އޮބިޗުއަރީ

ބަކާ: ފުޓުބޯޅަ އާއިލާއަށް ގެއްލުނު މުތެއް

މިއަދު އިރުއޮއްސުމާ ގާތްވެފައި ވަނިކޮށް، މުޅި ގައުމު ސިއްސުވައިލީ ފަހުގެ ތާރީހެއްގައި ދިވެހި ފުޓުބޯޅައިން ފެނުނު އެންމެ ހުނަރުވެރި އަދި އެންމެ ވިދުންގަދަ އެއް ފުޓްބޯޅަ ކުޅުންތެރިޔާ މުހައްމަދު އާރިފް (ބަކާ) ނިޔާވި ހަބަރުންނެވެ. ބަކާ ނިޔާވިއިރު އުމުރުން އެންމެ 38 އަހަރެވެ.

ރާއްޖެއާއި ސްރީލަންކާގައި އޮތް ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތް ރާއްޖެއިން 2008 ވަނަ އަހަރު ކާމިޔާބު ކުރި ޓީމުގައި ހިމެނި އަދި އޭގެ 10 އަހަރު ފަހުން 2018 ވަނަ އަހަރު ބަންގްލަދޭޝްގައި އޮތް ސާފް ޗެމްޕިއަންޝިޕް ކާމިޔާބު ކުރި ޓީމުގައިވެސް ހިމެނުނު ބަކާގެ ކުއްލި ވަކިވުމަކީ ގިނަ ބަޔަކަށް ގަބޫލުކުރަން ފަސޭހަ ހަބަރަކަށް ނުވި އެވެ.

އެފްއޭއެމްގެ ތައުޒިޔާގެ މެސެޖުގައި ފާހަގަކޮށްފައިވާ ގޮތުގައި ފަހުގެ ތާރީހެއްގައި ދިވެހި ފުޓުބޯޅައިން ފެނުނު އެންމެ ހުނަރުވެރި، ވިދުންގަދަ، ފުޓުބޯޅައިގައި ދިވެހިރާއްޖެއަށް ހޯދުނު އެންމެ ބޮޑު ކާމިޔާބުގެ މުހިއްމު އެއް ހިއްސާދާރު އަދި ހުނަރުވެރި މިޑްފީލްޑަރު ބަކާ ނިޔާވުމަކީ ދިވެހި ފުޓުބޯޅަ އާއިލާއަށް އަދި ދިވެހި ކުޅިވަރަށް ލިބިގެންދިޔަ ފޫނުބެއްދޭވަރުގެ ގެއްލުމެކެވެ.

ބަކާ ނިޔާވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުވެސް ވިދާޅުވީ ދިވެހިރާއްޖޭގައި ކުޅިވަރު ކުރިއެރުވުމަށް ވަކީން ހާއްސަކޮށް ފުޓްބޯޅައަށް ގިނަގުނަ ހިދުމަތްތަކެއް ކޮށްދެއްވައި، ގައުމަށް ފަހުރުވެރި ނަން ހޯއްދަވައިދެއްވާފައިވާ ހުނަރުވެރި ކުޅުންތެރިޔާ ބަކާ ނިޔާވުމަކީ ދިވެހި ހުރިހާ ރައްޔިތުންނަށް ލިބުނު ފުން ހިތާމައެއް ކަމަށެވެ.

"މި ހިތާމަވެރި ވަގުތު މަރްހޫމް މުހައްމަދު އާރިފްގެ އާއިލާއަށް ކެތްތެރިކަން ދެއްވުން އެދެމެވެ. އަދި މަރްހޫމް މުހައްމަދު އާރިފަށް ސުވަރުގޭގެ ދާއިމީ ނިއުމަތް ދެއްވައި، ކީރިތިﷲގެ ނިއުމަތާ ރަހްމަތުގައި ލެހެއްޓެވުން އެދި ދުއާކުރަމެވެ،" ރައީސްގެ މެސެޖުގައިވެ އެވެ.

ގައުމީ ފުޓްބޯޅަ ޓީމަށާއި ފުރަތަމަ ޑިވިޝަންގެ ގިނަ ޓީމުތަކަށް ކުޅެފައިވާ ހުނަރުވެރި މިޑްފީލްޑަރު ބަކާ، މިއަދު ކުއްލި ގޮތަކަށް ނިޔާވީ މިއަހަރުގެ ހައްޖުގެ އަޅުކަން އަދާކުރުމަށްފަހު އެނބުރި މާލެ އައިސް، ހާލަތު ދެރަވާތީ އޭޑީކޭ ހޮސްޕިޓަލަށް ދެއްކުމުން އޭނާއަށް އައިސީޔޫގައި ފަރުވާ ދެވެމުން ދަނިކޮށެވެ.

ބަކާ ވަނީ ރާއްޖޭގެ ފުރަތަމަ ޑިވިޝަނުގައި ގިނަ ކްލަބްތަކަކަށްވެސް ކުޅެފަ އެވެ. ދިވެހި ފުޓްބޯޅައިގެ ހުރިހާ ކާމިޔާބެއް ހާސިލުކޮށްފައިވާ ބަކާ ފުރަތަމަ ޑިވިޝަނުގައި ފުޓްބޯޅަ ކެރިއަރު ފެށީ އައިލެންޑް ފުޓްބޯލް ކްލަބް (އައިއެފްސީ) އިން 2004 ވަނަ އަހަރު އެވެ. އޭގެ ފަހުން ބަކާ ވަނީ ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބް، ވިކްޓަރީ ސްޕޯޓްސް ކްލަބް، ކްލަބް ވެލެންސިއާ، ވީބީ އައްޑޫ އެފްސީ، ކްލަބް އީގަލްސް، ކްލަބް ގްރީން ސްޓްރީޓްސް އަދި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނަށް ކުޅެ ގިނަ ބޮޑެތި ކާމިޔާބީތަކެއް ހޯދާފަ އެވެ.

އޭނާ ވަނީ މިޔަންމާގެ ކޭބީޒެޑްއަށް ވެސް ކުޅެފަ އެވެ. އެއްވަނަ ޑިވިޝަނުގައި ބަކާ އެންމެ ފަހުން ކުޅުނީ ޔުނައިޓެޑް ވިކްޓްރީ އަށެވެ.

ގައުމީ ޓީމުން ބަކާ އެންމެ ފުރަތަމަ ވިދާލީ 2008 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕުންނެވެ. އޭގެ ފަހުން އޭނާ އަކީ ރާއްޖޭގެ މެދުތެރެ ބަލަހައްޓާ މައި ތަނބެވެ. އޭރު ސަރަހައްދީ ފުޓްބޯޅަ ދިރާސާ ކުރާ ގިނަ ބައެއްގެ މެދުގައިވެސް ނަން މަޝްހޫރު ބަކާއަކީ އަލީ އަޝްފާގު (ދަނގަޑޭ)، އިމްރާން މުހައްމަދު އަދި އިބްރާހިމް ފަޒީލް (އޮއްޕޮ) މެން ފަދަ މަޝްހޫރު އަދި މޮޅު ކުޅުންތެރިޔެކެވެ. ބަކާވަނީ ގައުމީ ޓީމަށް 50 އަށް ވުރެ ގިނަ މެޗު ކުޅެފަ އެވެ.

2015 ވަނަ އަހަރު އޭނާ ގައުމީ ޓީމަށް ކުޅުނު އިރު ބަކާ ވަނީ ގައުމީ ޓީމުގެ ވައިސް ކެޕްޓަންކަން ކުރުމުގެ އިތުރުން ދަގަނޑޭއަށް އިންޖަރީގެ ސަބަބުން ޗައިނާއާ ދެކޮޅަށް ނުކުޅެވެމުން އެ މެޗުގައި ގައުމީ ޓީމުގެ ކެޕްޓަން ކަންވެސް ކޮށްފަ އެވެ.

ސާފް ޗެމްޕިއަންޝިޕްގެ ދެ ރަން މެޑަލް ހޯދާފައިވާ ބަކާ އަކީ 2010 ވަނަ އަހަރު އޭރުގެ ހަވީރު ނޫހުން ހޮވި އަހަރުގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާވެސް މެއެވެ. އަދި 2011 ވަނަ އަހަރު އެފްއޭއެމް އިން ހޮވި އަހަރުގެ ދެވަނައަށް އެންމެ މޮޅު ކުޅުންތެރިޔާގެ އިތުރުން 2013 ވަނަ އަހަރުގެ ތިން ވަނައަށް އެންމެ މޮޅު ކުޅުންތެރިޔާ އެވެ. އަދި ބަކާއަކީ ރާއްޖޭން ބޭރުގެ ކުލަބެއްގައި ކުޅުމުގެ ޝަރަފްވެރިކަން ލިބުނު މަދު ދިވެހި ކުޅުންތެރިންގެ ތެރެއިން އެއް ކުޅުންތެރިއެކެވެ.