ކެބިނެޓް

ހަރަދު ކުޑަކުރަން ހާއްސަ ސްޓްރެޓެޖީއެއް އެކުލަވާލަނީ

ހަރަދު ކުޑަކުރުމާއި އާމްދަނީ އިތުރުކުރުމުގެ ސިޔާސަތު އަދި މީޑިއަމް ޓާމް ރެވެނިއު ސްޓްރެޓެޖީއެއް އެކުލަވާލެއްވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފި އެވެ.

ރައީސުލްޖުމްހޫރިއްޔާ މިގޮތަށް ނިންމެވީ އިއްޔެ ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި މިނިސްޓާ އޮފް ފިނޭންސުން ހުށަހަޅުއްވާފައިވާ ކަރުދާހާ ގުޅޭގޮތުން ވަޒީރުން މަޝްވަރާކުރެއްވުމަށްފަހު އެވެ.

ރައީސް އޮފީހުން ބުނީ ރާއްޖޭގެ އިގްތިސާދު ސިންދަފާތު ކުރުމަށާއި، އާމްދަނީ އިތުރުކުރުމަށް އިތުރަށް ކުރެވިދާނެ ކަންތައްތަކަކީ ކޮބައިތޯ ބަލައި، އެކަންކަމާ ގުޅޭގޮތުން ކުރަންޖެހޭ ކަންކަން ވަޒީރުންގެ މަޖިލީހުގެ ސަބް ކޮމިޓީއަކުން ކުރިއަށް ގެންދިއުމަށްވެސް ރައީސް ނިންމަވާފައިވާ ކަމަށެވެ.

ދައުލަތުގެ ހަރަދުތައް ކުޑަކުރުމަށް ފިނޭންސް މިނިސްޓްރީން މިހާރުވެސް ވަނީ ފިޔަވަޅުތައް އަޅަން ފަށާފަ އެވެ. އެގޮތުން ސިޔާސީ މަގާމުތައް މަދުކުރުމަށާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ހިންގުން ހަރުދަނާކުރުމަށާއި ދައުލަތުން ސަބްސިޑީ ދޭ އުސޫލަށް ބަދަލުތަކެއް ގެނައުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

ރާއްޖޭގެ ދަރަނި ވަރަށް ބޮޑަށް އުފުލިފައިވާތީ ހަރަދުތައް ކުޑަކުރުމަށް ބޭރުގެ މާލީ އިދާރާތަކުން ވެސް ގެންދަނީ ސަރުކާރަށް ލަފާ ދެމުންނެވެ.