އިންޑިއާއާ ދެކޮޅަށް ރާއްޖޭން މިއަދު ކުޅޭ އެކުވެރިކަމުގެ މެޗަކީ ދިވެހިންނަށް ވަރަށް މުހިއްމު މެޗެއް ކަމަށް ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗު އަލީ ސުޒޭން ބުނެފި އެވެ.
ކުރިއަށް އޮތް ހަފުތާގައި އޭޝިއަން ކަޕް ކޮލިފައިންގައި ފިލިޕީންސާ ދެކޮޅަށް ކުޅޭ މެޗަށް ތައްޔާރުވުމުގެ ގޮތުން އިންޑިއާގެ ޝިލޯންގައި ކުޅޭ މެޗާ ގުޅިގެން ސުޒޭން ވަނީ އިންޑިއާ އާއި ރާއްޖެއަކީ ސަރަހައްދުގައި މިހާރުވެސް ހިމެނޭ އެންމެ ވަރުގަދަ ދެ ޓީމު ކަމަށް ފާހަގަކުރައްވާފަ އެވެ.
"އިންޑިއާ އާއި ރާއްޖެއަކީ މިވަގުތުވެސް މި ސަރަހައްދުގައި އެންމެ ވަރުގަދަ ދެ ޓީމު. މި މެޗު އަހަރެމެންނަށް އަދި ދިވެހި ރައްޔިތުންނަށްވެސް ވަރަށް މުހިއްމު،" ސުޒޭން ބުނި ކަމަށް އިންޑިއާގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވެ އެވެ.
ދިވެހި ޓީމުން ޝިލޯންގަށް ދަތުރުކުރީ ދެ ބަޔަކަށް ބެހިގެން، ދެ ފްލައިޓެއްގައި ދެ ދުވަހުގެ ދަތުރަކަށް ފަހު އެވެ. ސުޒޭން ބުނީ ދިގު ދަތުރަކަށްފަހު މިހާރު ޓީމަށް ހަމަޖެހިލެވިއްޖެ ކަމަށެވެ.
"މައިގަނޑު މައްސަލައަކަށްވީ ދަތުރު. މިތަނަށް އާދެވުނީ ދެ ދުވަހުގެ ދަތުރަކަށްފަހު، އެކަމަކު މިހާރު މިތިބީ ހަމަޖެހިލައިގެން އަދި ހުރިހާ ކަމެއް ވެސް މެނޭޖް ކުރެވޭ،" ސުޒޭން ބުންޏެވެ.
ޝިލޯންގްގެ ޖަވާހިރުލާލު ނެހެރޫ ސްޓޭޑިއަމްގައި ކުޅޭ މި މެޗު ފެށުމަށް ހަމަޖެހިފައިވަނީ ރާއްޖޭގަޑިން މިއަދު އިރުއޮއްސި 6:30 ގައެވެ. ޔެސް ޓީވީން މެޗު ގެނެސްދިނުމަށް ހަމަޖެހިފައިވާ ކަމަށް ޕީއެސްއެމުން ވަނީ ބުނެފަ އެވެ.
އިންޑިއާއާ ދެކޮޅަށް ރާއްޖޭން މެޗެއް މި ކުޅެނީ ތިން އަހަރަށް ފަހު އެވެ. މި ދެ ޓީމު އެންމެ ފަހުން ބައްދަލުކުރީ އޮކްޓޯބަރު 2021 ގައި ރާއްޖޭގައި ބޭއްވި ސާފް ޗެމްޕިއަންޝިޕްގަ އެވެ. ސުޒޭންގެ ކޯޗު ކަމުގެ ދަށުން ރާއްޖޭން ކުޅުނު އެ މެޗު އިންޑިއާއިން ކާމިޔާބުކުރީ 3-1 އިންނެވެ.