ރައްޔިތުންގެ މަޖިލިސް

އަންނަ އަހަރަށް ލަފާކުރާ ބަޖެޓު މި ހަފްތާގައި މަޖިލީހަށް ހުށަހަޅަނީ

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު މި ހަފުތާގައި ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ނިންމާފައިވާކަން އެނގިއްޖެ އެވެ.

ބަޖެޓު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ތައްޔާރުވަމުންދާއިރު ބަޖެޓުގެ ތަފުސީލެއް މިހާތަނަށް ލިބިފައިނުވެ އެވެ.

ގާނޫނު އަސާސީ ބުނާ ގޮތުން ކުރިއަށް އޮތް އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު ހިނގަމުންދާ އަހަރުގެ އޮކްޓޫބަރު މަސް ނިމުމުގެ ކުރިން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަންޖެހެ އެވެ.

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު މަޖިލީހަށް ހުށަހަޅާއިރު ބައެއް ޓެކްސްތައް ބޮޑުކުރަން ގާނޫނުތަކަށް ހުށަހެޅި އިސްލާހުތައް މަޖިލީހުގެ ކޮމިޓީތަކުން ދަނީ ދިރާސާކުރަމުންނެވެ.

އޭގެ ތެރޭގައި ޓީޖީއެސްޓީ 16 ޕަސެންޓުން 17 ޕަސެންޓަށް ބޮޑުކުރުމާއި އެއާޕޯޓް ޑިވެލޮޕްމަންޓް ފީއާއި ޑިޕާޗާ ޓެކްސް ބޮޑުކުރުން ހިމެނެ އެވެ. މީގެ އިތުރުން ގްރީން ޓެކްސް ބޮޑުކުރުމާއި ވޭޕް ކުރުމަށް ބޭނުން ކުރާ އާލާތްތަކާއި އިލެކްޓްރިކް ސިނގިރޭޓުން ނަގާ އިމްޕޯޓު ޑިއުޓީ ބޮޑުކުރުން ހިމެނެ އެވެ.

ރައްޔިތުންގެ މަޖިލީހުން މި އަހަރަށް ފާސްކުރީ 49.5 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. ނަމަވެސް މިއަހަރުގެ ބަޖެޓަށް އިތުރުކުރުމަށް ވަނީ 5.1 ބިލިއަން ރުފިޔާގެ ސަޕްލިމެންޓްރީ ބަޖެޓެއް ހުށަހަޅާފަ އެވެ.