ދިރާގު

ދިރާގުން ދޭން ވައުދުވި ޓެސްލާ ކާރު ނަސީބުވެރިޔާއާ ހަވާލުކޮށްފި

ދިރާގުން ކުރިއަށް ގެންދިޔަ "ވިން އަ ޓެސްލާ" ޕްރޮމޯޝަންގެ ނަސީބުވެރިޔާއަށް އަގުހުރި ޓެސްލާ ކާރު ހަވާލުކޮށްފި އެވެ.

ދިރާގު ހެޑް އޮފީހުގައި މިއަދު ބޭއްވި ހާއްސަ ހަފްލާއެއްގައި ޓެސްލާ ކާރުގެ ނަސީބުވެރިޔާ -- ކ. ތުލުސްދޫއަށް އުފަން މުސްތަފާ މުހައްމަދާ އެ ކާރު ހަވާލުކޮށްދެއްވީ ދިރާގުގެ ސީއީއޯ އިސްމާއިލް ރަޝީދު އެވެ.

ކާރާ ހަވާލުވުމަށްފަހު މުސްތަފާ ބުނީ މިފަދަ އަގުހުރި އިނާމެއްގެ ނަސީބުވެރިއެއްގެ ގޮތުގައި ހޮވުނުކަން އެންމެ ފުރަތަމަ ގަބޫލުކުރަން ދަތިވި ނަމަވެސް އޭނާ އާއި އޭނާގެ އާއިލާއަށް ކާރު ލިބުމުން ވަރަށް އުފާވެއްޖެ ކަމަށެވެ.

މީގެ އިތުރުން ދިރާގުން ކުރިއަށް ގެންދާ ތަފާތު ޕްރޮމޯޝަންތަކުގެ ތެރެއިން މިފަދަ ހިތްގައިމު ފުރުސަތެއް ކަސްޓަމަރުންނަށް ފަހިކޮށްދިން ކަމަށްޓަަކައި އެކަމަށްވެސް އެނާ ވަނީ ދިރާގަށް ޝުކުރު އަދާކޮށްފަ އެވެ.

މުސްތަފާއަކީ ދިވެހިރާއްޖެއަށް މޯބައިލް ފޯނުގެ ހިދުމަތް ތައާރަފް ކުރި ހިސާބުން ފެށިގެން ދިރާގުގެ ހިދުމަތް ބޭނުން ކުރަމުން އަންނަ ކަސްޓަމަރެކެވެ.

ދިރާގު ހެޑް އޮފީހުގައި މިއަދު އޮތް ހަފްލާގައި މުސްތަފާގެ އާއިލާގެ އިތުރުން ދިރާގުގެ މެނޭޖްމަންޓާއި މުވައްޒަފުންވެސް ބައިވެރިވި އެވެ.

ދިރާގުން ކުރިއަށް މިދިޔަ އަހަރު އޮކްޓޫބަރު އެކަކުން މިއަހަރުގެ ޖެނުއަރީ 31ގެ ނިޔަލަށް ކުރިއަށް ގެންދިޔަ "ވިން އަ ޓެސްލާ" ޕްރޮމޯޝަނަކީ ކަސްޓަމަރުންނަށް ޓެކްނޮލޮޖީގެ އެހީގައި ތަފާތު، އާ ތަޖުރިބާއެއް ފޯރުކޮށްދިނުމުގެ މަގުސަދުގައި އެކުނުފުނިން ލޯންޗުކުރި ޕްރޮމޯޝަނެކެވެ.

މި ޕްރޮމޯޝަން ވެގެން ދިޔައީ ރާއްޖޭގެ ގިނަ ބައެއްގެ ސަމާލުކަން ލިބުނު އަދި އާންމުންގެ މަގުބޫލުކަން ލިބުނު މާކެޓިން ހަރަކާތަކަށެވެ. ނަސީބުވެރިޔާއަށް ދިން ޓެސްލާ ކާރަކީ ދިރާގުގެ ތާރީހުގައިވެސް އަދި މިހާތަނަށް އެކުންފުނިން ހުށަހެޅި އެންމެ އަގުބޮޑު އިނާމެވެ.

ދިރާގުގެ އަމާޒަކީ ކަސްޓަމަރުންނަށް އެންމެ ހިތްހަމަޖެހޭ ފެންވަރުގެ ހިދުމަތްތައް ފޯރުކޮށްދީ އަދި ތަފާތު ފޯރިގަދަ ޕްރޮމޯޝަންތަކާއި ހަރަކާތްތައް ފުރިހަމަ ގޮތެއްގައި ކަސްޓަމަރުންނަށް ގެނެސްދިނުން ކަމަށް އެ ކުންފުނިން ބުނެ އެވެ.