ޒުވާން ގިނަ ކުޅުންތެރިންތަކެއް އުފައްދައިދީފައިވާ މަޝްހޫރު ފުޓްބޯޅަ ކޯޗު އިހްސާން އަބްދުލްޣަނީ (ސާންތި) ނިޔާވެއްޖެ އެވެ.
ގައުމީ ފުޓްބޯޅަ ޓީމުގެ ކުރީގެ އެސިސްޓެންޓް ކޯޗު ސާންތީ ނިޔާވީ ގިނަ ދުވަސްތަކެއް ވަންދެން ކެންސަރު ބައްޔަށް ފަރުވާ ހޯދަމުން ދިއުމަށްފަހު، މިރޭ ޓްރީ ޓޮޕް ހޮސްޕިޓަލް ގައެވެ. ސާންތީ ކުރިން ފަރުވާ ހޯދަމުން ދިޔައީ އަވައްޓެރި އިންޑިއާގެ ކޮޗިން ގައެވެ.
ސާންތީއަކީ ދިވެހި ފުޓްބޯޅައިގައި އަގުނުކުރެވޭނެ ފަދަ ހިދުމަތްތެރިއެކެވެ. އެގޮތުން 2008 ވަނަ އަހަރު ރާއްޖޭން އެންމެ ފުރަތަމަ ފަހަރަށް ސާފް ޗެމްޕިއަންޝިޕް ކާމިޔާބު ކުރިއިރު ސާންތީ ވަނީ އޭރުގެ ކޯޗު ޖޯސެފް ޔަންކޭޒްގެ އެސިސްޓެންޓުންގެ ގޮތުގައި މަސައްކަތްކޮށްފަ އެވެ.
ސާންތީއަކީ ފުޓްބޯޅައިގެ އިތުރުން ކުޅިވަރު ހިންގުމުގެ ދާއިރާގައިވެސް ފާހަގަކޮށްލެވޭ ނަމެކެވެ. މޯލްޑިވްސް ސްޕޯޓްސް ކޯޕަރޭޝަންގެ ޗެއާމަންކަންވެސް ސާންތީ ކުރިން ކުރައްވާފައިވެ އެވެ.
ސާންތި އަކީ ގައުމީ ކުޅިވަރު މަޖިލީހުގެ ވެސް ކުރީގެ މެންބަރެކެވެ. އަދި އިންޑިއަން އޯޝަން އައިލެންޑް ގޭމްސް އަށް ދިޔަ ދިވެހި ކޮންޓިންޖެންޓުގެ ޗެފް ޑި މިޝަންގެ ރޯލުވެސް ކުރިން ސާންތީ އަދާކުރިއެވެ.
ސާންތީ އެންމެ ގިނަ ދުވަހު ކޯޗު ކޮށްދިނީ ކްލަބު އީގަލްސް އަށެވެ. އެ ކްލަބުން ޒުވާން ގިނަ ކުޅުންތެރިންތަކެއް ސާންތީ ފުޓްބޯޅައަށް ނެރެދިނެވެ.