ހަބަރު

ރާއްޖެ-ލަންކާ ގުޅިގެން ހުއިފިލަނޑާގެ ވިޔަފާރިކުރަން މަޝްވަރާކުރަނީ

ރާއްޖެ އާއި ސްރީ ލަންކާ ގުޅިގެން ހުއިފިލަނޑާގެ ވިޔަފާރި ކުރުމާ މެދު ދެ ގައުމުގެ މެދުގައި މަޝްވަރާތައް ފަށައިފި އެވެ.

ރާއްޖޭގެ ފިނޭންސް މިނިސްޓަރު އަބްދުﷲ ޖިހާދު ހާއްސަ ވަފުދަކާ އެކު ސްރީ ލަންކާ އަށް ވަޑައިގެން އެ ގައުމުގެ އިންޑަސްޓްރީ އެންޑް ކޮމާސް މިނިސްޓްރީގެ ވެރިންނާ އެކު ދެއްކެވި ވާހަކަތަކާ ބެހޭގޮތުން، ލަންކާ ސަރުކާރުގެ ހަބަރުތައް ގެނެސްދޭ ރަސްމީ ވެބްސައިޓުގައި ބުނެފައި ވަނީ މަސްވެރިކަމާއި މެރިކަލްޗާގެ ވިޔަފާރި ފުޅާކުރަން ދިވެހި ސަރުކާރުން ވަރަށް ބޮޑު އަހަންމިއްޔަތުކަމެއް ދޭ ކަމަށެވެ.

"މަސްވެރިކަމާއި މެރިކަލްޗާ ވެސް ފުޅާކުރަން އަޅުގަނޑުމެންގެ ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދޭ. ރާއްޖޭން ދެކެނީ ލަންކާ އަކީ މިކަމުގައި ބައިވެރިކުރަން އެކަށީގެންވާ ވަރަށް ރަނގަޅު ބައިވެރިއެއް ކަމަށް ... ހުއިފި ލަނޑާ އަށް ބައިނަލްއަގުވާމީ ބާޒާރުގައި ދަނީ ތަރުހީބު އިތުރުވަމުން،" މިނިސްޓަރު ޖިހާދާ ހަވާލާދީ ބުނެފައިވެ އެވެ.

ލަންކާގެ އިންޑިސްޓްރީ އެންޑް ކޮމާސް މިނިސްޓަރު ބަތީއުއްދީން ބައިވެރިވެ ވަޑައިގެންނެވި ބައްދަލުވުމުގައި މިނިސްޓަރު ޖިހާދު ވިދާޅުވެފައި ވަނީ ހުއިފިލަނޑާ ވިއްސައި އާލާކުރުމަށް ދެ ގައުމު ގުޅިގެން މަސައްކަތް ކުރެވިދާނެ ކަަމަށެވެ. އަދި މިކަމުން ލިބޭ ނަފާ ދެ ގަައުމުގެ މެދުގައި ހިއްސާކުރެވޭނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވެފައިވެ އެވެ.

"...އަޅުގަނޑުމެންގެ ހުށަހެޅުމަކީ ކަނޑުގެ މި އަގުހުރި ބާވަތުގެ ވިޔަފާރި ކުރުމަށް ލަންކާއާ އެކު ޖޮއިންޓް ވެންޗާއެއް ހެދުން. އަޅުގަނޑުމެންގެ ރީސާޗްތަކުން ދައްކަނީ ލަންކާގެ ކަނޑުގެ ލޮނުމިން އަދި މަޑުގެ މިންވަރު ހުންނަ ގޮތުން ލަންކާގައި ދެ ގުނަ އަވަހަށް ހުއިފިލަނޑާ ބޮޑުވާ ކަމަށް ...،" ޖިހާދު ވިދާޅުވި ކަމަށް ބުނެފައިވެ އެވެ.

މިނިސްޓަރު ޖިހާދު ވިދާޅުވެފައި ވަނީ ލަންކާގެ މެރިކަލްޗާ ފާމަކާ ގުޅިގެން މަންނާރުުގައި މިހާރުވެސް ހުއިފިލަނޑާ އާލާކުރުމުގެ ދިރާސާތަކެއް ކުރިއަށް ގެންދާ ކަމަށާއި ނަތީޖާ ވަރަށް އުންމީދީ ކަމަށެވެ. އެހެންވެ މިއީ ރާއްޖެ އާއި ލަންކާ ގުޅިގެން ވިޔަފާރީގެ ގޮތުގައި ކުރެވިދާނެ ކަމެއް ކަމަށާއި މިކަމުން ދެ ގައުމުގެ އެކްސްޕޯޓް ވެސް އިތުރުވެގެން ދާނެ ކަމަށް ޖިހާދު ވިދާޅުވެފައިވެ އެވެ.

ލަންކާގެ އިންޑަސްޓްރީ އެންޑް ކޮމާސް މިނިސްޓަރު އެ ބައްދަލުވުމުގައި ވިދާޅުވެފައި ވަނީ ރާއްޖޭގެ ހުށަހެޅުމަށް ޝައުގުވެރިވާ ކަމަށާއި އެ ހުށަހެޅުމާ ބެހޭ ތަފްސީލްތައް ހުށަހެޅުމަށް އެދިވަޑައިގަންނަވާ ކަމަށެވެ. އަދި މިއީ ލަންކާގެ އާ ސަރުކާރުން ވެސް ބޭނުންވާ ގޮތަށް ގައުމުގެ އެކްސްޕޯޓް އިތުރުކޮށް ނަފާ ހޯދަން ކުރަން ރަނގަޅު ކަމެއްގެ ގޮތުގައި ލަންކާގެ މިނިސްޓަރު ވަނީ ފާހަގަކުރައްވައިފަ އެވެ.

ހިއްކާފައި ހުންނާ ހުއިފިލަނޑާ އަށް އެމެރިކާ ސަަރަހައްދާއި ޔޫރަޕްގައި ވެސް ޑިމާންޑް އޮވެ އެވެ. ނަމަވެސް އެންމެ ބޮޑު ޑިމާންޑެއް އޮންނަނީ ދެކުނު އިރުމަތީ އޭޝިއާގެ ގައުމުތަކުންނެވެ. ލަންކާ ސަރުކާރުގެ ވެބްސައިޓްގައި ބުނެފައިވާ ގޮތުގައި މިދިޔަ މަހު ލަންކާ އިން ހުއިފިލަނޑާ އެކްސްޕޯޓްކޮށްފައި ވަނީ ކިލޯއަކަށް 75-201 އެމެރިކާ ޑޮލަރުގެ މަގުންނެވެ. އަދި ހުއިފިލަނޑާގެ ޑިމާންޑާ އެއްވަރަށް ސަޕްލައި ނުކުރެވޭ ކަމަށް ވެސް ބުނެފައިވެ އެވެ.