޖާގެ އެއްބާރުލުން ލިބޭ ކަމަށާއި އަދި އެކުއްޖާ އަކީ ކޯހަކު ބައިވެރިވެގެން ތައުލީމު ހާސިލްކުރަމުން އަންނަ ކުއްޖެއް ކަމަށާއި އެއީ ރަގަޅު އުންމީދެއް ކަމަށް ހައިކޯޓުގެ ހުކުމުގައި ފާހަގަކޮށްފައިވެ އެވެ.
އެކަމަކު ސުޕްރީމް ކޯޓުގެ ހުކުމުގައި ބުނެފައިވަނީ ނިންމުމެއް ނިންމާއިރު އެކަށޭނަ ސަބަބުތަކަކަށް ރިއާޔަތް ކުރަން ޖެހޭ ކަމަށެވެ. ހައިކޯޓުން އެގޮތަށް އަމަލުކޮށްފައި ނުވާތީ ހައިކޯޓުގެ ނިންމުން ބާތިލް ކުރަން ވަނީ ހުކުމްކޮށްފަ އެވެ.
މީގެ އިތުރުން ޖުވެނައިލް ކޯޓުން، ކުއްޖާ ގޭބަންދަށް ބަދަލުކުރަން ނެރެފައިވާ އަމުރު ބާތިލްކޮށްދޭން އެދިފައިވާތީ އެކަމަށް ވެސް ގޮތެއް ކަނޑައަޅާފައިވެ އެވެ. އެގޮތުން ދައުލަތުން ބާތިލުކޮށްދޭން އެދިފައިވާ އެ އަމުރުގެ ފަހުން ކުއްޖާ ގޭބަންދަށް ބަދަލުކުރުމަށް އިތުރު އަމުރުތަކެއް ނެރެފައިވާތީ އެދިފައިވާ އަމުރުގެ ބާރުކެނޑިފައިވާ ކަމަށް ހުކުމުގައި ބުނެ އެވެ. އެހެންކަމުން އެ އަމުރު ބާތިލުކޮށްދޭނެ ތަނެއް ނެތް ކަމަށް ވަނީ ކަނޑައަޅައިފަ އެވެ.
ސުޕްރީމް ކޯޓުގައި މި މައްސަލަ ބައްލަވާފައި ވަނީ ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދު، ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމް އަދި ފަނޑިޔާރު އަލީ ރަޝީދެވެ.
އުމުރުން 13 އަހަރުގެ ކުއްޖާ ރަހީނުކޮށް މަރާލުމަށްފަހު ފޮށިގަނޑަަކަށްލައި ހުޅުމާލޭގެ ދެވަނަ ފިޔަވައްސާ ދިމާލު މޫދަށް އެއްލާލާފައި އޮއްވާ ފެނުނީ މިދިޔަ ޖޫން މަހުގެ 22 ވަނަ ދުވަހުގެ މެންދަމު ވަގުތެއްގަ އެވެ. ކުއްޖާގެ މަރާ ގުޅިގެން ފުލުހުން ހައްޔަރުކުރީ 17 އަހަރުގެ ކުޑަކުއްޖާގެ އިތުރުން 27 އަހަރުގެ ނ. ލަންދޫ، ބަގީޗާގޭ، އިބްރާހިމް ޒިހާނެވެ.
ހައްޔަރުކޮށްފައިވާ ދެ މީހުންނަކީ ވެސް ކުއްޖާގެ ދެ އެކުވެރިން ކަމަށްވެ އެވެ. އެ މީހުންގެ މައްޗަށް ދައުވާކުރީ މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ 24 ވަނަ ދުވަހު އެވެ.