މިފްކޯ

އައްޑޫ ފިޝަރީޒް ކޮމްޕްލެކްސްގައި 400 ޓަނުގެ މަސް

އައްޑޫ ސިޓީގެ ހުޅުމީދޫގައި މަސްވެރިން ކުރަމުންދާ އިހުތިޖާޖުގެ ތެރެއިން އައްޑޫ ފިޝަރީޒް ކޮމްޕްލެކްސްގެ އޮޕަރޭޝަންތައް މަސްވެރިން ހުއްޓުވާފައިވާއިރު، އެތަނުގައި 400 ޓަނުގެ މަސް ހުންނާނެކަމަށް މިފްކޯ އިން ބުނެފި އެވެ.

އައްޑޫގައި މިދިޔަ ހަފްތާ އިން ފެށިގެން މަސްވެރިން އިހްތިޖާޖު ކުރަމުންދަނީ އެމީހުން މިފްކޯއަށް ކިރުވި މަހުގެ ފައިސާ ނުދޭތީ އާއި މަސްވެރިންގެ ހައްގުތައް ކަށަވަރުކޮށްދިނުމަށް ގޮވަމުންނެވެ.

މަސްވެރިން ވަނީ މި އިހުތިޖާޖުގެ ތެރެއިން އައްޑޫ ފިޝަރީޒް ކޮމްޕްލެކްސް އިން ކަަރަންޓް ވެސް ކަނޑާލާފަ އެވެ. އޭގެ ފަހުން އިއްޔެ މެންދުރުގެ ވަގުތެއްގައި ފުލުހުން ހަރަކާތްތެރިވެގެން ވަނީ އެ ފެކްޓްރީއަށް އަލުން ކަރަންޓް ދީފަ އެވެ.

ނޫސްވެރިންނާ ބައްދަލުކޮށް މިއަދު މިފްކޯގެ ޕީއާރް މެނޭޖަރު އިބްރާހިމް ސައީދު ވިދާޅުވީ ފެކްޓްރީއަށް އެތަނުގެ މުވައްޒަފުންނަށް އަދިވެސް ވަދޭވެނެ ގޮތެއް ނެތް ކަމަށާއި ގެއްލުމުގެ ތަފްސީލް އެނގޭނީ އެތެރެއަށް ވަދެވި، ތަފްސީލީ ރިޕޯޓެއް އެކުލަވާލެވުމުން ކަމަށެވެ.

ސައީދު ވިދާޅުވީ އެތަނުގެ ސެކިއުރިޓީ ބަލަަހެއްޓުމުގައި ފުލުހުން ހަރަކާތްތެރިވަމުން އަންނަ ކަމަށާއި އެތަނަށް ކަރަންޓް ދިނުމުގައި މިހާރު މަސްވެރިންގެ އެއްވެސް މައްސަލައެއް ނެތް ކަމަށެވެ.

ފެކްޓްރީގެ އޮޕަރޭޝަންތައް ކުރިއަށް ގެންދިއުމަށް މަސައްކަތް ކުރަމުންދާ ކަމަށްވެސް ސައީދު ވަނީ މައުލޫމާތު ދެއްވާފަ އެވެ.

"މަސް ފެކްޓްރީ އޮޕަރޭޝަނަށް ގެނައުމަށް ސްޓެރެޓެޖިކް ޕްލޭނެއް ހެދުމުގެ މަސައްކަތް ދަނީ ކުރިއަށް. އެއީ މަސް ފެކްޓްރީއަކީ ހުރިހާ މަސްވެރިންގެ ހައްގާ ގުޅިފައިވާ ތަނެއް،" ސައީދު ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވީ ހުކުރު ދުވަހާއި ހޮނިހިރު ދުވަހު މަސްވެރިން މުޒާހަރާ ކުރަން ފުރުސަތު ދިން ކަމަށާއި، ގިނަ ދުވަސްތަކެއް ވަންދެން އެގޮތަށް އެތަން ބަންދުކޮށްފައި ބެހެއްޓުމުން ހުރިހާ މަސްވެރިންނަށް ވެސް އޭގެ ގެއްލުން ލިބޭނެ ކަމަށެވެ.