ފަސް ބިލިއަން ރުފިޔާގެ ސަޕްލިމެންޓްރީ ބަޖެޓެއް މިއަހަރު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާނެ ކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެ އެވެ.
ނޫސްވެރިންނަށް މިއަދު މައުލޫމާތު ދެއްވަމުން ޒަމީރު ވިދާޅުވީ ސަޕްލިމެންޓްރީ ބަޖެޓުގެ ސީދާ ސާފު އަދަދެއް އެނގޭނީ ބަޖެޓް ހުށަހެޅުމުގެ ކުރިން ކެބިނެޓްގައި ކުރެވޭ މަޝްވަރާތަކަށްފަހު އެވެ.
ރައްޔިތުންގެ މަޖިލީހުން ދައުލަތުގެ މިއަހަރުގެ ބަޖެޓުގެ ގޮތުގައި ފާސްކޮށްފައިވަނީ 49.8 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ.
ޒަމީރު ވިދާޅުވީ ސަޕްލިމެންޓް ބަޖެޓެއް ހުށަަހަޅަންޖެހެނީ ކުރިން މިއަހަރަށް ލަފާކޮށް ހުށަހެޅި ބަޖެޓުގައި ޖަހާފައިވާ އަދަދުތަކަށް ވުރެ ބޮޑެތި އަދަދުތަކުން ބައެއް މަޝްރޫއުތަކަށް ހަރަދުކުރަން ޖެހުމުންނާއި، މިދިޔަ އަހަރުގެ ބަޖެޓުން ނިންމަންޖެހޭ ބައެއް ހަރަދުތައް މިއަހަރުވެސް ނިންމަންޖެހިފައިވުމުން ކަމަށެވެ.
މިނިސްޓަރު ޒަމީރު އިތުރަށް ވިދާޅުވީ ދައުލަތުގެ ހަރަދު ކުޑަކުރުމަށް ރައީސުލްޖުމްހޫރިއްޔާ މިހާރު އަޅުއްވަމުން ގެންދަވާ ފިޔަވަޅުތަކާ އެކު ކުރިން ލަފާކުރި އަދަދަށް ވުރެ ދައުލަތުގެ މިއަހަރުގެ ދަރަނި ކުޑަވާނެ ކަމަށެވެ.
ނޫސްވެރިންގެ މިބައްދަލުވުމުގައި ބަންޑާރަނައިބް އަހްމަދު އުޝާމް ވިދާޅުވީ ނިމިގެން ދިޔަ އެމްޑީޕީގެ ސަރުކާރުގައި ކޮންމެ އަހަރަކުވެސް ސަޕްލިމެންޓްރީ ބަޖެޓް ހުށަހެޅި ކަމަށެވެ. ނަމަވެސް އޭރު އެކަން ކޮށްފައިވަނީ ގާނޫނުއަސާސީއާއި ގާނޫނުތަކާ ހިލާފަށް ކަމަށް ވިދާޅުވި އެވެ. ސަބަބެއްގެ ގޮތުގައި ވިދާޅުވީ ސަޕްލިމެންޓްރީ ބަޖެޓް ހުށަހެޅުމުގެ ކުރިން އެ ބަޖެޓުގައި ހިމަނާފައިވާ ކަންކަމަށް ހަރަދުކޮށްފައިވުމެވެ. އެކަމަކު ބަޖެޓެއް ފާސްކޮށްފައި އެ ބަޖެޓާ އެއްގޮތަށް ނޫނީ ހަރަދު ނުކުރެވޭނެ ކަމަށްވެސް ވިދާޅުވި އެވެ.