ހަބަރު

ޒަހަމްތަކާއެކު ފެނުނު ކުއްޖާގެ ހާލު ސީރިއަސްއެއް ނޫން: ޕޮލިސް

އައްޑޫ ސިޓީ ހިތަދޫ މަގުމައްޗަށް ޒަހަމްތަކާއެކު އެއްލާލާފައި އޮތްވާ ރޭ ފެނުނު އިރުޝާމް އަބްދުﷲގެ ހާލު ސީރިއަސް ނޫން ކަމަށް ފުލުހުން ބުނެފި އެވެ. ރޭ ޒަހަމްތަކާއެކު މަގުމަތީ އޮއްވާ ފެނުނު ކުއްޖާއަކީ ސަރަފުއްދީން ސްކޫލްގައި ތައުލީމް ހާސިލުކުރަމުންދާ 16 އަހަރުގެ ކުއްޖެކެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ، ކުއްޖާ ހާލު ސީރިއަސް ނޫން ކަމަށާއި މި މައްސަލާގައި މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައިނުވާ ކަމަށެވެ.

ފުލުހުން ރޭ ވިދާޅުވީ ހިތަދޫ ފުލުހުން ޕެޓްރޯލް ކުރުމުގެ ތެރޭގައި ރޭ 10:05 އެހަކަންހާއިރު ހިތަދޫ މަގުމަތިން 16 އަހަރުގެ ފިރިހެން ކުއްޖެއް އޮއްވާ ފެނިފައިވާ ކަމަށާއި އޭނާ އަށް ވަނީ އެކިވަރުގެ ޒަހަމްތަކެއް ލިބިފައި ކަމަށެވެ. އޭނާ އަށް ބޮޑަށް ގެއްލުން ލިބިފައި ހުރީ ބޮލަށް ކަމަށް ވެސް ފުލުހުން ފާހަގަ ކުރި އެވެ.

މައުލޫމާތު ލިބޭ ގޮތުގައި އިރުޝާމް ފެނުނީ ހިތަދޫ އާގަލާ ފިހާރަ ކުރިމަތީ އޮންނަ ހަނި ގޯޅި ތެރެއިންނެވެ. ފުލުހުން ވަނީ އެ ގޯޅި ބަންދުކޮށް ތަހުގީގުކޮށްފަ އެވެ.

ރޭ އައްޑޫ ސިޓީ ހިތަދޫގައި ޒަހަމްތަކެއް ދިނުމަށްފަހު އެއްލާލާފައިވާ ކުއްޖަކު ފެނިފައިވާއިރު މިދިޔަ ބުދަ ދުވަހު ހެނދުނުގެ ވަގުތެއްގައި ހިތަދޫގެ ވިޔަފާރިވެރިޔަކު މަރާލުމަށްފަހު އަލަ އޮޅެއްގެ ތެރެއަށް އެއްލާލާފައި އޮއްވާ ވަނީ ފެނިފަ އެވެ.