ރާއްޖެއަށް މިހާރު ކުރިމަތިވެފައިވާ އިގްތިސާދީ އުދަނގޫ ހާލަތާ ކުރިމަތިލާން ޖެހުނީ މިދިޔަ 10 އަހަރު ތެރޭގައި ސަރުކާރުތަކުން ގެންގުޅުނު ސިޔާސަތުތަކުގެ ސަބަބުން ވޯލްޑް ބޭންކުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ކަންޓްރީ އިކޮނޮމިސްޓް އަދި ރެޒިޑެންޓް ކޯޑިނޭޓަރު އެރްދެމް އަތާސް ވިދާޅުވެއްޖެ އެވެ.
އެރްދެމް މިހެން ވިދާޅުވެފައި މިވަނީ ކްރެޑިޓް ރޭޓިން ކަނޑައެޅުމުގައި މުޅި ދުނިޔޭގައިވެސް އެންމެ ފާހަގަކުރެވެ ކުންފުނި -- ފިޗް ރޭޓިންގްސް އިން ރާއްޖެއަށް ދީފައިވާ "ބީ މައިނަސް"ގެ ރޭޓިން "ސީސީސީ ޕްލަސް"އަށް ދަށްކޮށްފައި ވަނިކޮށެވެ.
އެރްދެމް އަތާސް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރާއްޖެއަށް މިހާރު ކުރިމަތިވެފައިވާ އިގްތިސާދީ ނާޒުކު ހާލަތަކީ މިދިޔަ 10 އަހަރު ތެރޭގައި ބޮޑެތި އަދަދުތަކުން ދަރަނި އުފެއްދުމުގެ އިތުރުން ހަމަ އެ މުއްދަތުގައި މެދުނުކެނޑި ފިޒިކަލް އަދި ކަރަންޓް އެކައުންޓް ޑެފިސިޓް ބޮޑުވާން ދޫކޮށްލުމުން ދިމާވި ހާލަތެއް ކަމަށެވެ.
އެރްދެމް ވިދާޅުވީ އިގްތިސާދީ ކުރިއެރުމެއް އަޔަސް އަދި އިތުރު މާލީ އެހީތަކެއް ރާއްޖެއަށް ދިން ނަމަވެސް މިހާރު ކުރިމަތިވެފައިވާ މައްސަލަތަކަށް ހައްލެއް ނުލިބޭނެ ކަމަށެވެ.
ރާއްޖޭގެ އިގްތިސާދަށް ކުރިމަތިވެފައިވާ ނާޒުކުކަން ހައްލުކުރުމަށްޓަކައި ފިސްކަލް އަދި ކަރަންޓް އެކައުންޓް ޑެފިސިޓް ކުޑަކުރުމަށް އެންމެ މުހިއްމީ ހަރަދު ކުޑަކުރުން ކަމަށް އެރްދެމް ވިދާޅުވި އެވެ.
"[ހަރަދު ކުޑަކޮށްފިނަމަ] އެމްއެމްއޭގެ ރިޒާވަށް އެކަމުން އެހީތެރިކަމެއް ވެދެވޭނެ. މެދު ރާސްތާއެއްގައި ދަރަނީގެ ހާލަތު ރަނގަޅު ކުރުމަށްވެސް އެހީތެރިވެދޭނެ،" އިސްލާހީ ފިޔަވަޅުތައް އަޅައިފިނަމަ ރާއްޖެއަށް ހުރި ރަނގަޅު ކަންކަން ހިއްސާކުރައްވަމުން އޭނާ ވިދާޅުވި އެވެ.
އެރްދެމް އިތުރަށް ވިދާޅުވީ ރާއްޖޭގެ އިގްތިސާދީ ހާލަތު ރަނގަޅު ކުރުމަށް ގެންނަން ޖެހޭ އިސްލާހީ ބަދަލުތައް ގެނައުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ އަގުވަޒަންކުރައްވާ ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި އިއްޔެ ވާހަކަފުޅު ދައްކަވަމުން ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގު ވިދާޅުވީ ދައުލަތުގެ އިގްތިސާދީ ހާލަތު ރަނގަޅު ކުރުމަށް ސަރުކާރުން އެކުލަވާލާފައިވާ ރިފޯމް އެޖެންޑާ ތަންފީޒު ކުރުން ލަސްކުރެވެން ނެތް ކަމަށެވެ. މިއަހަރުގެ ތެރޭގައި ސަބްސިޑީ ދޭ އުސޫލު މުރާޖައާ ކުރުމަށްފަހު ކޮންމެހެން ބޭނުންވާ މީހުންނަށް ޓާގެޓް ސަބްސިޑީ ދިނުމުގެ އުސޫލެއް ފައްޓަވާނެ ކަމުގެ އިޝާރާތެއް މިނިސްޓަރު ދެއްވެވި އެވެ. އަދި ކުންފުނިތަކުގެ ހިންގުން ހަރުދަނާކޮށް ކުންފުނިތަކަށް ސަރުކާރުން ސަބްސިޑީގެ ގޮތުގައި ކުރާ ހަރަދުތައް ކުޑަކުރުމަށް ވަރުގަދަ ފިޔަވަޅުތަކެއް އަޅާނެ ކަމުގައިވެސް ވިދާޅުވި އެވެ. އަދި ގައުމު ރަނގަޅު ހާލަތަކަށް ގެންދަން ބޭނުންވާނަމަ އެންމެ ލަސްވެގެން ކުރިއަށް އޮތް ޖުލައި މަހުން ފެށިގެން ފިޔަވަޅުތައް އަޅަން ފަށަންޖެހޭ ކަމުގައިވެސް މިނިސްޓަރު ވިދާޅުވި އެވެ.