އައްޑޫ ސިޓީގެ ފޭދޫ ލިންކް ރޯޑްގައި ހިނގި އެކްސިޑެންޓެއްގައި މީހަކު މަރުވެއްޖެ އެވެ.
މިރޭ ހިނގި މި އެކްސިޑެންޓްގައި މަރުވީ ސ. ފޭދޫ، އުލްފަތު، އިބްރާހީމް ސިޔާދު (36 އ) އެވެ.
ފުލުހުން ބުނީ އައްޑޫ ސިޓީގެ ފޭދޫ ލިންކް ރޯޑްގައި ސައިކަލަކާއި ކާރެއް ޖެހި ހިނގި އެކްސިޑެންޓްގެ މައުލޫމާތު ލިބުނީ މިރޭ 7:29 ހާއިރު ކަމަށެވެ.
މަރުވި ސިޔާދު އަކީ އެކްސިޑެންޓްވި ސައިކަލް ދުއްވަން އިން މީހާ އެވެ.
އެކްސިޑެންޓްވުމާ ގުޅިގެން ފަރުވާ ދިނުމަށް ފޭދޫ ސިއްހީ މަރުކަޒަށް ގެންދިޔައިރުވެސް ސިޔާދު މަރުވެފައިވާ ކަމަށް ހޮސްޕިޓަލުން މައުލޫމާތު ދީފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އެކްސިޑެންޓް ހިނގި ވަގުތު ކާރު ދުއްވަން އިން ގދ. ފިޔޯރީ، މާގޯލްޑް، މުހައްމަދު މާހިލް މުމްތާޒު (23 އ) ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ.
މިއެކްސިޑެންޓްގެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށްވެސް ފުލުހުން ބުންޏެވެ.