ދިވެހި ކުޅިވަރުގެ ޝަހުސިއްޔަތު ސައްޔިދު ހަސަން އަވަހާރަވި ޚަބަރު ރޭ ފެތުރިގެން ދިއުމުން ދިވެހި ކުޅިވަރު އާއިލާގެ އެތައް ބަޔަކު އޭނާއަށް ހާއްސަ ޓްރިބިޔުޓް މެސެޖްތައް ސޯޝަލް މީޑިއާގައި އާންމު ކުރަމުން ދިޔަ އެވެ. އޭނާއާ އެކީގައި ކުޅުއްވި ކުޅުންތެރިންގެ އިތުރުން މިހާރު ކުޅިވަރު ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކުން ވެސް މެއެވެ.
އެންމެ ފާހަގަ ކުރެވޭ ކަމަކީ އާންމުންގެ ޝުއޫރުތައް ވެސް ހަސަންއާ މެދު ފާޅު ކުރަމުން ދިޔަ ކަމެވެ. އެކަމުން އެނގިގެން ދަނީ އެންމެ އާދައިގެ މީހާއާވެސް ހަސަން ރަނގަޅު ގުޅުމެއް ބޭއްވެވި ކަމެވެ. ހަތްދިހައިގެ އަހަރުތަކުގައި ދިވެހި ކުޅިވަރުގައި އެންމެ މަޝްހޫރު އެއް ނަމަކީ ހަސަންގެ ނަމަވެ. މިއަދު ރާއްޖޭގެ އެންމެ މަތީ ކުޅުންތެރިންނަށް އޮތް މަގުބޫލުކަން އާންމުންގެ ތެރޭގައި އޭރު ހަސަންއަށް އޮތެވެ.
"ހަސަން ވާނެ އޭރުގެ އެންމެ މަޝްހޫރޫ އެކަކަށް، އާންމުގެ ތެރޭގައިވެސް އޭނާގެ މަގޫބޫލުކަން ވަރަށް ބޮޑުވެގެން ދިޔަ،" ހަސަން އާއެކު ޓޭބަލްޓެނިސް ކުޅުއްވި ޓީޓީ އެސޯސިއޭޝަންގެ ކުރީގެ ރައީސް އަހްމަދު ލަތީފު (ސީވިޑް ލަތީފު) ވިދާޅުވި އެވެ. "އެހާ ބޮޑު މަގުބޫލު ކަމެއް ލިބުނު އިރުވެސް ހަސަންއަކީ ވަރަށް ޑައުންޓް އާތު ބޭފުޅެއް، ކިތަންމެ މަޝްހޫރުވިޔަސް އެންމެ އާދައިގެ މީހާއާވެސް ރަނގަޅު ގުޅުމެއް ހަސަން ބާއްވަވާނެ، ގޭދަށުން ބައްދަލުވާ މީހުންނާ ވާހަކަ ދައްކައި އެމީހުންއެކު ކަންތައްތަކުގައި ބައިވެރިވާނެ، މިއީ އޭރު ރާއްޖޭގެ އެންމެ މަޝްހޫރު އެކަކު."
ލަތީފު އާއި ހަސަންއަކީ ޓީޓީގެ ޑަބަލްސް ޕެއާ އެވެ. އެހެންވެ އެދުވަސްވަރު އެ ދެބޭފުޅުންގެ ދެމެދުގައި ރަނގަޅު ގުޅުމެއް އޮތެވެ.
"އަޅުގަނޑުމެން ދެ މީހުން ވާނެ ވަރަށް ގިނަ ފަހަރަށް ޑަބަލްސްގެ ޗެމްޕިއަންކަން ހޯދާފަ، ހަސަން އޭރު ގެންދާނެ ސިންގަލްސް ޗެމްޕިއަން." އޭރުގެ ހަނދާންތައް ލަތީފު ހިއްސާ ކުރެއްވި އެވެ. އޭރުގެ ހުރިހާ ކުޅިވަރެއްގައި އެއް ވަނަ އެންމެ ގިނައިން ގެންދަވާފައިވަނީ ހަސަން އެވެ.
ހަތްދިހައިގެ އަހަރުތަކުގައި ވަކިވަކި ކުޅިވަރުތަކަށް ހާއްސަ އެސޯސިއޭޝަންތަކެއް ނުހުރެއެވެ. ހުރިހާ ކުޅިވަރު މުބާރާތްތަކެއް އިންތިޒާމު ކުރަނީ ސްޕޯޓްސް ޑިވިޝަނުންނެވެ. އެހެންވެ ކުޅިވަރު މުބާރާތްތައް އަހަރުގެ އެކި ދުވަސްތަކަށް ބަހާލައިގެން އިންތިޒާމު ކުރަނީ އެވެ.
"އަހަރު ފަށާނީ ބައިސްކަލް ރޭހުން، ޖަނަވަރީ އެއް ވަނަ ދުވަހު އޮންނާނެ ބައިސްކަލް ރޭސް، ބައިސްކަލު ރޭހުންވެސް ހަސަން އެއް ވަނަ ގެންދާނެ، އެގޮތަށް އަހަރުގެ އެކި ހިސާބުތަކަށް ބަހާލައިގެން ގޮސް ޓީޓީ މުބާރާތް ދިމާވަނީ ރޯދަ މަހާ، އެވަރުންވެސް ހަސަން ތައްޔާރުވާނެ ޓީޓީ މުބާރާތުގެ ވަނަ ވެސް ގެންދާނީ ހަސަން." ލަތީފު ވިދާޅުވެ ދެއްވި އެވެ.
"ފުޓްބޯޅައިގައިވެސް ހަމަ އޭރު އެއް ވަނަ، ފުޓްބޯޅައިގެ ތެރެއިން ވަރަށް ބޮޑަށް މަޝްހޫރުވެގެން ދިޔަ، މޫން ސްޕޯޓްސް ކުލަބުގެ އެއް ވަނަ ކުޅުންތެރިޔާ، ވޮލީގައި އޭރު ވަރަށް މަޝްހޫރު ވާނެ، ހަސަންގެ ކޮއްކޮ އައްޔަ [ސައްޔިދު އަލީ]، އައްޔައަށް ވުރެ ހަސަންގެ މަޝްހޫރުކަން ކުޑަ ނުވާނެ، ޓެނިސް ކުޅުއްވި، ހޮކީ، ކްރިކެޓް، އަޅުގަނޑު ހަނދާން އެބަހުރި އެއްފަހަރު ވިކްޓަރީ، ކްރިކެޓް މުބާރާތް ކާމިޔާބު ކުރިއިރު ހަސަން އެ ޓީމުގައި ވަރަށް މޮޅަށް ކުޅުއްވި."
ޓީޓީއަށް އިންގިލާބީ ބަދަލެއް ގެންނަން މަސައްކަތް ކުރި
ދިވެހި ކުޅިވަރު ޓީމެއް ބޭރުގެ މުބާރާތަކަށް އެންމެ ފުރަތަމަ ދިޔައީ، ގައުމީ ޓީޓީ ޓީމެވެ. ހަސަން އާއި ލަތީފު އަކީ އެޓީމުގައި ހިމެނުނު ކުޅުންތެރިންނެވެ. ޗައިނާގައި 1973 ގައި ބޭއްވެވި އެ މުބާރާތަށް ފަހު ރާއްޖޭގެ ޓީޓީގައި އާ ސޮފްހާފެށިގެން ދިޔަ އެވެ.
"އޭރު އަޅުގަނޑުމެންނަކަށް ނުކުޅެވޭ ބޯޅަ ވައްޓާނުުލައެއް، އެފަހަރު ޗައިނާއަށް ދިޔައީމަ ފެނުނު އެ ތަނުގައި ކުޅުނު ކުޅުންތެރިން ބޯޅަ ވައްޓާ ނުލައި ގިނައިރުތަކެއް ވަންދެން ކުޅެމުންދާތަން،" މީގެ 45 އަހަރު ކުރީގެ ހަނދާންތައް ލަތީފު ހިއްސާ ކުރެއްވި އެވެ. "ޗައިނާގެ އެ ޓްއާއިން އަޅުގަނޑުމެންނަށް ހިޔާލެއް ލިބުނީ ކުޅެން ޖެހޭނެ ގޮތުގެ، ހަސަން ވަރަށް ބޮޑަށް ވާހަކަ ދެއްކެވި އެ ސްޓައިލް ދެމެހެއްޓުމާ މެދު، އެއީ ރާއްޖޭގެ ޓީޓީ މިޒަމާނުގެ ގޮތަށް ބަދަލު ވެގެން ދިއުމުގެ ހިސާބަކީ."
ދެން އޮތް ސުވަލަކީ އެ ހުރިހާ ކުޅިވަރެއް ކުޅުއްވަމުން އެ ހުރިހާ ކުޅިވަރަކުން އެއް ވަނަ ގެންދިއުމުގައި ހަސަންގެ ވިނިން ފޯމިއުލާއަކީ ކޮބައިތޯ އެވެ.
"އެއީ ޑެޑިކޭޝަން، ހާޑްވޯކް، އަޅުގަނޑަކަށް ހީނުވޭ ދިވެހި ކުޅިވަރުގައި އެ ވަރުގެ ޝަހުސިއްޔަތެއް އަތުވެދާނެ ހެނެއް، މިއީ އެހެން ބޭފުޅުންނަށް ބުނާ ދެރަ ބަހެއް ނޫން،" ލަތީފު ތަފްސީލު ކޮށްދިނެވެ. "ހަސަންގެ އިތުރުން އަޅުގަނޑަށް ފާހަގަ ކުރެވޭ އިބްރާހިމް އިސްމާއީލް، އެ ދެބޭފުޅުން އެކަނި ކަންނޭންގެ ތިއްބަވާނީ ހުރިހާ ކުޅިވަރެއް ކުޅުއްވައި ކާމިޔާބު ހޯއްދެވި ބޭފުޅުންގެ ގޮތުގައި."
އޭރު ހަސަން މާލޭގައި ދިރިއުޅުއްވި ގެގޭ އަވަށްޓެރިއެއް ކަމަށްވާ އިބްރާހިމް ހަސަން ދީދީ ފޭސްބުކްގައި ބުނެފައި ވަނީ ހަސަންގެ ކާމިޔާބުގެ ސިއްރަކީ ބުރަ މަސައްކަތް ކަމަށެވެ.
"އަޅުގަނޑަކީ އޭރު ހަސަންގެ އަވައްޓެރިއެއް، ހުރިހާ ކުޅިވަރަކުން ޗެމްޕިއަންކަން ހޯދުމަށް އެހާވަރަށް މަސައްކަތް ކުރި ދެ ވަނަ އެހެން މީހެއް އަޅުގަނޑު ނުދެކެން،" އިބްރާހިމް ހަސަން ދީދީ ބުނެފައި ވެއެވެ. "އޭނާ އަކީ ހުރިހާ ކުޅިވަރެއްގައި ޗެމްޕިއަންނެއް އޭނާ އެ ހޯދި ކާމިޔާބުތަކަށް ވަރަށް ޑެޑިކޭޓެޑް އެފަދަ ދެ ވަނަ ބޭފުޅެއް ދެން ނާންނާނެ."
އިބްރާހިމް އިސްމާއީލްއަކީ މަރުހޫމް ޒާހިރު ނަސީރަށް ފަހު ދިވެހި ކުޅިވަރުގެ ދެ ވަނަ ބައްޕަ އެވެ. ހުރިހާ ކުޅިވަރެއް ކުއްވައި ރެފްރީކަންވެސް ކުރެއްވި އެވެ. ހަސަންއާ ބެހޭގޮތުން އިބްރާހިމް އިސްމާއީލް ވިދާޅުވީ ހަސަން އަކީ ހޫރިހާ ކުޅިވަރެއްގައި އޯލްއިން ވަން ކަމަށެވެ.
"ފޫޓްބޯޅައިގައި މޮޅު ފޯވަޑެއް، ހިތްވަރުގަދަ ޖެހިލުން ކުޑަ ހޮކީ ކީޕަރެއް، ކްރިކެޓްގައި ލޯ ހުޅުވޭ ވިކެޓް ކީޕަރެއް، އެ ކުޅިވަރަކަށް ބަދަލު ގެނައި ޓެނިސްގެ ޗެމްޕިއަނެއް، ޓީޓީ ޗެމްޕިއަނެއް، ސައްޔިދު އަލީ ކަހަލަ މޮޅު ވޮލީ ކުޅުންތެރިޔެއް، ބައިސްކަލް ރޭހުގެ ޗެމްޕިއަންނެއް، ބެޑްމިންޓަން ކުޅުންތެރިޔެއް، އަދި ސްމާޓް ޗެސް ކުޅުންތެރިޔެއް،" މިއީ ހަސަންއާ ބެހޭގޮތުން އިބްރާހިމް އިސްމާއިލް ސިފަ ކޮށްދެވި ގޮތެވެ.
"މިއީ ދިވެހި ކުޅިވަރަށް ވަރަށް ހިތާމަވެރި ވަގުތެއް، ހަސަން ކަހަލަ ސްޕޯޓްސް މަނެއް ރާއްޖޭގައި އަދި ނުއުފެދޭ، އަޅުގަނޑު މިއީ ހަސަން އެންމެ ކައިރިން ދުށް އެކަކަކު." ނިންމާލަމުން އިބްރާހިމް އިސްމާއީލް ވިދާޅުވި އެވެ.
މިއަދުގެ ކުޅިވަރު ޖީލަށް ހަސަންގެ ކުޅިވަރުގެ ހަޔާތުން ގިނަ ފިލާވަޅު ތަކެއް ލިބިގެންދާނެ އެވެ. މިއަދު ރާއްޖޭގެ ކުޅިވަރު ވަސީލަތްތައް ތަރައްގީވެއްޖެ އެވެ. ނަމަވެސް މަދު ވަނީ ހަސަން ކަހަލަ ކުޅިވަރުގެ ތަރިންނެވެ.