މޯލްޑިވްސް ޕޮލިސް ސާވިސް

އައްޑޫ މަސްވެރިންނަށް ފުލުހުންގެ އިލްތިމާސެއް

އައްޑޫ ސިޓީގެ ހުޅުމީދޫގައި މަސްވެރިން ކުރަމުންދާ އިހްތިޖާޖު، ގާނޫނީ އިމުގެ ތެރެއިން ކުރުމަށާއި އާންމު މަސްލަހަތު އިސްކުރުމަށް ފުލުހުން އިލްތިމާސްކޮށްފި އެވެ.

އައްޑޫގައި މިދިޔަ ހަފްތާ އިން ފެށިގެން މަސްވެރިން އިހްތިޖާޖު ކުރަމުންދަނީ އެމީހުން މިފްކޯއަށް ކިރުވި މަހުގެ ފައިސާ ނުދޭތީ އާއި މަސްވެރިންގެ ހައްގުތައް ކަށަވަރުކޮށްދިނުމަށް ގޮވަމުންނެވެ.

އިހްތިޖާޖު ކުރާ މަސްވެރިން ބުނާ ގޮތުގައި އެ މީހުންނަށް ފައިސާ ނުދޭތާ ދެ މަސް ވެއްޖެ އެވެ. އަދި ގާތްގަނޑަކަށް މަސްވެރިންނަށް 80 މިލިއަނެއްހާ ރުފިޔާ ނުލިބި އޮތް ކަމަށްވެސް އެ މީހުން ދަނީ ބުނަމުންނެވެ.

މަސްވެރިންނަށް މިދިޔަ ހަފްތާގެ މިފްކޯ އިން ޖަމާކޮށްދޭން ބުނި 46 މިލިއަން ރުފިޔާ އަދިވެސް ނުލިބޭ ކަމަށްވެސް މަސްވެރިން ބުނެ އެވެ.

އިހްތިޖާޖު ކުރަމުންދާ މަސްވެރިން ވަނީ ހުޅުމީދޫގައި ހުންނަ މިފްކޯގެ އައްޑޫ ފިޝަރީޒް ކޮމްޕްލެކްސްގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށްވެސް ހުރަސް އަޅާފަ އެވެ.

މިކަމާ ގުޅިގެން ފުލުހުން މިރޭ ނެރުނު ބަޔާނެއްގައި ބުނީ އައްޑޫގައި ކުރަމުން ގެންދާ އިހްތިޖާޖު، ގާނޫނީ އިމުގެ ތެރެއިން ކުރިއަށް ގެންދިއުމުގެ ފުރުސަތު ދެމުންދާ ކަމަށެވެ. އެކަމަކު އިހްތިޖާޖާ ގުޅިގެން މިފްކޯގެ އައްޑޫ ފިޝަރީޒް ކޮމްޕްލެކްސްގެ އޮޕަރޭޝަންތަކަށް ހުރަސް އެޅިފައިވާތީ އެ އޮޕަރޭޝަންތައް އަލުން ފެށޭނެ މާހައުލެއް އުފެއްދުމަށް ފުލުހުން މަސައްކަތް ކުރަމުންދާ ކަމަށްވެސް ބުންޏެވެ.

"ފުލުހުން އަމަން ގާއިމުކޮށް ރައްކާތެރިކަން ކަށަވަރުކުރުމަށް އަޅާ ފިޔަވަޅުތަކަށް މަސްވެރިންގެ ފަރާތުންވެސް އެއްބާރުލުންދީ ގާނޫނާއި ގަވައިދާ ހިލާފު އަަމަލެއް ނުކުރުމަށް މަސްވެރިންގެ ކިބައިން އެދެމެވެ،" ބަޔާނުގައިވެ އެެވެ.

މިބަޔާނުގައި އިތުރަށް ބުނެފައިވަނީ އިހްތިޖާޖު ކުރުމުގައި އާއި ހިޔާލުފާޅުކުުރުމުގެ މިނިވަންކަން ބޭނުންކުރުމުގައި އެއްވެ އުޅުމާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ގާނޫނައި އަދި އެހެނިހެން ގާނޫނުތަކާއި ހުދޫދުގެ ތެރެއިން މަސްވެރިންގެ ކަންބޮޑުވުންތަކާއި ޝުއޫރުތައް ފާޅުކުރުމުގައި ފުލުހުންގެ ފަރާތުން މަސްވެރިންނަށް ދޭންޖެހޭ އެއްބާރުލުން ލިބޭނެ ކަމަށެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން މިދިޔަ މެއި މަހުގެ 19 ދުވަހުގެ ނިޔަލަށް މަސްވެރިންނަށް 881 މިލިއަން ރުފިޔާ ޖަމާކޮށްދީފައިވާ ކަމަށް ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމު ވިދާޅުވެފައިވެ އެވެ.

ރ. ދުވާފަރު ރައްޔިތުންނާ ބައްދަލުކުރައްވާ މިދިޔަ މާޗް މަހުގެ ތިންވަނަ ދުވަހު ރައީސް ޑރ. މުއިއްޒު ވިދާޅުވީ މަސްވެރިންނަށް ދޭންޖެހޭ ހުރިހާ ފައިސާއެއް ދިނުމަށްފަހު ނުވަތަ "ބެކް ލޮގް" ސާފުކުރުމަށްފަހު މަސްވެރިންނަށް ދޭންވާ ފައިސާ އެއްވެސް ވަރަކަށް ފަހަށް ނުބަހައްޓައި، 48 ގަޑިއިރު ތެރޭގައި ދެމުން ގެންދެވޭނެ އިންތިޒާމެއް ހަމަޖެއްސުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށެވެ.