ކުޅިވަރު

ބަކާ ނިޔަވުމަކީ ލިބުނު ފުން ހިތާމައެއް: ރައީސް

ގައުމީ ފުޓްބޯޅަ ޓީމުގެ ކުރީގެ މިޑްފީލްޑަރު މުހައްމަދު އާރިފް (ބަކާ) ނިޔާވުމަކީ ހުރިހާ ދިވެހި ރައްޔިތުންނަށް ލިބުނު ފުން ހިތާމައެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

އެކްސްގައި މިރޭ ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ ބަކާ އަކީ ރާއްޖޭގައި ކުޅިވަރު ކުރިއެރުވުމަށް ވަކީން ހާއްސަކޮށް ފުޓްބޯޅައަށް ގިނަގުނަ ހިދުމަތްތަކެއް ކޮށްދެއްވައި، ގައުމަށް ފަހުރުވެރި ނަން ހޯއްދަވައި ދެއްވާފައިވާ ހުނަރުވެރި ކުޅުންތެރިޔެއް ކަމަށެވެ.

"މި ހިތާމަވެރި ވަގުތު މަރްހޫމް މުހައްމަދު އާރިފްގެ އާއިލާއަށް ކެތްތެރިކަން ދެއްވުން އެދެމެވެ. އަދި މަރްޙޫމް މުހައްމަދު އާރިފަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް ދެއްވައި، ކީރިތިﷲގެ ނިއުމަތާ ރަހްމަތުގައި ލެހެއްޓެވުން އެދި ދުއާ ކުރަމެވެ."

ބަކާގެ ނިޔާވުމާ ގުޅިގެން ނައިބް ރައީސް ހުސައިން މުހައްމަދު ލަތީފް ވިދާޅުވީ އެ ހަބަރު އެހީ ކުއްލ ހައިރާން ކަމާއެކު ކަމަށެވެ. އަދި އާއިލާއަށް ތައުޒިޔާ ވިދާޅުވެފައިވެ އެވެ.

ބަކާ، އުމުރުން 38 އަހަރުގައި މިއަދު ނިޔާވީ އޭނާގެ ހާލު ރޭ ކުއްލި ގޮތަކަށް ސީރިއަސްވެގެން އޭޑީކޭ ހޮސްޕިޓަލްގެ އައިސީޔޫގައި ރެއިން ފެށިގެން ފަރުވާ ދެމުން ދަނިކޮށެވެ.

ބަކާގެ ހާލު ގޯސްވެގެން ހޮސްޕިޓަލަށް ގެންދިޔައީ އާދަޔާހިލާފަށް ހުން ގަދަވެގެން ކަމަށް "އަވަސް" އަށް މައުލޫމާތު ދެމުން އޭނާގެ އާއިލާ މީހަކު ރޭ ބުނެފައިވެ އެވެ.

ބަކާ ރޭ ހޮސްޕިޓަލަށް ގެންދިޔައީ މިއަހަރުގެ ހައްޖުގެ އަޅުކަން އާދަކުރުމަށްފަހު މާލެ އައިތާ ދެވަނައަށްވީ ދުވަހު ކަމަށް އެނގިފައިވެ އެވެ.